ކެއުމެއް ތައްޔާރު ކުރާނަމަ އެންމެ މުހިއްމު އިންގްރީޑިއެންޓަކަށް ވަނީ ކާށި ހުންޏެވެ. މި ކާށި ހުންޏަކީ ހެނދުނު ނާސްތާއަށް ތައްޔާރުކުރާ ޑިސްކް މަސްހުންޏާއި މެންދުރު ކާން ތައްޔާރުކުރާ ދޮން ރިހައިގައި ވެސް އެންމެ މުހިއްމު އެއް އިންގްރީޑިއެންޓެވެ.
ހަވީރު ސަޔަށް ފިހެލާ ބޯކިބާގެ ރަހަމީރުކޮށްލައި ދޭ އެއްޗައްކީ ވެސް މި ހުންޏެވެ. ދިވެހި ކޮންމެ ޑިޝްއެއްގައިހެން ކާށި ހުނި ހިމަނާފައި ހުންނައިރު ބިޒީ ޝެޑިއުލެއްގައި އުޅޭނަމަ ގިނަ ފަހަރަށް މިއިން އެއްޗެއް ތައްޔާރު ކޮށްލަން އެންމެ އުނދަގޫ ކަމަކަށް ވަނީ ކާއްޓެއް ބިނދެލައިގެން ހުނި ގާނަލުމަށެވެ.
މިހާރު މިއޮތީ ކާށި ހުނީގެ ބްރޭންޑެކެވެ. މިއީ "ކިހާފަސޭހަ" އެވެ. މި ބްރޭންޑްގެ ދަށުން ގާނައި ގަނޑުކޮށްގެން ބާޒަރަށް ނެރެފައިވާ ކާށި ހުންޏަކީ މިހާރު ވަރަށް ބޮޑު ފަސޭހައެކެވެ. މި ކާށި ހުނީގެ ފަހަތުގައި ހުރީ އައިމިނަތު އަރޫޝާ އިބްރާހިމް 31، އެވެ. ހުނި ގާނައި އެވެސް ބްރޭންޑަކަށް ހަދައިގެން ނެރުމުގެ ވިސްުނުމެއް އަރޫޝާއަށް އައީ ކިިހިނެއް ހެެއްޔެވެ؟
އަރޫޝާ ބުނާ ގޮތުގައި އޭނާއަށް ވިސްނެމުން އައި ގޮތުގައި ކައްކަން ބޭނުންކުރާ އެހެން ގިނަ ބާވަތްތައް ކުދި ފިހާރަތަކާއި ސުޕަމާކެޓުތަކުން ތައްޔާރީ ބާއްވަތްތަކުގެ ގޮތުގައި ލިބެން ހުންނަ ގޮތަށް ގާނަފައި ހުންނަ ކާށިހުނި ފަސޭހައިން ލިބެންވާނެ އެވެ. އެކަމަކު އެހެން ނުހުންނާތީ ހުނި ގާނާއި ގަނޑުކޮށް ބްރޭންޑަކަށް ބަދަލުކޮށްލީ އެވެ. އެކަން ވިޔަފާރިއަކަށް ވެސް ބަދަލުވީ އެވެ.
"މި ވިޔަފާރި ފެށީ 2015 ވަނަ އަހަރު. ގޭ ބަދިގޭގައި އަމިއްލައަށް ހުނި ގާނައިގެން ކާށި ހުނި ގަނޑުކޮށްގެން ވިއްކަން ފެށީ. މި ބިޒްނަސް ކޮންސެޕްޓަކީ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބޭނުންކުރާ އެއްޗެއް ލުއިފަސޭހަ ވާނެ ގޮތަކަށް ތައްޔާރުކޮށް ނެރުން. ކެއްކުމަށް އަދި ކާނާ ތައްޔާރު ކުރުމަށް ފަސޭހަގޮތެއް ހޯދައިދޭނެ 'ކިހާފަސޭހަ' މި ބްރޭންޑް ގެނައީ" އަރޫޝާ ބުންޏެވެ.
