އިމާރާތް ކުރުން

ކޮންސްޓަރްޝަން ދާއިރާ ސަލާމަތް ކުރަން ހުށަހެޅުންތަކެއް

Jun 8, 2021
2

ކޮންސްޓަކްޝަން ދާއިރާ ސަލާމަތްކޮށް، އިކޮނޮމީ ހިންގަން ކުރެވިދާނެ ކަންތައްތަކެއް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ސަރުކާރަށް ހުށަހަޅައިފި އެވެ.

ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިނާއަތް ކަމަށްވާ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ، އެމްއެންއޭސީއައި އިން އިމާރާތް ކުރުމުގެ ދާއިރާ ހިންގަން ބޭނުންވާ ގިނަ ކަންތައްތަކަށް ހައްލު ހޯދައި ދޭން ސަރުކާރުގައި އެދިފައިވެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އެ ޖަމިއްޔާއިން އެދުނު އެއް ކަމަކީ އިންކަމް ޓެކްސް ހިމެނޭ ގޮތަށް ޓެކްސް ދެއްކުމުގައި ލުޔެއް ދިނުމެވެ. އަދި ބޭންކް އިންޓްރެސްޓް ރޭޓް ދަށް ކުރުމާއެކު އަމިއްލަ ކޮންޓްރެކްޓަރުންނަށް ސަރުކާރުން ދޭންޖެހި ހުރި ފައިސާ ދެވޭނެ އުސޫލެއް ހަމަޖެހި ދިވެހި ކޮންޓްރެކްޓަރުންނަށް ޕީއެސްއައިޕީ މަޝްރޫއުތައް ލިބޭނެ ގޮތެއް ވުމާއި ލޯނުތައް އިތުރަށް ފަސްކޮށް ދިނުމެވެ.

އެއާއެކު ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓަށް އަންނަ ބޮޑުވުން ކޮންސްޓްރަކްޝަން ކޮންޓްރެކްޓްތަކަށް ގެނައުމާއި މިހާލަތުގައި ބޭރުގެ ކޮންޓްރަކްޝަން ކުންފުނިތަކަށް ފައިދާވާ ގޮތަށް އިންކަމް ޓެކްސް ގާނޫނު އިސްލާހުކޮށް ވިތުހޯލްޑިން ޓެކްސް ލުއި ކޮށްދޭން ސަރުކާރުން އުޅުމަކީ ވެސް މި ޖަމިއްޔާގެ ކަންބޮޑުވުމެކެވެ. ހުށަހެޅުންތަކުގައި އެ ނުކުތާ ވެސް ފާހަގަ ކޮށްފައިވެއެވެ. މީގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނާއި ބޭރު މީހުން ވާދަ ކުރަން އޮތް ފުރުސަތު ގެއްލިގެން ދާނެ އެވެ.

ހުށަހެޅުންތައް ކުރުކޮށް

  • ޓެކުހާއެކު އިންކަމް ޓެކުހަށް ލުއިކަމެއް ގެނެސް ދިނުން
  • ބޭންކް އިންޓްރެސްޓް ރޭޓް ކުޑަ ކުރުން
  • ސަރުކާރުގެ ޕޭމަންޓްތައް ދެވޭނެ އުސޫލެއް ހަމަޖެއްސުން
  • އެކްޗޭންޖު ރޭޓަށް އަންނަ ބަދަލު އެއްބަސްވުންތަކުގައި ހިމެނުން
  • ކޮންސްޓަކްޝަން ސިނާއަތަށް ހާއްސަ ސްޓިއުމްލަސް ޕެކޭޖެއް ދިނުން
  • ބޭރު ކުންފުނިތަކަށް ފައިދާވާ ވިތްހޯލްޑިން ޓެކުހުގެ އިސްލާހު ގެނައުމުގެ ކަންބޮޑުވުން
  • ކޮންސްޓަކްޝަން ސިނާއަތަށް ހާއްސަ ލޯނު ސްކީމެއް ތައާރަފު ކުރުން

ގާތްގަނޑަކަށް 4،000 ދިވެހިންނާއި ދިވެހި ގިނަ ކުންފުނިތަކެއް ހަރަކާތެރިވާ މި ދާއިރާ އަށް މިދިޔަ އަހަރުގެ މާޗުން ފެށިގެން އައި ތިން މަހު އެކަނި 600 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ވެފައިވެ އެވެ. އަދި މިހާރު ވެސް އެ ސިނާއަތް ހިންގައި ގަންނަ ގޮތް ނުވުމުގެ ސަބަބުން ދަނީ ބޮޑު ގެއްލުންތަކެއް ވަމުންނެވެ.