ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.
އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދީފައިވަނީ މިއަދު ކަމަށް އެނގިފައިވެ އެވެ.
ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ)ގެ އިތުރުން ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. މިހަމަލާގެ ތުހުމަތުގައި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ފާތިހުގެ ބަންދުގެ މުއްދަތުވެސް ވަނީ ހަމަވެފަ އެވެ. ނަމަވެސް އޭނާގެ ބަންދާ މެދު ނިންމި ގޮތެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މިހަމަލާއާއި ގުޅިގެން އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ. އެކަމަކު އެމީހާގެ މައުލޫމާތު މިއަދު ހާމަކޮށްފައެއް ނުވެ އެވެ.
ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމް އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ފާތިހް އަކީ ހަމަލާ ދިން ތަނުގައި ސައިކަލް ބެހެއްޓި މީހާ އެވެ. މުޖާޒް ހައްޔަރުކޮށްފައިވަނީ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.
އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ހުޅުމާލޭގެ ފްލެޓް (95-ޖީ-02) ގައި ހުއްޓާ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މުޖާޒް ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ގ. ފެހިދޯދިގޭގައި ކުއްޔަށް ދީފައިވާ ތަނަކުން މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ހުޅުމާލެ އިން ތަހުމީން ވެސް ހައްޔަރުކުރީ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ބ. ދަރަވަންދޫ އިން ފާތިހު ހައްޔަރުކުރީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.
އަދުހަމާއި، މުޖާޒު އަދި ތަހުމީންގެ ބަންދަށް އެންމެ ފުރަތަމަ 15 ދުވަސް ޖެހީ މެއި މަހުގެ ނުވަވަނަ ދުވަހު އެވެ. ފާތިހުގެ ބަންދަށް އެންމެ ފުރަތަމަ 15 ދުވަސް ޖެހީ މެއި 20 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި އަދުހަމާއި، މުޖާޒު އަދި ތަހުމީންގެ ކުށުގެ ރެކޯޑް އެބަހުރި ކަމަށެވެ. އެގޮތުން މަސްތުވާތަކެއްޗާއި، ވައްކަމުގެ ކުށުގެ ރެކޯޑް ހުރިކަން ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން ފާތިހު މީގެކުރިން ފުލުހުންގެ މުވައްޒަފެއްގެ ގޮތުގައި ޑްރަގް އިންޓެލިޖެންސް މަސައްކަތްތަކުގައި އުޅެފައިވާ ކަން ފުލުހުން ހާމަކޮށްފައިވެ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަސް މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅިފައިވާ ބައެއް ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.