ވާހަކަ

ވޭންތަކުން ދިން

(31 މެއި 2021އާ ގުޅޭ)

"އޭނ؟" ނާއިކަށް ކޮޅަށް ތެދުވެވުނީ އޭނާގެ އިޚުތިޔާރުން ބޭރުންނެވެ.

"ތީ ކާކު؟" ނާއިކުގެ ފަރާތުން ފެންނަން ފެށި އާދަޔާ ޚިލާފު ހަރަކާތްތައް އައިޝާގެ ކުރިމަތީގައި ފައުޅުވަމުން ދިޔައެވެ.

"ކިހިނެއްވީ؟" އައިޝާ މަޑުމަޑުން ކޮޅަށް ތެދުވަމުން ހިފައިލީ ނާއިކުގެ އަތުގައެވެ. ވަގުތުން ކަމުގެ ޙަޤީޤަތް އޮޅުވައިލައި، މަންޒަރު ބަދަލުކޮށްލަން ނާއިކަށް މަޖުބޫރު ވިކަހަލައެވެ. އެކޮޅުން ވާހަކަ ދެއްކި މީހާ އަޅައިލި ސުރުޙީ އަކީ ބޮޑު ހާދިސާއެއްކަން އެނގޭ ޙާލުގައެވެ.

"މިގަޑީތަ އޮފީހަށް ދާންވީ؟ ވަރަށް އެމަރޖެންސީތަ؟" ވާހަކަ ބަދަލުކޮށްލަމުން ނާއިކު ފޯނުން ވާހަކަދައްކަމުން ދިޔައެވެ. ގުޅީ އޮފީހުންކަން އެނގުމުން ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް އައިޝާއަށް ލިބުނެވެ. ނަމަވެސް ވެގެން އުޅޭ ގޮތް ބޮޑަށް ސާފު ނުވާތީ، ހިތަށް ލިބެން ޖެހޭ މިންވަރަށް ހަމަ ޖެހުން އޭނާއަށް ލިބިގެން ނުދެއެވެ.

"އަހަރެން އެބަ އަންނަން އިނގޭ! ޚަބަރު ދެއްޗޭ!" ނާއިކު ވަރަށް އަވަސްކޮށް ހޮސްޕިޓަލުން ނުކުމެގެން ދިޔައީ އައިޝާގެ ކޮލުގައި ލޯބިން ހިފައިލުމަށްފަހު ގައެވެ.

***

އަނެއް ދުވަހަށް އިރު އަރަން ތައްޔާރު ވަމުން ދިޔައިރު ވެސް ވާހިދާގެ ލޮލުން ނިދީގެ އެއްވެސް ހިލަމެއް ނުފެނެއެެވެ. މަލާކު ދެއްކި ވާހަކަތަކުން ވާހިދާގެ ނިދި ގެއްލި، މުޅި މީހާ ވަނީ ބޮޑު ނުތަނަވަސް ކަމަކަށް ހުށައެޅިފައެވެ. މިއީ ދުވަހަކު ވެސް ވާހިދާ އުއްމީދު ކޮށްގެން ހުރި ކަމެއް ނޫނެވެ.

"މަލާކަށް ވެސް ދެން އެ ނޫން މީހެއް ނުފެނުނީތަ؟ އަހަރެން ދެން ކިހިނެއް ހަދާނީ؟ ވިސްނާ ވިސްނާ ބޯ ގޮވަން ގާތް ވެއްޖެ! އަދި އަނެއްކާ އަހަރެން މީ މަލާކުގެ މަންމަކަން އެނގެއްޖިއްޔާ، ނާއިކަށް ވާނެ ގޮތް ވެސް ނޭނގެ. ކޮންމެ ގޮތެއް ވިޔަސް، މި ހުރިހާ ލަދެއްގަ ބެދޭނީ އަހަރެން.. ދެން ކިހިނެއްބާ ހަދާނީ؟" ނުތަނަވަސް ހިތަކާ އެކު ވާހިދާ ގެންދިޔައީ އޭނާގެ ޟަމީރާ ވާހަކަދައްކަމުންނެވެ.

***

"ބުނެބަލަ! ތީ ކާކުތަ؟ ކޮބާ ކަލޭގެ ބޭނުމަކީ؟" ހޮސްޕިޓަލުން ބޭރަށް ނުކުތުމަށްފަހު، ނާއިކު އެހެން އަހައިލީ ހަރުކަށި ކޮށެވެ.

