(04 ޖޫން 2021އާ ގުޅޭ)
"ޖަނާ." ލަބީބު މަޑުމަޑުން ޖަންނަތުގެ އަތުގައި ހިފައިލިއެވެ. އެއާއި އެކު ޖަންނަތުގެ ލޮލުގެ އެސްފިޔަތަކުން ފުރޭނިގެން ކަރުނަތައް ފައިބައިގަތީ ޖަންނަތުގެ ބޯ ދަށުގައި އޮތް ބާލީހަށެވެ.
"ޖަނާ.. ޕްލީޒް ނުރޮއި.. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް، އަހަރެން ޖަނާ ދެކެ އިންތިހާއަށް ލޯބިވޭ. އަބަދުވެސް އަހަރެން ލޯބި ވާނީ ޖަނާ ދެކެ.." ލަބީބު އޭނާގެ ތުންފަތް ގޮސް ޖައްސައިލީ ޖަންނަތުގެ އަތު ކުރީގައެވެ. އަދި ވަރަށް ލޯބިން ބޮސް ދިނެވެ. އެ މަންޒަރު ބަލަން އައިޝާ އާއި ރަޝީދާ ވެސް ހުރީ ހިތަށް ވަރަށް އުދަނގޫ ވެފައެވެ. އެވަރުގެ ބޮޑު ކަމެއް ޖަންނަތު ކުރީ ކީއްވެކަން އެނގެން އެމީހުން ތިބީ ވަރަށް ބޭނުން ވެފައެވެ. ނަމަވެސް ލަބީބަށް އެ ކަމުގެ ޙަޤީޤަތަށް ވުރެ، އެވަގުތު މުހިންމުވީ ޖަންނަތުގެ ހިތަށް ހަމަޖެހުމެއް ގެނެސްދިނުމެވެ. އެވާހަކަތައް އަހައިފި ނަމަ، ޖަންނަތަށް އިތުރު ހިތްދަތި ކަމެއް ލިބިދާނެތީ ލަބީބު ކަންބޮޑުވެއެވެ.
***
ކޮޓަރީގެ ދެކޮޅަށް ހިނގަމުން ދިޔަ ވާހިދާގެ ސިކުނޑި ފަތަހަ ކޮށްފައި ވަނީ ނާއިކާއި މަލާކުގެ ލޯބީގެ ހާދިސާއިންނެވެ. މިހާރަކަށް އައިސް މަލާކު ފޯނުން ނާއިކާ ވާހަކަދައްކާ ތަން ފެންނާތީ، ވާހިދާއަށް ކުރުވަނީ ވަރަށް ބޮޑު އުނދަގުލަކާއި ލިބެނީ އިތުރު ތުރާލެކެވެ. ވާހިދާއަށް ކުރިމަތި ލާން މި ޖެހުނީ ކޮންފަދަ ބޮޑު އިމްތިޙާނަކާ ބާއޭ އެތައް ފަަހަރަކު ވާހިދާގެ ހިތް އޭނާއާ ސުވާލު ކުރެއެވެ.
"މަންމާ.." ސިއްސައިގެން ގޮސް ވާހިދާއަށް ބަލައިލެވުނީ، ކޮޓަރީގެ ދޮރާއި ދިމާލަށެވެ.
"ދަރިފުޅާ! ކިހިނެއްވީ؟" ވާހިދާގެ އަޑާއި، މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސް ކަމާއި، ކޮޅުނެތް ކޮޅަށް ހާސް ކަމެވެ.
"މަންމާ! އަނެއްކާ މަންމަ އޯކޭތަ؟ މަންމަ މިހާރަކަށް އައިސް ފެންނަނީ އަބަދުވެސް ކޮންމެ ވެސް ފިކުރެއްގަ ހުންނަ ތަން. އެއީ ކީއްވެތަ މަންމާ؟" މަލާކު ކޮށްލި ސުވާލުން ވާހިދާއަށް ތެޅެގަނެވުނެވެ. އެއީ އެެއްވެސް ކަމެއް މަލާކަށް ޝައްކު ވާން ވެސް ވާހިދާ ނޭދޭތީއެވެ.
