ބޯކޮށް ވާރޭވެހި، ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އާއި ބްރެޒިލް ރޭ ފަތިހު ކުޅެން އޮތް މެޗު ފަސްކޮށްފި އެވެ.
ރާއްޖެ ގަޑިން ރޭ ފަތިހު ފަހެއް ޖަހާއިރު ފަށަން އޮތް މެޗު ފަސްކުރަން ނިންމީ ދެ ޓީމު ވެސް ދަނޑަށް ދިޔަ ފަހުންނެވެ. މި މެޗު ފަށަން މިހާރު ނިންމާފައިވަނީ މިރޭ ފަތިހު ފަހެއް ޖަހާއިރު އެވެ.
ބްރެޒިލް ޓީމުގެ އޮފިޝަލުންނާ ހަވާލީދައިފާ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެޗު ކުޅެން އޮތް އާޖެންޓީނާގެ މޮނިއުމެންޓަލް ސްޓޭޑިއަމުގައިވަނީ އެއްކޮށް ފެންބޮޑުވެފަ އެވެ. އަދި ބޯ ވާރޭގެ ސަބަބުން ގިނަ ސަޕޯޓަރުންނަށް ވަނީ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ދަނޑަށް ނާދެވިފަ އެވެ.
"އަހަރުމެންނާއި އާޖެންޓީނާ ޓީމު ވަނީ މެޗު އޮފިޝަލުންނާ ބައްދަލުކޮށްފައި. އަދި މެޗު ކުރިއަށް ގެންދެވޭނެ ގޮތެއްނެތް ކަމަށް ވަނީ ފާހަގަކުރެވިފައި. މި ހާލަތުގައި ދަނޑުގައި ރަނގަޅު ފުޓްބޯޅައެއް ނުކުޅެވޭނެ. ވަރަށް ބޮޑަށް ގުގުރާ ވިދާވެސްމެ، އަދި މޫސުން ފެންނަނީ ވެސް ގޯސްކޮށް،" ބްރެޒިލްގެ އެސިސްޓެންޓް ކޯޗު ގިލްމާ ރިނާލްޑީ ބުންޏެވެ.
މި މެޗަށް ނުކުންނައިރު މި ދެ ޓީމުގެ ތެރެއިން އާޖެންޓީނާގެ ފޯވަޑް ވަނީ އޮތީ ވަރަށް ބަލިކަށިކޮށެވެ. ލަޔޮނަލް މެސީ އާއި ސާޖިއޯ އަގުއެރޯ އަނިޔާގައިތިބިއިރު އެންމެ ފަހު ވަގުތު ކާލޮސް ޓެވޭޒް ވެސް ވަނީ އަނިޔާގެ ސަބަބުން ޓީމުން އުނިކޮށްފަ އެވެ. އަދި ހާވިއާ ޕަސްޓޯރޭ އަށް ވެސް ކުޅެވޭނެކަން ޔަގީނެއްނޫނެވެ.
ބްރެޒިލް ޓީމަށް ބަލާއިރު ހަތަރު މެޗުގެ ސަސްޕެންޝަނަކަށް ފަހު ބާސެލޯނާގެ ފޯވަޑް ނޭމާ ޓީމާ ގުޅުމުން ބްރެޒިލް ޓީމުވަނީ ކުރިއަށްވުރެ ވަރުގަދަވެފަ އެވެ.