އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަސްމީ ބޯޅަ ބޯޖުއާ ރަސްމީކޮށް ދައްކާލައިފި އެވެ.
ބްރެޒިލްގައި މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރަސްމީބޯޅަ ބްރަޒޫކާ ނަމޫނާ އަކަށް ބަލައިގެން އެޑިޑާސްއިން ތައްޔާރުކުރި ބޯޅަ ދައްކާލީ ފްރާންސަށް ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްދިން ދުނިޔޭގެ ކުރީގެ މޮޅު ކުޅުންތެރިޔާ ޒައިނުއްދީންޒިދާން އެވެ. އޭނާއާއެކު ދެން ބައިވެރިވީ އެންމެ ފަހުގެ ޔޫރޯގެ ދެ މުބާރާތް ވެސް ސްޕޭނަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހަނާންޑޭޒް އެވެ.
18 މަސްދުވަހުގެ މަސައްކަތުން ތައްޔާރުކޮށްފައިވާ ބޯޖުއާގެ މާނައަކީ ދަ ބިއުޓިފުލް ގޭމް އެވެ. އެޑިޑާސްއިން ތައްޔާރުކޮށްފައިވާ އެހެން ބޯޅަތަކާ ހިލާފަށް މި ބޯޅައިގެ ބައްޓަން ރީތިވެފައި އެކިއުރެސީ ރަނގަޅުވާނެ އެވެ. ބޯޅައިގައިވާ ރަތާއި ނުލާއި ހުދުން ރަމްޒުކޮށްދެނ ފްރާންސްގެ ގައުމީ ދިދަ އެވެ.
މުބާރާތުގައި ވާދަކުރާ ހުރިހާ ގައުމަކަށް ވެސް މި ބޯޅަ އަންނަ ޑިސެމްބަރު މަހުން ފެށިގެން އެޑިޑާސްއިން ފޯރުކޮށްދޭނެ އެވެ. އަދި އަންނަ ހޯމަ ދުވަހުން ފެށިގެން އެޑިޑާސްގެ ފިހާރަތަކުން މި ބޯޅަ ގަންނަން ލިބޭނެ އެވެ.
ދުނިޔޭގެ ބައެއް ތަރިން ވަނީ މި ބޯޅަ ޓެސްޓު ކުރުމަށް ބޯޅައާއެކު ކުރިން ފަރިތަކޮށްފަ އެވެ. އެއަށް ފަހު ރެއާލް މެޑްރިޑުގެ ފޯވަޑް ގެރެތް ބޭލް ބުނީ ބޯޅަ ބަރާބަރު ކަމަށެވެ.
"އަހަރެންވަނީ މި ބޯޅަ ޓެސްޓުކޮށްފައި. ދުރުން ގޯލަށް ޖެހިން. ޕާސްކުރިން. ބޯޅައާއެކު ދުވިން. ބޯޅަ ވަރަށް ބަރާބަރު. މި ބޯޅަގައި މުބާރާތް ކުޅެން ވަރަށް ބޮޑަށް ކެތްމަދުވެފައި މިހުރީ،" ބޭލް ބުންޏެވެ.
ފްރާންސްގެ ޕޯޓޯ އަށް ކުޅޭ ރެއާލް މެޑްރިޑުގެ ކުރީގެ ކީޕަރު އަދި ސްޕޭނުގެ ގައުމީ ކެޕްޓަން އިކާ ކަސިޔާސް ބުނީ އެމީހުންގެ ފަރިތަކުރުންތަކަށް މި ބޯޅަ ލިބުނު ކަމަށާއި މިއީ ވަރަށް ފުރިހަމަ ބޯޅައެއް ކަމަށެވެ.