ހަބަރު

ނަޝީދުގެ ދަތުރުފުޅުތަކާއި ޕީއާރް ހަރަދުތައް މިލިޔަނުން މަތީގައި!

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހޭދަ ކުރެއްވި ތިން އަހަރުގެ ތެރޭގަ އާއި އޭގެ ފަހުން ކުރެއްވި އަމިއްލަ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން މިލިއަނަކާ ގާތް ކުރާ އަދަދަށް ފައިސާ ހަރަދުކޮށްފައިވާ ކަން ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުން ދައްކައިފި އެވެ. އަދި އޭގެ ބައެއް ދަތުރުތަކުގައި، ކަމާ ނުގުޅޭ ބޭރު ފަރާތްތައް ބައިވެރިކޮށްފައިވާކަމަށް ވެސް އެ ލިޔުންތަކުން ދައްކަ އެވެ.

"އަވަސް" އަށް ކޮޕީ ލިބިފައިވާ މުލިއާގޭ ހަރަދުތަކުގެ ލިޔެކިޔުންތަކުގައިވާ ގޮތުން ރައީސް ނަޝީދާއި އަނބިކަބަލުން ލައިލާ އަލީ، 2009 ވަނަ އަހަރު ރާއްޖޭން ބޭރަށް ކުރެއްވި އަމިއްލަ ދަތުރުފުޅުތަކަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި 2010 ވަނަ އަހަރުގެ ތެރޭގައި ރައީސް ނަޝީދާއި އަނބިކަބަލުން ކުރެއްވި ޗުއްޓީ ދަތުރުފުޅުތަކާއި މެޑިކަލް ދަތުރުތަކަށް 788،954ރ. ވަނީ ހަރަދުކޮށްފަ އެވެ. ރައީސް ނަޝީދުގެ ޗުއްޓީ ދަތުރުތަކާއި މެޑިކަލް ދަތުރުތަކަށް 2011 ގައި 813،253ރ. ހަރަދުކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ވެރިކަމުން ވަޑައިގަތުމަށް ފަހު ވެސް އެކި ބޭނުންތަކަށް ރާއްޖޭން ބޭރަށް އެ މަނިކުފާނު ވަނީ ދައުލަތުގެ ހަރަދުގައި 15 ދަތުރެއް ކުރައްވައިފައި ކަމަށް ރަސްމީ ލިޔެކިޔުންތަކުން ދައްކަ އެވެ. އަދި މިހާރު ވެސް އިތުރު ދަތުރެއް ކުރެއްވުމަށް ފައިސާ ހަމަޖައްސައި ދިނުމަށް ނަޝީދު އެދިވަޑައިގެންފައިވާ ކަމަށް ވެސް އެ ލިޔުންތަކުގައިވެ އެވެ. ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު އެ މަނިކުފާނު އިނގިރޭސި ވިލާތަށް އާއިލާއާ އެކު ކުރެއްވި ދަތުރުތަކާއި ސްރީލަންކާ އާއި ދުބާއީއަށް ކުރެއްވި ދަތުރުތައް ވެސް އެ ލިސްޓްގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ތިމާވެއްޓަށް ކުރެއްވި މަސައްކަތްޕުޅުގެ މައްޗަށް އުފެއްދި، "ދަ އައިލެންޑް ޕްރެޒިޓެންޑް ފިލްމް"ގެ ޕްރޮޑިއުސަރާއި ކްރޫއިން ރައީސް ނަޝީދުގެ ދަތުރުތަކުގައި ދައުލަތުގެ ހޭދައިގައި ބައިވެރިކޮށްފައިވާ ކަމަށް ވެސް އެ ލިޔުންތަކުން ހާމަވެ އެވެ. އެގޮތުން ރައީސް ނަޝީދު ޔޫރަޕަށާއި އޭޝިއާގެ ގައުމުތަކަށް ކުރެއްވި ޖުމްލަ ހަތަރު ދަތުރެއްގައި އައިލެންޑް ޕްރެޒިޑެންޓްގެ ޑައިރެކްޓަރު ޖޯން ޝެންކާއި ޕްރޮޑިއުސަރު ރިޗަޑް ބާގުގެ އިތުރުން ވެސް އެ ފިލްމްގެ ޓެކްނިކަލް މަސައްކަތް ކުރި، އެކްޗުއަލް ފިލްމްސްގެ އޮފިޝަލުންނާއި ޓެކްނިކަލް މީހުން ބައިވެރިކޮށްފައިވާ ކަމަށް ލިޔުންތަކުގައިވެ އެވެ.

އޭގައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް ދަތުރުތަކަށް ރައީސް ނަޝީދު އެ ގައުމަކަށް ވަޑައިގަތުމުގެ ކުރިން ފިލްމް ކްރޫ ގެންދިޔުމާއި، އެ މީހުން ދަތުރު ހަރަދުތަކާއި ތިބޭ ތަނާއި ކެއިން ބުއިމުގެ ހަރަދުތައް ވެސް ކޮށްފައި ވަނީ ދައުލަތުގެ ހަރަދުގަ އެވެ. އެ ހަރަދުތަކަށް ފަސް ލައްކަ އެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އޭގެ ތަފްސީލްތަކެއް އެ ލިޔުންތަކުގައި ނެތެވެ.

ރައީސް މުހައްމަދު ނަޝީދަށް ޕީއާރު ލަފާ ދިނުމަށް ރައީސް އޮފީހުގައި ގެންގުޅުނު، އިނގިރޭސި ތިން ރައްޔިތެއް ކަމަށްވާ، ޖޫޑް ލެއިން އާއި މާކް ލައިނަސް އަދި ޕޯލް ރިޗަޑް ރޮބާޓްސް އަށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފަ އެވެ. އެގޮތުން ޖޫޑް ލެއިން އަށް 1.05 މިލިއަން ރުފިޔާ ހަރަދު ކުރީއިރު، ޕޯލް ރޮބާޓްސް އަށް 1.16 މިލިއަން ރުފިޔާ ތިން އަހަރުގެ ތެރޭގައި ވަނީ ދައުލަތުން ހަރަދުކޮށްފަ އެވެ. އެ ހަރަދުތަކުގެ ތެރޭގައި ރާއްޖޭގައި ތިބުމަށް ވިސާ ހޯދުމަށް ކުރި ހަރަދުތަކާއި އެހެން ވެސް ބައެއް ދަތުރުތަކުގެ ހަރަދުތައް ހިމެނެ އެވެ. އެ ބޭފުޅުންގެ މުސާރަތަކަށް ކޮންމެ ބޭފުޅަކަށް މަހަކު 20،000ރ އާއި ބައިލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދު ކުރި ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.