"ބަލަބަލަ! ތިޔަ ހަމަ ޖެހޭ! ކަލޭ މާ ރުޅިގަދަ ވާނެ ކަމެއް ނެތޭ. ހުރިހާ ބާރެއް މި އޮތީ އަހަރެންގެ އަތުގަ. ހައްހައްހާ. މި ވީޑިއޯ ލީކު ވެއްޖިއްޔާ ބަލަ ކާކަށްތަ ދެރަ ވާނީ. ހުރޭ. އެބަ ފޮނުވަން ވީޑިއޯ ކަލޭ ފޯނަށް. ވައިބަރ ބަލާ.." އެހެން ބުނުމަށްފަހު، އެކޮޅުން ފޯނު ކަނޑައިލިއެވެ. ނާއިކުގެ ހިތުގެ ވިންދު ދިޔައީ އަވަސް ވަމުންނެވެ. ދިރިއުޅުން ހަލާކު ވަމުން ދަނިކޮށް، ވަރަށް ޙާލުން ދިރިއުޅުން އަލުން އަނބުރައި ލިބުމުން، އަނެއްކާ ވެސް ދިރިއުޅުން ހަލާކު ވާނެ ފަދަ ބިޔަ ބޮޑު ރާޅެއް ނާއިކުގެ ޙަޔާތަށް ބިންދައިލަން އޭނާ ނޭދެއެވެ.

ވައިބަރަށް އައި ވީޑިއޯ ބަލަމުން ދިޔަ ނާއިކުގެ ދެލޯ ފެންކަޅި ވެގެން ދިޔައީ އޭނާ ހީވެސް ނުކޮށް ހުއްޓައެވެ. ނާއިކުގެ ދެލޯ ކުރިމަތިން ފެންނަމުން ދިޔައީ އޭނާއަށް ހެދުނު ވަރަށް ބޮޑު މިސްޓޭކެކެވެ. އެއީ މުޅި މީހާގެ އަނބުރާއި ޢިއްޒަތް ވެއްޏާ މޮޑެވިގެން ދާނެ ކަމެއްކަން ޚުދު، ނާއިކު އޭނާގެ ހިތުގެ އަޑިން ޤަބޫލު ކުރެއެވެ. ލަސްކުރާކަށް ނާއިކު އެއްވެސް ޙާލެއްގައި ބޭނުމެއް ނުވިއެވެ. ވަގުތުން ފޯނު ނަގައި، ނާއިކު ގުޅައިލީ އެ ނަމްބަރަށެވެ.

"ކޮން ކަމެއް ކަލޭ ބޭނުން ވަނީ؟ ބުނެބަލަ! އަހަރެން ބޭނުން ކަލެއާ ދިމާކޮށްލަން.." ހިތް އަވަސް ވެފައިވާ ނާއިކު ވާހަކަ ދައްކަމުން ދިޔައީ ވެސް ނުހަނު އަވަހަށެވެ.

"ހެހެ. އަހަރެން ބޭނުމެއް ނޫން ދިމާ ކުރާކަށް.. އަހަރެން ބޭނުމީ މި ވީޑިއޯ ލީކު ކޮށްލަން. ތި ކަހަލަ ތަންދޮރު ނުދަންނަ ވަޒީރުން އަހަރެމެން ބޭނުމެއް ނޫން.." އެކޮޅުން ހެމުން ބުނެލި ވާހަކައިން ނާއިކަށް އިތުރަށް އުނދަގޫ ވިއެވެ. އެ ވީޑިއޯ އާއްމުންނަށް ބެލޭ ގޮތަށް، މީސް މީޑިޔާގައި ދައުރުވެގެން ދާކަށް އެއްވެސް ގޮތަކަށް ނާއިކު ބޭނުމެއް ނުވެއެވެ. އެގޮތަށް އެކަން ވެއްޖެ ނަމަ، މުޅި ދުނިޔެއަށް ނާއިކު ބޭޒާރު ވާނެއެވެ. ނާއިކުގެ މުޅި ދިރިއުޅުން ހަލާކުވެ، މުޅި ޢާއިލާ ވެއްޓިގެން ދާނީ އެންމެންގެ މަލާމާތާއި، ފުރައްސާރައިގެ ކުރިމައްޗަށެވެ.

"ނޫން! ތިހެން ނުބުނޭ! ހެޔޮނުވާނެ. އަހަރެން ކަލޭ ބުނި ކޮންމެ ކަމެއް ވެސް ކުރާނަން. ފައިސާއިން އަދަދެެއް ބުނޭ! ކަލޭ ކިހާ ވަރެއް ބޭނުމީ. ބުނި ވަރެއް ދޭނަން." ހިތް އަވަސްވެފައިވާ ނާއިކު ވާހަކަދައްކަމުން ދިޔައީ ވަރަށް ބޮޑަށް ޖެހިލުންވެގެންނެވެ. އިންތިހާއަށް ބިރު ވެސް ގަންފައިވާ ޙާލުގައެވެ.

