މާރިޔާ އަހުމަދު ދީދީ

ސިފައިންނަށް ފުލެޓް ލިބުނު ކެޓަގަރީ އުވާލާކަން ނޫޅެން: މާރިޔާ

ހިޔާ މަޝްރޫއުގެ ދަށުން ފުލުހުންނާއި ސިފައިންނަށް ފުލެޓް ލިބުނު ކެޓަގަރީ އުވާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދޮގު ކުރައްވައިފި އެވެ.

ފްލެޓް ހައްގުވާ މީހުންނަށް ފްލެޓް ހޯދައިދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމުގައިވާ އާއްމުންގެ އެކުވެރި ގުޅުމުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފުލުހުންނަށް ކަނޑައަޅާފައިވާ 300 ފްލެޓާއި ސިފައިންނަށް ކަނޑައެޅި 300 ފްލެޓު ސަރުކާރަށް ނަގަން އެ ދެ ކެޓަގަރީ އުވާލަން މަޝްވަރާ ކުރަމުންދާ ކަމަށް އެނގިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ކެޓަގަރީ އުވާލާކަމަށް ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސިފައިންނަށް ލިބޭ 300 ފްލެޓުގެ ފޯމުތައް ސިފައިންގެ ތެރެއިން ނަގާފައިވާ ޓީމަކުން ދިރާސާކޮށް އިންޓަވިއު ވެސް ކޮށްފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސިފައިންނަށް ލިބިފައިވާ ފްލެޓްތައް ކަނޑައަޅާނީ ކޮމިޓީގެ ދިރާސާތަކާއި އިންޓަވިއުތަކަށް ފަހު ކަމަށްވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ލިބިފައިވާ ބައެއް މީހުންނަށް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ލިޔުމެއް އޮތަސް، ލިޔުން އޮތް އެންމެންނަށް އެ މަޝްރޫއުގެ ތެރެއިން މިވަގުތު ފްލެޓް ލިބެން ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.