ދުނިޔެ

ބުރްކީނާ ފާސޯގައި ގަތުލުއާންމެއް، 132 މީހުން މަރައިފި

ބުރްކީނާ ފާސޯގައި ހަތިޔާރު އެޅި ގުރޫޕަކުން ވަކި ގޮތެއް ނުބަލައި އާންމުންނަށް ބަޑިން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 132 އަށް އަރަފި ކަމަށް ސަރުކާރުން ބުނެފި އެވެ.

ބުރްކީނާ ފާސޯ އޮންނަނީ އެފްރިކާ ބައްރުގައި، ހުޅަނގު ފަރާތުގައި - ނައިޖަރާ އިންވެގެންނެވެ. އާބާދީއަކީ 20.32 މިލިއަނެވެ. އާންމުކޮށް ވާހަކަ ދައްކަނީ ފްރެންޗުންނެވެ. ވެރިރަށަކީ ވާގާޑޫގޫ އެވެ. ރައީސްކަމުގައި މިހާރު ހުންނެވީ ރޯކް މާކް ކްރިސްޓިއަން ކަބޯރީ އެވެ.

ސަރުކާރުން ބުނީ ހަތިޔާރު އެޅި ގުރޫޕް ހުކުރު ދުވަހުގެ ރޭ ސޮލްހާން އަވަށަށް އަރައިގަތީ ނައިޖަރު ފަޅިންކަމަށެވެ. އަދި ބުނީ ކޮން ބައެއްކަން ނޭނގޭ ބައިގަނޑު އަރައިގަނެ ވަކި ތަނަކަށް އަމާޒުނުކޮށް ބަޑިތައް ހޫރައިގަތީ ކަމަށެވެ. ބައިގަނޑު ދަމުން ދިޔައީ ގެދޮރުގައި ހުޅުޖަހައި މާރުކޭޓުތަކުގައި ވެސް ރޯކޮށްފައި ވާކަމަށެވެ.

އެފްރިކާ ބައްރުގެ އެ ހިސާބުގައި ކޮންމެ ދެމީހަކީ ހަތިޔާރުއެޅި ގުރޫޕެކެވެ. އަލްގައީދާއާ ބޯކޯހަރާމް ފަދަ ގަތުލުއާންމުތަކަށް ކުރިއަރާފައިވާ ޖާމާއަތްތަކުން ހިތްވަރު ހޯދައިގެން ކުދިކުދި ގުރޫޕްތައް މީހުން މަރަމުން ހަރަކާތްތެރި ވަނީ ބަތަލުންގެ ގޮތުގަ އެވެ.

ރައީސް ކްރިސްޓިއަން ކަބޯރީ ވިދާޅުވީ ކޮންމެ އަގެއްގައި ނަމަވެސް ހަމަލާދިން ބަޔަކު ހޯދާނެ ކަމަށާއި ހައްގު އަދަބު ވެސް ދެވޭނެ ކަމަށެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައި ވިދާޅުވީ ކުޑަކުދިން މަރާނީ ހިތެއް ނެތް ބަޔަކު ކަމަށެވެ. ބާޣީ ގުރޫޕުން ވަނީ ހަތް ކުދިން މަރާފަ އެވެ. އެސަރަހައްދުގައި އދ. ގެ ސަލާމަތީ ސިފައިން ތާއަބަދު ހަރަކާތްތެރި ވާއިރު ވެސް ހަނގުރާމަވެރި ގުރޫޕްތަކުން ދޭ ހަމަލާތަކަށް ބަދަލެއް ނާދެ އެވެ.