"އޯކޭ. މި ވާހަކަ އެއްވެސް މީހެއް ގާތުގަ ނުބުނާތި! ޚާއްޞަކޮށް ވާހިދާގެ ގާތުގަ. އަދި އަހަރެން މީ ކާކުކަން ހޯދަން ވެސް ނޫޅޭތި! އެހެން ނޫނީ ވަރަށް ފަނި ވާނެ... އަގު ބުނަން ގުޅާނަން ފަހުން. އޯކޭ ބައި." އެކޮޅުން އެހެން ބުނުމަށްފަހު، ފޯނު ބޭއްވިއެވެ. އެއާއި އެކު ފޯނު އަތުގެ ތެރެއަށް ލައި، ނާއިކު ފިއްތައިލި އިރު ހީވީ، ފޯނު ހިމުން ކޮށްލަން އުޅުނުހެންނެވެ.

***

ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ހިނގަމުން ގޮސް، ދެ ދުވަސް ފާއިތު ވެއްޖެއެވެ. މަލާކާއި ނާއިކުގެ ކަންތަކާ މެދުގައި ވިސްނާ ވިސްނާ އެކަންތައް އެއްވެސް ކޮޅެއްގައި ވާހިދާ އަކަށް ނުޖެއްސުނެވެ. އެތައް ފަހަރަކު ނާއިކަށް ގުޅަން ވެސް ވާހިދާގެ ހިތަށް އެރިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ފަސް ޖެހެނީއެވެ. ނުކެރެނީއެވެ. ނާއިކު ވެސް ނުގުޅާތީ ކޮންމެވެސް ކަމެއް ގޯހުން ދަނީ ބާއޭ އެތައް ފަހަރަކު ވާހިދާގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ.

ފާއިތުވެގެން ދިޔަ 2 ދުވަސް ތެރޭގައި އެއްވެސް ވަރަކަށް ނާއިކަށް އެ ވީޑިއޯގެ ކަންތަކުގައި އެއްވެސް ކޯލެއް ނާދެއެވެ. ވީ ގޮތެއް ބަލައިލަން ނާއިކަށް ވަނީ އެއް ފަހަރު އެ ނަމްބަރަށް ގުޅައި ވެސް ލެވިފައެވެ. ނަމަވެސް އެ ނަމްބަރުން އެއްވެސް ޖަވާބެއް ނުދޭތީ އެއްވެސް ޚަބަރެއް ލިބޭ ގޮތް ވަނީ އޭނާއަށް ނުވެފައެވެ.

"ޕޭޝަންޓު މިހާރު އޯކޭ.. ކޮންމެ ވެސް ވަރަކަށް ވާހަކަ ވެސް ދެކެވޭ މިހާރު.." ވޯރޑުގެ ދޮރު ހުޅުވައިލަމުން، ޑޮކްޓަރު އެހެން ބުނެލީ ލުއި ހިނިތުންވުމަކާ އެކުގައެވެ.

"އަލްޙަމްދުﷲ.." ރަޝީދާގެ ދުލުން ފުރުތަމަ ވެސް ދުވެލީ މާތްﷲައަށް ޙަމްދު ހުރި ބަސްތަކެވެ. ލަބީބު ލަސް ނުކޮށް ވާރޑްގެ ތެރެއަށް ވަދެގެން ދިޔައެވެ. އޭނާގެ ފަހަތުން އައިޝާ އާއި ރަޝީދާ ވެސް ދިޔައެވެ.

"ޖަނާ.. ޖަނާ.." ޖަންނަތު ފެނުމާއި އެކު ލަބީބުގެ ދެލޮލުން ހޯސް ލާފައި ކަރުނަތައް ފައިބައިގަތެވެ. އެނދުގައި އޮތް ޖަންނަތަށް ލަބީބުގެ ފަރާތުން ފެނުނު ލޯތްބާއި، ލަބީބަށް ކޮށްފައިވާ ފުން އަސަރުތަކުން އޭނާއަށް ވަރަށް އަސަރުކޮށްފިއެވެ. ޖަންނަތު އޭނާގެ ދެލޯ މަރައިލީ ލިބިގެން ދިޔަ ހިތްދަތި އިޙްސާާސްތަކުންނެވެ. (ނުނިމޭ)