އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ސަބަބުން އައްޑޫއަށްވެސް އަދި ރާއްޖެއަށްވެސް ލިބެން އޮތީ ފައިދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި އެ ގައުުމުގެ ކެބިނެޓްގެ ބައްދަލުވުމެއްގައި ވަނީ މިއަހަރު ނިމުމުގެ ކުރިން ދިވެހި ރާއްޖޭގެ އައްޑު އަތޮޅުގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރަން ނިންމާފަ އެވެ.
އިންޑިއާ އިސްވެ ނިންމި އެ ނިންމުން އައީ ދިވެހި ސަރުކާރާ މަޝްވަރާ ކުރުމެއްވެސް ނެތިއެވެ. ކޮންސިއުލޭޓް ހުޅުވުމާ ދެކޮޅަށް އައްޑޫ ރައްޔިތުން ބައިވެރިވާ ބޮޑު ކެންޕެެއިނެއްވެސް މިހާރު ވަނީ ފަށާފައެވެ.
އިންޑިއާގެ ނިންމުންތަކަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދި އެ ގައުމުގެ ދިފާއުގައި އަބަދުވެސް ވާހަކަދައްކަވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށާ އެއީ އަމިއްލަ ނޭފަތު ކުރީގައި ތަޅުލެވިފައިނުވާ ވިސްނުމެއް ކަމަށެވެ.
ދެން ވިދާޅުވީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ސަބަބުން އައްޑޫއަށްވެސް އަދި ރާއްޖެއަށްވެސް ލިބެން އޮތީ ފައިދާ ކަމަށެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމްކުރަން ކުރާ މަަސައްކަތަކީ ރާއްޖޭގައި އިތުރަށް އިންޑިއާގެ ނުފޫޒު ފެތުރުން ކަމަށް އެތައް ބަޔަކު ދެކެއެވެ. އެ ސިޓީއަށް ނިސްބަތްވާ ތައުލީމީ އަދި ފާހަގަކޮށްލެވޭ ވަރަށް ގިނަ ބޭފުޅުންވެސް އެ ނަޒަރުން ވާހަކަ ދައްކަވާފައިވެއެވެ. ނަމަވެސް މަޖިލީހުގައި އައްޑޫ ތަމްސީލު ކުރައްވާ ހުރިހާ މެންބަރުންވެސް ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަށް ތާއީދު ކުރައްވާފައެވެ. އަދި އެކަން އަވަސް ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހުޅުވަން ނިންމާފައި މިވަނީ 200 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް އިންޑިއާގެ އެހީގައި އައްޑޫގައި ފަށާފައި ވަނިކޮށެވެ.