އަމިއްލަ ބަދިގޭގައި ގާނާލި ހުނިކޮޅާ ހަމައިން ވިޔަފާރިއެއް އުފެދި ފުޅާވީ އެވެ. އޭގެ ފަހުން އޭނާ ވަނީ ކާށީގެ އެކި އެކި ޕްރޮޑަކްޓްތައް ވިއްކާނެ ފިހާރައެއް ވެސް ހުޅުވާފަ އެވެ. އޭނާގެ "ސޯ ކޮކޮނަޓީ" އަކީ ކުޑަ ކުޑަ ފިހަރާއެކެވެ. އެކަމަކު ހިދުމަތުގެ ބޮޑު ވިޔަފާރި މަސައްކަތެކެވެ.
ސޯ ކޮކޮނަޓީން ބާޒަރަށް ގަނޑުކުރި ކާށި ހުންޏާއި ކާށިތެޔޮ ތައްޔާރުކޮށް ނެރެން އަރޫޝާގެ ފަހަތުގައި 10 މީހުންގެ ޓީމެއް އޮވެ އެވެ. ފަށައިގެން އިރު އަތުން އަނބުރައިގެން ހުނި ގޭނި ކަމުގައި ވިޔަސް މިހާރު މަސައްކަތް ކުރަނީ ފުޅާ ސްކޭލެއްގަ އެވެ.
"ކުރިން އާދައިގެ ތުނި ޕްލާސްޓިކް ޕެކޭޖިންއެއް ބޭނުން ކުރީ، އެއްފަހަރު ބޭނުން ކުރުމަށްފަހު އެ ޕޭކޭޖިން ބަންދެއް ނުކުރެވޭ އަދި ފްރީޒަރުގައި ގިނަ ދުވަހު ބެހެއްޓުމުން ފަޅައިގެން ދޭ. އެއަށް ބަލާފައި އާ ޕެކޭޖިންއެއް ޑިޒައިން ކުރީ.އާ ޕެކޭޖިން އެއްފަހަރު ބޭނުން ކުރުމަށްފަހު އަލުން ފްރީޒް ކުރަން ފަސޭހަވެ ފަޅައިގެނެއް ނުދާނެ،" އޭނާ ބުންޏެވެ.
އަރޫޝާގެ ސޯ ކޮކޮނަޓީން ތިން ސައިޒަކަށް ކާށި ހުނި އުފައްދާ ބާޒާރާ ހަމައަށް ގެންދެ އެވެ. އެއީ 75 ގްރާމާއި 180 ގްރާމާއި 275 ގްރާމެވެ. އަރުޝާ ބުނާ ގޮތުގައި ކޮންމެ ދުވަހަކު އޭނާގެ "ކޮކްނަޓް ފެކްޓަރީ" ގައި މަދުވެގެން 500 ޕެކެޓްގެ ކާށި ހުނި އުފައްދަ އެވެ.
ކަންމަތީ ފިހާރަތަކާއި މާލޭގެ ބޮޑެތި ސުޕަމާކޭޓް ތަކުގައި ވެސް އަރޫޝާގެ "ކިހާފަސޭހަ" ބަހައްޓާފައި ހުރެ އެވެ. އަދި ގަނޑުވެފައި ނުހުރެ ވަރަށް ބާރަށް ހިނގަ އެވެ. މި ހުނި ދަނީ ހަމައެކަނި މާލެ ހުޅުމާލޭ އަދި ވިލިމާލާގެ ފިހާރަތަކަކަށް ނޫނެވެ. ބައެއް އެހެން ރަށްރަށުން ވެސް މިހާރު އޯޑަރު ދެ އެވެ.
ސޯ ކޮކްނަޓީގެ ބްރޭންޑް އުފައްދާ ޑިޒައިން މަސައްކަތަކީ ވެސް އަރޫޝާގެ މަސައްކަތެވެ. ލޯގޯ އާއި މާކެޓިން މެޓީރިއަލް ތައްޔާރު ކުރުމުގައި ފެންނަނީ ވެސް އަރޫޝާގެ ކްރީއޭޓިވިޓީ އެވެ.
