ހަލީމާ އާޑެން

ބުރުގާއެޅި މޮޑެލް ހަލީމާ އެނބުރި ފެޝަންގެ ދުނިޔެއަށް

ފެޝަންގެ ދުނިޔެއަށް އަލްވަދާއު ކިޔައިފި ކަމަށް އިއުލާން ކުރިތާ ހަ މަސް ދުވަސް ފަހުން ހަލީމާ އެޑެން އަނެއްކާ ވެސް ފެޝަންގެ ދުނިޔެއަށް އެނބުރި އަތުވެއްޖެ ކަމަށް ބުނަން ފަށައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު 23 އަހަރުގެ ހަލީމާ ވަނީ މޮޑެލްކުރުން ހުއްޓާލާ ކަމަށް އިއުލާންކޮށް ހުއްޓާލާ ސަބަބު ވެސް ބުނެފަ އެވެ. އޭނާ ސޯޝަލް މީޑިއާގައި އޭރު ޝެއާކުރި މެސެޖުތަކެއްގައި ފެޝަން އިންޑަސްޓްރީގައި ކުރެވުނު ޕޮޒިޓީވް ތަޖުރިބާތަކުގެ ވާހަކަތައް ކިޔައިދީފައި ވެއެވެ. އަދި އެނޫން ބައެއް ކަހަލަ ހިތްހަމަނުޖެހޭ ތަޖުރިބާތައް ކުރެވުނު ކަމަށް ވެސް ބުނެފައި ވެއެވެ.

މުސްލިމް އަންހެނެއްގެ ހައިސިއްޔަތުން އޭނާއަށް އުޅެން ޖެހޭނެ ގޮތާއި އުޅެން ނުވާނެ ގޮތްގޮތް އެންމެ ބޮޑަށް އިހްސާސްވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި މޮޑެލް ކުރުން ހުއްޓާލަން ގަސްތުކުރީ އެހެންވެ ކަމަށް ވެސް ހަލީމާ އޭރު ބުނެފައި ވެއެވެ.

ހަލީމާއަކީ ބައިނަލްއަގުވާމީ ފެޝަން އިންޑަސްޓްރީގައި މަސައްކަތްކުރި ބުރުގާއެޅި ހަމައެކަނި މޮޑެލް އެވެ. އޭނާ ބުނެފައި ވަނީ ބުރުގާ ނާޅާ އޭނާ ލައްވާ މޮޑެލް ކުރުވަން މަސައްކަތްކުރާ ކަމަށާއި އޭނާގެ އީމާން ކަމަށް ބުރޫ އަރާ ފަދަ ކަންކަން ކުރަން ބައެއް ފަހަރު މަޖްބޫރުވާތީ މޮޑެލްކުރުން ހުއްޓާލަން ނިންމީ ކަމަށެވެ.

ނަމަވެސް މިދިޔަ ހަފުތާގައި އަނެއްކާ ވެސް ހަލީމާ ވަނީ އޭނާގެ ފޭވަރިޓް ޑީޒައިނާ ޓޮމީ ހިލްފިގާ އާއެކު ނަގާފައިވާ ފޮޓޮއެއް އިންސްޓަގްރާމްގައި އޭނާ ފޮލޯކުރާ 1.3 މިލިއަން މީހުންނާ ޝެއާ ކޮށްފަ އެވެ.

މި ފޮޓޯއާއެކު އޭނާ ލިޔެފައިވާ މެސެޖުގައި ފޭވަރިޓް ޑިޒައިނާ އާއެކު "ވަރަށް ހާއްސަ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަނީ" ކަމަށް ބުނެފައި ވެއެވެ. ހަލީމާ ފެޝަންގެ ދުނިޔެއަށް އެނބުރި އަންނަނީ ކަމަށް ދުނިޔޭގެ މީޑިއާތަކުގައި ލިޔަން ފެށީ މި ޕޯސްޓަށް ފަހުގަ އެވެ.

ސޮމާލިއާއަށް އުފަން ހަލީމާ ފެޝަން މޮޑެލް އެއްގެ ގޮތުގައި ވަރަށް ގިނަ ޕްރިންޓް ކެމްޕެއިން ތަކާއި މެގަޒިން ކަވަރުތަކުގައި މަސައްކަތް ކޮށްފައި ވެއެވެ. އަދި ބުރުގާ އަޅައިގެން މޮޑެލްކުރުމުގައި އޮތް ހުރަސްތައް ނައްތާލީ ވެސް ހަލީމާ އެވެ.