ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

ނައިފަރުގެ ޕޮޒިޓިވް ނަންބަރުތައް ބޮޑުތަނުން ދަށަށް

އެޗްޕީއޭއިން ބަންދު ކޮށްފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ބަންދުގައި އޮތް ޅ. ނައިފަރުގެ ކޮވިޑް-19 އިގެ އެކްޓިވް ކޭސްތައް ބޮޑު ތަނުން ދަށްވާން ފަށައިފި އެވެ. އެރަށް ބަންދު ކުރީ މިދިއަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.

ވޭތުވެ ދިޔަ ފަސް ދުވަހު ނައިފަރުގެ އެކްޓިވް ކޭސްތައް އުޅެނީ 50 އިން ދަށުގަ އެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު އެރަށުގައި 49 އެކްޓިވް ކޭސް އުޅުނެވެ. އަންގާރަ ދުވަހު 45 އަދި ބުދަ ދުވަހު 39 އަކަށް ވަނީ ދަށްވެފަ އެވެ. ބުރާސްފަތި ދުވަހު 25 އަށް ވެއްޓި ރޭ 8:00 އާއި ހަމައަށް އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 20 މީހުނެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެ ރަށް އާންމު ހާލަތަށް ގެންދަން ކުރާ މަސައްކަތުގައި އިއްޔެ އާއި މިއަދު އެރަށުގައި ރެންޑަމް ސާމްޕަލް ނަގަމުން ގެންދާ ކަމަށެވެ. ނައިފަރުން 300 ރެންޑަމް ސާމްޕަލެއް ނަގާނެ ކަމަށާއި ހާލަތު އެނގޭނީ އެ ސާމްޕަލްތަކުގެ ނަތީޖާއިން ކަމަށެވެ.

"ރެންޑަމް ސާމްޕަލްތައް މި ނަގަނީ މިހާރު ރަށުގެ ހާލަތު ދެނެގަތުމަށް. އަޅުގަނޑުމެންގެ އުންމީދަނީ މި ސާމްޕަލްތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް އިރާދަ ކުރެއްވިއްޔާ އަންނަ ހަފުތާއަށް ރަށް ހުޅުވައި ލެވޭނެ ކަމަށް." ނައިފަރު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށް އާންމު ހާލަތަށް ގެންދަން ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުން ލިބޭ ކަމަށާއި ޒަރޫރީ ބޭނުންތަކަށް ނޫނީ މީހުން ބޭރަށް ނުކުމެ ނޫޅޭ ކަމަށެވެ.

ނައިފަރުގައި މިހާރު ކޮވިޑް ފެސިލިޓީއެއް ހުރެ އެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ތިބެވޭ ގޮތަށް ގާއިމު ކޮށްފައިވާ އެ ފެސިލިޓީގައި 40 އެނދު ހުރެ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ނައިފަރުން ވޭތުވެދިޔަ ތިން ދުވަހު އެއްވެސް މީހަކު އަލަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ. ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ނައިފަރުގައި 897 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 873 މީހަކު ވަނީ ބަލިން ރަނގަޅު ވެފަ އެވެ. ބަލިޖެހިފައި ވާ އެއްވެސް މީހަކު މިވަގުތު އެޑްމިޓް ކޮށްފައެއް ނެތެވެ.

ނައިފަރުގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާތީ އެޗްޕީއޭ އިން ވަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ ކޮށްފަ އެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގާފަ އެވެ.

ނައިފަރުން ކޮވިޑް ޖެހެގެން މިހާތަނަށް ހަތަރު މީހަކު މަރުވެފައި ވެއެވެ.