އަލިފާން

މޯނިންވިއުގެ އާއިލާތަކަށް އެހީވާން ހަރަކާތެއް

މއ. މޯނިންވިއުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ގެއްލުން ލިބުނު މީހުނަށް އެހީވުމަށްޓަކައި ހާއްސަ ހަރަކާތެެއް ކުރިއަށް ގެންދަން މާލޭ ޔޫތް ކޮމިއުނިޓީން ނިންމައިފި އެވެ.

މާލޭ ޔޫތު ކޮމިއުނިޓީން ބުނީ މޯނިންވިއުގައި ރޯވެ ގެއްލުން ލިބުނު މީހުނާއި އެމީހުން ދިރިއުޅު ތަންތަން އަލުން ހެދުމަށްޓަކައި ބޭނުންވާ ފައިސާ ހޯދަން ފަންޑު ފޮއްޓެއް ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

މާލޭ ޔޫތު ކޮމިއުނިޓީ އަކީ މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ދަތިވާ އެކި ކަންކަމުގައި އެހީތެރިވެދީ ތަފާތު އިޖުތިމާއި ހަރަކާތްތައް ހިންގުމަށް އަމާޒު ކޮށްގެން މިދިޔަ މަހު ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާ އެކެވެ.

ފަންޑު ފޮށި ބަހައްޓާން ނިންމާފައިވަނީ މާދަމާގެ ހުކުރު ނަމާދަށް ފަހު އެވެ. އެ ޖަމިއިއްޔާއިން ރާވާފައިވާ ގޮތުން ފަންޑުފޮށި ބަހައްޓާނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެވެ. ހުކުރު ދުވަހު ފަންޑު ފޮށި ބަހައްޓާނީ ބުރުޒު މަގުގައެވެ. ހޮނިހިރު ދުވަހު ޕީޓްރަލް ހޮޓެލް ކައިރީގައެވެ. ތަރުހިބޭ ލިބޭ ގޮތެއް ބެލުމަށްފަހު އާދީއްތަ ދުވަހު ވެސް ފަންޑުފޮށި ބެހެއްޓުމާ މެދު ފަހުން ގޮތެއް ނިންމާނެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު 5:00 ހާއިރު އެންމެ ފުރަތަމަ އަލިފާން ރޯވީ މޯނިންވިއުގެ ހަތަރުވަނަ ފަންގިފިލާގަ އެވެ. އެކަމަކު އަލިފާނާ ގުޅިގެން އެ ގޭގެ ތިންވަނަ ފަންގިފިލާގައި ވެސް ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.