ލައިފްސްޓައިލް

ދިވެހި އަންހެނުންގެ "ފާއިޒާ"، ދޮންވާން އުނގުޅަނީ މެލަ!؟

Nov 13, 2015
10

"ދޮންވާ" ކްރީމްގެ ބާޒާރުގައި މި ދައްކަނީ އާދައިގެ ދެ އުފެއްދުންތަކެއްގެ ވާހަކައެއް ނޫނެވެ؛ ދޮން ހަންގަނޑެއްގެ ވެރިއަކަށްވާން "ދަހިވެފައި" ތިބި ދިވެހި އަންހެނުންގެ ހިތްތައް މި ދެ ކްރީމް މިވަނީ ފަތަހަ ކޮށްފަ އެވެ. އެއީ "ފާއިޒާ" އާއި "މެލަ ކެއާ" އެވެ. ދިވެހި އަންހެނުން މޫނުގެ ކުލަ އަލިކުރަން މިހާރު އެންމެ ގިނައިން އުނގުޅަނީ މިއެވެ. މެލަ އާއި ފާއިޒާ އެވެ.

"މި ކްރީމަކީ މިހާރު ބާޒާރުގައި އެންމެ ވިކޭ އެންމެ ހިނގާ ކްރީމް. ކޮންމެ ދުވަހަކު ވެސް ހައެއްކަ ފުޅި ވިކޭ،" ފާމަސީއެއްގ ސޭޓަކު މެލަކެއާގެ ވިޔަފާރިއާ މެދު ބުންޏެވެ.

އެވްރެޖުކޮށް ގިނަ ދިވެހި އަންހެނުންނަކީ ހަންގަނޑު ރީތި، މޫނުގެ ކުލަ ދޮންކޮށް ތިބޭ ބައެކެވެ. އެކަމަކު ޒަމާނަށް އަންނަ ބަދަލާއެކު އެނބުރޭ ވައިރޯޅިއެއްގެ ގޮތުގައި ފެޝަންތައް މިދަނީ ބަދަލުވަމުންނެވެ. އެހެންވެ މި "މެލަ" އުނގުޅައިލަން ޖެހެ އެވެ. "ފާއިޒާ" އާ ކައިރިވާން ޖެެހެ އެވެ. އެހެންވެ މެލަ އާއި ފާއިޒާގެ ވިޔަފާރި އާދަޔާ ހިލާފަށް މިހާރު ރަނގަޅެވެ. މި ދެ ބާވަތް ހޯދަން ފިހާރަތަކުގައި ދިވެހި ކުދިން ސަފެއް ނުހެދިއަސް މީގެ ވިޔަފާރި ރަނގަޅެވެ. ސޭޓުން ބުނާ ގޮތުން ކޮންމެ ދުވަހަކު މީގެ 10-12 ފުޅި ވިއްކާލެވެ އެވެ.

"ފާއިޒާގެ އެބަހުރި ވަރަށް ގިނަ ވައްތަރުތައް. މޫނު ދޮންނަ ކްރީމްވެސް ހުރޭ. އެކަމަކު މި ހުރިހާ އެއްޗަކަށް ވުރެވެސް ގިނައިން މި ވިކެނީ މޫނުގައި ހާކާ ކްރީމް،" ފާއިޒާ ވިއްކާ ފިހާރައެއްގެ ސޭޓަކު ބުންޏެވެ.

ހޮޓަލުގައި "ހޫނު ގުޅަ" ވިކޭ ގޮތަށް ބާޒުގައި ފާއިޒާ އާއި މެލެ ވިކެމުންދާއިރު، މިދެ އުފެއްދުމުގެ ފޭން ބޭސް ވެސް ރާއްޖޭގައި ވަރަށް ބޮޑެވެ. ހާއްސަކޮށް މޫނުގައި ހުންނަ ކުދި ލައްތައް ފިލުވުމަށް މީގެ ބޭނުން ލައްކަ ބޮޑު ކަމަށް އަންހެން ކުދިން ބުނެ އެވެ.

އާއްމުކޮށް 120ރ. އާއި 150ރ. އާ ދެމެދުގައި ވިއްކާ މި ދެ ކްރީމަކީ މޫނުގެ ލައްތައް ފިލުވުމަށް ބޭނުން ކުރާ އެއްޗެކެވެ. އެހެންވެ އަންހެން ކުދިން ބުނަނީ މިއީ "ޖާދޫ" އެއް ކަމަށެވެ.

"މެލަ ކެއާ ކްރީން އުގުޅީމަ ނަތީޖާ ރަނގަޅު. އެކަމަކު ޖެހެނީ އެންމެ މައްސަލައެއް. މި އުނގުޅައިގެން ޖެހެނީ ގޭގައި އޮންނަން، އުނގުޅައިގެން ބޭރަށް ނުކުތުމުން ހަންގަނޑު ކަޅުވޭ؟ އަނދާ ގޮތްވޭ،" މެލަކެއާ ބޭނުންކުރާ އަންހެން ކުއްޖަކު އޭނަގެ ތަޖުރިބާ ކިޔައި ދެމުން ބުންޏެވެ.

ކޮންމެއަކަށް ދިވެހި އަންހެނުންގެ މޫނުގެ ދޮންކޮށް އަލި ކުރަން މިހާރު އުނގުޅަނީ މި ދެ އުފެއްދުމެވެ. މި ފައިޒާ އާއި މެލައެއްގެ މަގުބޫލުކަން އަންހެނުންގެ މެދުގައި ވަރަށް މައްޗެވެ. އެކަމަކު މި އުނގުޅައިގެން ބައެއް ކުދިންނަށް ލިބޭ ލަނޑުވެސް ވަކިން ކުޑައެއް ނޫނެވެ.