ފެޑަރޭޝަން އޮފް ކޮންސެލްޓިން އިންޖިނިއަރިން (ފިޑިކް) އާއި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އޮންލައިންކޮށް އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު އެވެ. އަދި ފިޑިކްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ނެލްސަން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދުނިޔޭގެ ގިނަ އެއްބަސްވުންތަކެއް ފަރުމާކޮށް ކޮންސްޓްރަކްޝަން ދާއިރާ އިން މީހުން ތަމްރީން ކުރާ ފިޑިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ނެލްސަން ވިދާޅުވީ މި އެއްބަސްވުމުގައި އެ ޖަމިއްޔާ އިން އެމްއެންއޭސީއައިއާއެކު ސޮއިކުރުމަކީ ތާރީހީ ކަމެއް ކަމަށާ، މިއީ މިގޮތަށް ސޮއިކުރި ފުރަތަމަ އެއްބަސްވުން ކަމަށެވެ.
"އަޅުގަނޑުމެން ބޭސް ވެގެން ތިބެނީ ފިލިޕީންސްގައި. އެކަމަކު އަދި މި ގައުމުގެ ޖަމިއްޔާއަކާއެކު ވެސް މި ފަދަ އެއްބަސްވުމެއް ނުހަދަން. އެކަމަކު ރާއްޖޭގެ [އެމްއެންއޭސީއައި] އާއެކު ސޮއިކުރީ މި ޖަމިއްޔާގެ ޒައާމަތު ބަލަހައްޓަން ހުރި ބޭފުޅާގެ ސަބަބުން،" ނެލްސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޖަމިއްޔާއިން ދުނިޔޭގެ އެންމެ ބޮޑު ބޭންކް ކަމަށްވާ ވޯލްޑް ބޭންކާއި އިތުރު ފަރާތްތަކާއެކު ވެސް އެއްބަސްވުންތަކުގައި ސޮއިކުރަމުންދާ ކަމަށާ، މި އެމްއޯޔޫގެ ސަބަބުން ރާއްޖެ ކޮންޓްރަކްޝަން ދާއިރާ އަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށެވެ.
"އެންމެ މުހިންމު ކަމަކީ ތަމްރީންވުމުގެ ފުރުސަތު. އެ ފުރުސަތު ފަހި ވެގެން ދާނެ،" ނެލްސަން ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ )ގެ ރައީސްކަން ވެސް ކުރައްވާ ޖަނާހު ވިދާޅުވީ އެމްއޯޔޫގެ ސަބަބުން މުޅި ރާއްޖެއަށް ހާއްސަކޮށް ކޮންޓްރަކްޝަން ސިނާއަތަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
އެކްސްޕާޓް ކޮންސެލްޓެންޓުންނާއެކު ފިޑިކް އުފެދިފައިވަނީ 1913 ވަނަ އަހަރު އެވެ.
މި ޖަމިއްޔާއަކީ އެކި ދާއިރާއިން ތަމްރީން ދިނުމުގެ މަސައްކަތް ދުނިޔޭގައި ކުރާ އެންމެ ބޮޑު ޖަމިއްޔާ އެވެ. އަދި ދުނިޔޭގައި ހަދާ ހުރިހާ ކޮންސްޓްރަކްޝަން އެއްބަސްވުންތައް ހަދާނީ ފިޑިކްގެ މިންގަނޑު ތަކަށެވެ.