"ނޫން ދަރިފުޅާ! އެއްވެސް ކަމެއް ނުވޭ. އެކަމު މަންމަ ވިސްނަން ހުންނާނެ ދޯ ވަރަށް ކަންތައް. މިއީ ދެން އާދައެއްނު؟ ދަރިފުޅު ކަންބޮޑު ނުވޭ!"
"ދެން ދަރިފުޅު ކައިގެންތަ ތި އުޅެނީ؟" ވާހިދާ ހިފައިލީ މަލާކުގެ ކޮނޑުގައެވެ. ޖަވާބުގައި މަލާކު ބޯ ޖަހައިލަމުން ކޮޓަރިން ނުކުތީ ލުއިކޮށް ހީނލައިގެންނެވެ. ހަމަ އެއާއި އެކު ދަތި ގޮތަކަށް ހިން ދިރުވައިލަމުން، ވާހިދާ އަނެއްކާ ވެސް ހިނގަން ފެށީ ކޮޓަރީގެ ދެކޮޅަށެވެ. އެހެން ހިނގަނިކޮށް ކުއްލިއަކަށް ވާހިދާގެ ފޯނު ރިންގު ވާން ފެށިއެވެ. ގުޅަމުން ދިޔައީ ނުދަންނަ ނަމްބަރަކުންނެވެ. ނުނަގަން ހުރެފައި ވެސް، ވާހިދާ ފޯނަށް ޖަވާބު ދިނެވެ.
އެކޮޅުން ފޯނުން ވާހަކަ ދެއްކީ ފިރިހެނެކެވެ. އެކޮޅުން ދެއްކީ އެއްވެސް ޙާލެއްގައި ވާހިދާ އުއްމީދުކޮށްގެން ހުރި ކަހަލަ ވާހަކަ ތަކެއް ނޫނެވެ. އެމީހާގެ ދުލުން ބޭރު ކުރަމުން ދިޔަ ކޮންމެ ލަފުޒެއް ދިޔައީ ވާހިދާގެ މޭގެ ތެރެ ފޫއަޅުވައިލަމުންނެވެ.
"ވަޓް؟" އެންމެ ފަހުން ނުހުރެވިގެން ވާހިދާއަށް އޭނާގެ އިޚުތިޔާރުން ބޭރުން އަހައިލެވުނެވެ. ވާހިދާ ހުރީ ވަރަށް ބޮޑަށް ބިރުގަންފެއެވެ.
"އަހަރެން ޑިމާންޑު މި ކުރަނީ 5 ލައްކަ ރުފިޔާއަށް. ދެވޭނީ ބަރާބަރު ހަފުތާއެއް. ހަފުތާއެއްގެ ތެރޭގައި މި އަދަދު ޖެހޭނީ އަހަރެންނާ ހަވާލު ކުުރަން. އެހެން ނޫނީ..." އެކޮޅުން ގެންދިޔައީ ވާހިދާއަށް ބުލެކް މެއިލް ކުރަމުންނެވެ.
"ހެހެ! ދެންވެސް މައިތިރި ވެގެން އުޅެވޭތޯ ބަލާ! ޒުވާން ފިރިހެން ކުދިންނާ އެކު ރޭގަނޑު ދަންވަރު މަގުމަތީގައި އަތް ޖޯޑުކޮށް، ބައްދައި ތިހެން އުޅެންޏާ މިކަހަލަ ލަނޑު ވެސް ލިބޭނެ. ރޫމެއް ނެތީތަ؟ ތި ދެން ކިހާ ހަޑި ގޮތެއް.. ޤައުމު ހިންގަން ތިބޭ މީހުންގެ އަޚުލާޤު މި ލެވަލްއަށް ދިޔާމަ. ހެހެ!" ދެން ވެސް ވާހަކަ ދެއްކީ ހަމަ އެ ފިިރިހެން މީހާއެވެ. ލިބުނު ޝޮކުގައި ވާހިދާގެ ދޫ ވަނީ ގޮށް ޖެހިފައެވެ. ވާހިދާއަށް ހީވީ އޭނާގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓިގެން ދިޔަހެންނެވެ. މަލާކާއި ނާއިކުގެ ކަންތައް ކޮޅެއްގައި ނުޖެހެނީސް، އަނެއްކާ ވާހިދާއަށް މި ކުރިމަތި ލާން ޖެހުނީ މުޅިން އެހެން އިމްތިޙާނަކަށެވެ. އެއްވެސް ގޮތަކަށް މަލާކަށް މިއިން އެއްވެސް ކަމެއް ކުޑަކޮށް ނަމަވެސް ރޭކާލަން ވާހިދާ ބޭނުމެއް ނޫނެވެ.
