އަބްދުﷲ ޝަމާލް

ޝަމާލް މަޖިލީހުގެ އިންކުއަރީއަށް ހާޒިރުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ "ޕާލިމެންޓް އިންކްއަރީ" މައުލޫމާތު ހޯދަން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް މިއަދު 241 ކޮމިޓީއަށް ހާޒިރު ކޮށްފި އެވެ.

ޝަމާލް ކޮމިޓީއަށް ހާޒިރުވެފައި ވަނީ މިއަދު މެންދުރުފަހު 1:00 ޖަހާއިރު ކުރިއަށް ގެންދިއުމަށް ޝެޑިއުލް ކޮށްފައި އޮތް ކަމަށެވެ. ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެނެވެ.

މިއަދު ހަވީރު ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް 241 ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ނިންމާފަ އެވެ. މި ދެ ބޭފުޅުންގެ އިތުރުން ކޮމިޓީއަށް ހާޒިރު ކުރަން ބޭނުންވާ ސިފައިންގެ ބޭފުޅުންގެ ތެރޭގައި 40 އަކަށް ބޭފުޅުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ސިފައިންގެ ޗީފް ޝަމާލް މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުވެފައި މިވަނީ ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުވާން މަޖިލީހުން އެންގި ނަމަވެސް އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވަނިކޮށެވެ. އެހެންކަމުން ޝަމާލް މަޖިލީހަށް ހާޒިރުވެފައި މިވަނީ ޑިފެންސް މިނިސްޓްރީން ނުވަތަ މިނިސްޓަރުގެ ހުއްދަ ލިބިގެން ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާއި ސުޕްރީމް ކޯޓުން މާޗް 10، 2011 ގައި މަޖިލީހަށް ދީފައިވާ އިސްތިރާޝީ ލަފައަކަށް ބިނާކޮށެވެ.

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި ބުނެފައިވަނީ ސިފައިންނާއި ފުލުހުންނާއި ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއްގައި ހުރި މީހެއް ކަމަށްވީ ނަމަވެސް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނުއަސާސީގައި ބުނާ ކަމަށެވެ.

މަޖިލީހުގެ އިންކުއަރީއަށް 241 ކޮމިޓީއަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ވެސް އިއްޔެ ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ކޮމިޓީން ސުވާލުކުރަން ބޭނުންވާ ކޮންމެ ފުލުހަކު ކޮމިޓީއަށް ހާޒިރުވާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެ އެވެ.

މަޖިލީހުގެ 241 އަށް ކޮމިޓީއަށް ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިން ހާޒިރުކުރަމުން މިދަނީ މިދިޔަ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރާ މަައްސަލާގައި މަޖިލީހުގެ މެންބަރުންގެ މެދުގައިވެސް ހިޔާލުތަފާތުވުން ތަކެއް އެބަހުއްޓެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީގެ ރޫހު ހުރީ ކޮމިޓީން ބޭނުންވާ ކޮންމެ މީހަކު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރާ ގޮތަށެވެ.