ބޮންޑެ އިބްރާހިމް ރަޝީދު

ގާސިމްގެ ވޯޓާ ނުލަައި ބިލު ފާސްކުރާނަން: ބޮންޑެ

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލު، ފާސްކުރައްވާނެ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮންޑެ މިހެން ވިދާޅުވީ އެ ބިލާ ދެކޮޅުކަން ހާމަކޮށް ޖުމްހޫރީ ޕާޓީން މިއަދު ބަޔާނެއް ނެރުމާއި ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީން ބުނީ ހިސާންގެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގައި ފިތުނަ ފަސާދަތައް އިތުރަށް ބޮޑުވާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރު ދެމިއޮންނަން ތާއީދު ކުރާ އެކަކު ވެސް މިހާރު އެ ބިލް އޮތް މަފްހޫމުގައި އެ ފާސްކުރަން ތާއީދު ނުކުރާނެ ކަމަށެވެ.

އެ ކަމަަށް އިޝާރާތް ކުރައްވާ ބޮންޑެ ވިދާޅުވީ މުސްލިމުނާ ދިމާލަށް ކާފަރެކޭ ގޮވުން މަނާކުރާ ބިލު ފާސްކުރަން ގާސިމްގެ ވޯޓް ބޭނުން ނުވާ ކަމަަށެވެ. އަދި އެ ބިލް ފާސްކުރާނެ ކަމަށް ވިދާޅުވިއެވެ.

އަދި ގާސިމަށް ވަރަށް ޒާތިކޮށް ރައްދު ދެއްވާ ވިދާޅުވީ ކޮންމެ ސަރުކާރަކަށް ބިރުދައްކައިގެން ދައުލަތުގެ ހަޒާނާ ލޫޓުވައިގެން އަބަދަކު ވިޔަފާރިކުރަން ފުރުސަތެއް ނުލިބޭނެ ކަމަަށެވެ.

“މުސްލިމުނާ ދިމާލަށް ކާފަރެކޭ ގޮވުން މަނާކުރާ ބިލް ‏ފާސްކުރަން ދެ އަހަރު މަޖިލީހަށް ހާޒިރުނުވާ މީހާގެ ވޯޓެއް ބޭނުމެއްނޫން. ﷲ އިރާދަފުޅުން ބިލް ފާސްކުރާނަން،”

މަޖިލީހުގައި އޮތް އިސްލާހުގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅާފަ އެވެ.

ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގަައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހަދަން ވަނީ ހުށައަޅާފައި ވެއެވެ. އެ ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.

މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނާފައި ވެއެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.