ދުނިޔެ

ނަތަންޔާހޫ ދުރު ކުރުން ނޫން ޝައުގެއް ޕާޓީތަކުގެ ނެތް

އިޒްރޭލުގައި އިދިކޮޅު ޕާޓީތަކުން އާ ސަރުކާރެއް އުފައްދަނީ އެވެ؛ އިދިކޮޅު އަށް ޕާޓީ ގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލި ނަމަވެސް ދެމި އޮންނާނެ ކަމާ މެދު ޝައްކެވެ. ޕާޓީތަކަށް އެއްގަލަކަށް އެރުނީ ސަރުކާރެއް އުފައްދަން އޮތް ޝައުގުވެރި ކަމަށް ވުރެ ބޮޑަށް ބެންޖަމިން ނަތަންޔާހޫ ބޮޑުވަޒީރު ކަމުން ދުރު ކުރަން އޮތް އެދުންވެރިކަމާ ހެދި އެވެ.

އިޒްރޭލުގައި ސަރުކާރެއް އެކުލަވާލަން އެއްވެސް ޕާޓީއަކަށް ފުރުސަތު ލިބެނީ ގާނޫނު ހަދާ މަޖިލީސް، ކްނެސެޓްގައި ހިމެނޭ 120 ގޮނޑިއަށް ވާދަކޮށް އަޣުލަބިއްޔަތު ލިބުމުންނެެވެ. އެއީ 61 ގޮނޑި އެވެ. އެހެން ނަމަވެސް މާޗް 23 ގައި އޮތް އާންމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެ އެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް އަޣުލަބިއްޔަތު ނުލިބުމުން ކޯލިޝަން ހަދައިގެން ސަރުކާރެއް އެކުލަވާލަން ރައީސް ރޫވެން ރިވްލިން 28 ދުވަސް ދެއްވި އެވެ. އެހެން ނަމަވެސް ވަގުތު ފާއިތުވި އިރުވެސް ނަތަންޔާހޫއާއެކު ކޯލިޝަން ހަދާނެ ޕާޓީއެއް ނުވި އެވެ.

ރައީސް ރޫވެން ރިވްލީން 28 ދުވަސް ދެން ދެއްވީ އިދިކޮޅު ލީޑަރު ޔައީރު ލަފީދަށެވެ. އިދިކޮޅު ޕާޓީތަކުން މިހާރު އެތިބީ އިޒްރޭލުގައި ކޯލިޝަން ސަރުކާރެއް އެކުލަވާލަން ތައްޔާރަށެވެ. ޕާޓީތަކުން އެއްބަސްވެފައި ވަނީ ފުރަތަމަ ދެއަހަރު ނަފްތަލީ ބެނެޓް ބޮޑުވަޒީރުކަން ކުރެއްވުމަށެވެ. ޔައީރު ލަޕީދަށް ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނީ ދެ އަހަރަށް ފަހު އެވެ.

އާސަރުކާރެއް އެކުލަވާލެވޭނީ ގާނޫ ހަދާ މަޖިލީހުން ރުހުން ލިބުމުންނެވެ. ރައީސް ރޫވެން ރިވްލީން މިހާރު ވަނީ ކުރިއަށް ވަޑައިގަތުމަށް ޔައީރު ލަޕީދަށް ފުރުސަތު ދެއްވާފަ އެވެ.

އިޒްރޭލުގައި އަށް ޕާޓީއެއްގެ އަށް ފިކުރަކުން ސަރުކާރެއް ހިންގުމަކީ ނާދިރުކަމަކަށް ވާނެ އެވެ. އާ ސަރުކާރެއް އެކުލަވާލަން ނުވަތަ ނަތަންޔާހޫ ބޭރު ކޮށްލަން އެއްބައިވި ނަމަވެސް އިޒްރޭލާ ފަލަސްތީނާ އޮތް ގުޅުން މި ކޯލިޝަނަށް ހިޔަނި އަޅާނެ އެވެ. އެއްބައިވަންތަ ސަރުކާރުގައި އިޒްރޭލު އަރަބި ޕާޓީ ޔުނައިޓެޑް އަރްބް ލިސްޓް ވެސް އޮތީ ހިމަނާފަ އެވެ.

ކޯލިޝަން ސަރުކާރުގައި ފަލަސްތީން ބިންތައް ހިސޯރުކުރަން ގޮވާލާ ފިކުރާއި ދެދައުލަތަކަށް ސަޕޯޓްކުރާ ފިކުރާއި އެއްބަޔަކު އަނެއްބަޔަކާ އެއްގަލަކަށް އެރޭނެ އެއްވެސް ހާޖަތެއް ނެތް ފިކުރު ވެސް ހިމެނެ އެވެ.

ގާނޫންހަދާ މަޖިލީހުން މިކޯލިޝަނަށް ރުހުންދޭ ހިސާބުން ނަތަންޔާހޫއަށް މަގާމު ގެއްލޭނެ އެވެ. އެހެން ނަމަވެސް، އެއަށް ވުރެ ކުރިން ކޯލިޝަން ފޭލިކޮށްލުމަށްޓަކައި ނަތަންޔާހޫ މިހާރު ވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ. އޭނާ ދައްކާ ވާހަކަ އަޑު އަހާ މީހަކު ގާނޫނު ހަދާ މަޖިލީހުގައި ހުރި ނަމަ ކޯލިޝަނަށް ދެކޮޅުހަދަން އޭނާ ވަނީ ގޮވާލާފަ އެވެ.