މާރިޔާ އަހުމަދު ދީދީ

ސަލާމަތީ ގޮންޖެހުންތަކުގެ އަސަރު ރާއްޖެއަށް ކުރޭ: މާރިޔާ

Mar 19, 2022

ދުނިޔޭގެ ސަލާމަތީ ވެށްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ އަސަރު ރާއްޖެ ހިމެނޭ ސަރަހައްދަށް ކުރަން ފަށާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އެވްސެކޮމް)ގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މާރިޔާ ވިދާޅުވީ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ގޮންޖެހުން ކުރިމަތިވާ ފަދަ ބަދަލުތައް އަންނަމުންދާއިރު އެ ބަދަލުތަކުގެ އަސަރު ރާއްޖެ ހިމެނޭ ސަރަހައްދަށް ކުރާ ކަމަށެވެ. އެފަދަ ބިރުވެރިކަމެއް އޮތް ކަން ޔަގީންކޮށްދިނުމުގެ ގޮތުން މާޒީގައި ފާހަގަކޮށްލެވޭ ބައެއް ހަމަލާތަކާއި ހާދިސާތައް ހިއްސާކުރެއްވި އެވެ. އެގޮތުން އަވަށްޓެރި ސްރީލަންކާގައި ފަހުގެ ތާރީހެއްގައި ދިން އެންމެ ނުރައްކާތެރި ބޮމުގެ ހަމަލާ -- އީސްޓަ ސަންޑޭ ހަމަލާއާއި، މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި އަދި އދ. މަހިބަދޫ ފަޅުގައި އަޅާފައި އޮތް ލޯންޗުތަކެއްގައި ރޯކޮށްލި ހާދިސާ ފާހަގަކުރެއްވި އެވެ. އެފަދަ ހަމަލާތަކާ ގުޅޭ ޖަރީމާތަކުން، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ހާމަވާ ކަމަށްވެސް މިނިސްޓަރު ވިިދާޅުވި އެވެ.

"އެފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އޭވިއޭޝަން ކޮމާންޑްގެ ދައުރު ވަރަށް މުހިއްމު،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް)ގެ މުވައްޒަފުން 24 ގަޑިއިރު، އެއްވެސް ވަރުބަލިކަމެއްނެތި ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ. ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވާ އަދި އެތެރޭގެ އުދުހުންތައް އިތުރުވެފައިވާ ރާއްޖޭގެ 18 އެއާޕޯޓުން ފުރާ އަދި ޖައްސާ ކޮންމެ ފްލައިޓަކާއި، އެފްލައިޓަކަށް އަރާ ކޮންމެ ފަސިންޖަރަކާއި، އެފްލައިޓަކުން އުފުލާ ކޮންމެ ފޮށްޓަކާއި، ކާގޯއަކީ، ސަލާމަތީ ގޮތުން އެއްވެސް ނުރައްކަލެއް ނެތް އެއްޗެއްކަން ބަލައި، ކަށަވަރުކުރަނީ އެވްސެކޮމުން ކަމަށް ވިދާޅުވި އެވެ.

ފަސިންޖަރުންގެ ހަށިގަނޑު ޗެކް ކުރުމާއި، ލަގެޖު ޗެކްކުރުމާއި، ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތުތަކެއް އެވްސެކޮމްގެ ސެކިއުރިޓީ އޮފިސަރުން ފުރިހަމަކުރުމަކީ އެ ބޭފުޅުންގެ ޒިންމާއެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު އާންމު ރައްޔިތުންނަށް ބައެއް ފަހަރު އެކަންކަމުގެ ސަބަބުން އުނދަގޫ ވިޔަސް އެއީ އާހިރުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަންތައްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މިކަމުގައި ރައްޔިތުން ފުރިހަމަ އެއްބާރުލުން ދިނުން މުހިއްމު،" މިނިސްޓަރު ވިދާޅުވި އެވެ.

އޭވިއޭޝަން ސެކްރެޓީ ކޮމާންޑް ވަކިން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖެއްސީ 2013 ވަނަ އަހަރު އެވެ. އޭގެފަހުން މިއަދާ ހަމައަށް ވެސް އެތަނުގައި މަގާމުގެ ކުރިއެރުން ނުލިބޭ މުވައްޒަފުންތަކެއް މަސައްކަތް ކުރާތީއާއި އެފަދަ މުވައްޒަފުންނަށް މިއަދު މަގާމުގެ ކުރިއެރުން ލިބިފައިވާތީ މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވާފަ އެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ވަކިން ހާއްސަކޮށް ކޯވިޑް-19ގެ ދަތިއުނދަގޫ ވަގުތުގައި ކުރި މަސައްކަތް ވެސް މިނިސްޓަރު ވަނީ ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވާފަ އެވެ.

އޭވިއޭޝަން ސެކްރެޓީ ކޮމާންޑްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުޕްރިންޓެންޑެންޓް އޮފް އޭވިއޭޝަން ސެކިއުރިޓީގެ މަގާމަށް މިއަދު އަންހެން ބޭފުޅުން އައްޔަންކުރައްވާފައިވާތީ އެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.