ތިމާވެށި

"އިސްކަމެއް ދޭނީ ކަނޑުތައް ހިމާޔަތް ކުރަން"

ދިވެހިރާއްޖޭގެ ތިމާވެއްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރުމުގެ ގޮތުން 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ ކަނޑާއި ކަނޑާއި ގުޅިފައިވާ ސަރަހައްދުތަކުގެ 20 ޕަސެންޓް ހިމާޔަތް ކުރުމަކީ އެންމެ ބޮޑު އިސްކަމެއްދޭ ކަންކަމުގައި އެންވައިރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދެއްވި ހިތޯބުގަ އެވެ. މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރުވެސް 73 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ކަމަށެވެ. އަދި ލ. އަތޮޅާއި، އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ބ. އަތޮޅުގެ އިތުރު ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

ދުނިޔޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި، ވަކާލާތު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، ތިމާވެށި ހިމާޔަތްކުރުމާއި ތަރައްގީގެ ތިލަފަތް ހަމަކުރުން. އަޅުގަނޑުމެންގެ ތަސައްވުރަކީ، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަށް ތަހައްމަލު ކުރެވޭފަދަ، ފެންވަރު ހުރި އުމްރާނީ ތަރައްގީ ރާއްޖެއަށް ގެނައުން. މިކަންކުރުމަށް، މިއަށްވުރެ ރަނގަޅު ދަނޑިވަޅެއް ނާންނާނެ" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތިމާވެށި އަލުން އިއާދަ ކުރާ ޖީލަކީ މިއީ ކަމުގައި ހަދަން ޖެހޭ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 10 އަހަރަކީ ގަސް ހެއްދުމާއި ދިރޭތަކެތީގެ މާހައުލަށް ރައްކާތެރިވުމާއި ތަގައްޔަރުވެފައިވާ ކަނޑުތަކާއި ޖައްވު ސާފުކުރުމުގެ 10 އަހަރު ކަމުގައި ހެދުމަށް މަސައްކަތް ކުރަން މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "މާހައުލީ ނިޒާމުތައް އިޔާދަކުރުމެވެ." މި ޝިއާރުގެ ދަށުން، ދުނިޔޭގެ މާހައުލީ ނިޒާމު ކުރިން އޮތް ގޮތަށް ރުޖޫއަކުރުމަށް މަސައްކަތް ކުރާނެ އެވެ. އެގޮތުން ކުރިއަށްއޮތް 10 އަހަރަކީ އދ ގެ މާހައުލީ ނިޒާމުތައް އިޔާދަކުރުމުގެ 10 އަހަރުގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.