"އަޅުގަނޑު ވިއްކާ ކާށި ހުންޏަކީ ކޮލިޓީއާ ސާފުތާހިރު ކަމަށް ބަލައިގެން ތައްޔާރުކޮށް ޕެކްކުރެވޭ އެއްޗެއް... ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު ވިއްކަނީ. ކާށިތެލަށް ބަލާއިރު އަޅުގަނޑުމެންގެ އުފެއްދުން ގެންގުޅޭ ގޮތުން ނޫނީ ކަރެއް ނުވޭ. ވަހަކަށް ބަދަލެއް ނާދޭ. ވަރަށް ސާފުކޮށް މި ހުންނަނީ. ސޯ ކޮކޮނަޓީގެ ތިމާވެށްޓާއި ރައްޓެހި ވެލިއުސްގެ ގޮތުގައި ފާހަގަކޮށްލަނީ އަޅުގަނޑުމެން ވިއްކާ ކާށިތެޔޮ އަޅާފުޅި ރައްދު ކުރުމުން ދެން ގަންނަ ފުޅިން ޑިސްކައުންޓެއްދޭ ގޮތަށް ވިޔަފާރި ކުރިއަށް ދަނީ،" އަރޫޝާ ކިޔައި ދިނެވެ.
ސޯ ކޮކޮނަޓީގެ ކާށި ހުންޏާ ޖެހުނު ކާށި ތެލަކީ ހިނގާ ތެލެކެވެ. އެ ތެލަކީ އަރޫޝާގެ މަންމަގެ މަސައްކަތެކެވެ. އަރޫޝާގެ މަސައްކަތުގައި އެންމެ ބޮޑު ސަޕޯޓަކީ ވެސް އޭނާގެ މަންމައެވެ.
"ސޯ ކޮކޮނަޓީގެ ކާށިތެލަކީ އަޅުގަނޑުގެ މަންމަގެ ޕްރޮޑަކްޓެއް. އެއީ މަންމަގެ އިނީޝިއޭޓިވްއެއް. އެ ޕްރޮޑަކްޓްގެ ޕެކޭޖިން ތަފާތު ކުރަން ހޭންޑްކްރާފްޓް ކުރަނީ ވެސް މަންމަ." އޭނާ ބުންޏެވެ. "މި މަސްއްކަތުގެ އެންމެ ބޮޑު ސަޕޯޓް އަދި އިންސްޕިރޭޝަންއަކީ ވެސް މަންމަ އާއި އާއިލާގެ އެންމެން. ކުރިން ޑެލިވަރީގައި ވެސް އުޅޭނީ މަންމަ އާއި ދެމީހުން އެއްކޮށް. ފިހާރަ ހުޅިވިފަހުން ކަސްޓަމަރުން އާދޭ ފިހާރައަށް އެހެންވެ އެފަސޭހަ ލިބިއްޖެ."
ސޯ ކޮކޮނަޓީ ބޮޑުވަމުން ފުޅާވަމުން އަންނައިރު މިހާރުވެސް ކޮންމެވެސް ވަރަކަށް ކޮކްނަޓް މަސާޖް އޮއިލް ރިސޯޓްތަކަށް ސަޕްލައިކޮށް ދެއެވެ.
"ކުރިއަށް އޮތްތާ ކާށިން އިތުރު ބިއުޓީ ޕްރޮޑަކްޓްތަކެއް މާކެޓަށް ނެރުމުގެ ހިޔާލު އެބައޮތް،"
އަރޫޝާގެ ގަނޑުކުރި ކާށި ހުނިން އަސްލު ވެސް ކިހާ ބޮޑު ފަސޭހައެއް ހެއްޔެވެ؟ މިކަހަލަ ކިތަންމެ މަސައްކަތަކަށް އަހަރުމެންގެ ތެރޭގައި ޑިމާންޑް އެބައޮތެވެ. އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށް އަރޫޝާގެ "ކިހާ ފަސޭހަ" ކާށި ހުނިން އިންސަޕަޔާވެގެން މާ ފޮނި ނަތީޖާއެއް ނެރެވިދާނެ އެވެ.