"އޯކޭތަ؟ އަދި ބުނަން! އަހަރެން ހޯދަން ނޫޅޭތި! އަދި ނާއިކުގެ ގާތުގައި އަހަރެންގެ ވާހަކަ ނާހާތި!" އެކޮޅުން އެހެން އެދުމާ އެކު، ބިރުން ހުރި ވާހިދާ ވަރަށް މަޑުމަޑުން އާނއެކޭ ބުނީ އެއްވެސް ބާރެއް ނެތް މީހެއް ފަދައިންނެވެ. ވާހިދާ އެއްބަސް ވުމާ އެކު ހެމުން ހެމުން އެކޮޅުން ވާހަކަދެއްކި މީހާ ފޯނު ބޭއްވިއެވެ.
***
"ރެޑީ ވެގެން އަހަރެން މިދަނީ އިނގޭ ހޮސްޕިޓަލަށް!" ފެން ވަރައި ނިމިގެން ނާއިކު ގުޅައިލީ އައިޝާއަށެވެ. އައިޝާގެ ގާތަށް ހޮސްޕިޓަލަށް ދިޔުމަށް ނާއިކު ވަރަށް އަވަސް ކުރަމުން ދިޔައެވެ. ގަމީހުގެ ގޮށްތައް އަޅުވައި ނިމުމާ އެކު، ނާއިކު އަވަސްވެ ގަތީ ގެއިން ނުކުންނާށެވެ. އެ ނިޔަތާ އެކު ނާއިކަށް އެޅުނީ އެންމެ ދެ ފިޔަވަޅެވެ. ވަގުތުން ނާއިކުގެ ފޯނު ރިންގުވާން ފެށިއެވެ. 2 ދުވަސް ފަހުން އަނެއްކާ ވެސް ނާއިކަށް އެ ލިބުނީ އެއްކަލަ ވީޑިއޯ ކަންތަކުގައި އުޅޭ މީހާގެ ކޯލެކެވެ.
"ކިހިނެއްވީ؟" އެއްވެސް ބާރެއް ނެތް ފަދަ މީހެއް ފަދައިން ނާއިކު އެހެން އަހައިލީ މަޑުމައިތިރި ކަމާ އެކުގައެވެ.
"އަހަރެން މި ގުޅީ އޭ ވިސްނާފަ. ފައިސާގެ އަދަދު ބުނަން... ހޫމް.. 5 ލައްކަ ރުފިޔާ ދީ! މިކަމަށް ދެވޭނީ ބަރާބަރު ހަފުތާއެއް. ހަފުތާއެއްގެ ތެރޭގައި މި އަދަދު ޖެހޭނީ އަހަރެންނާ ހަވާލު ކުުރަން. އޯކޭ ދޯ؟" އެކޮޅުން އެހެން ބުނުމާ އެކު، ނާއިކަށް ލިބުނު ތުރާތައް އިތުރުވެގެން ދިޔަ ކަހަލައެވެ.
"އޯކޭ.." ވަރަށް ދަތިގޮތަކަށް ނާއިކު އޯކޭ ދިނެވެ. އެކޮޅުން ޖަހައިލީ ވަރުގަދަ ހިނިގަނޑެކެވެ.
"އަދި ބުނަަން! ނަމަ ނަމަ، މިވާހަކަ ވާހިދާއަށް ނާންގާތި!" އެމީހާ ހަރުކަށި ރާގެއްގައި އިންޒާރު ދިނީ ނާއިކަށެވެ. ނާއިކު ޖަވާބުގައި "އާނއެކޭ" ބުނީ އިތުރު ގޮތެއް ނެތީމައެވެ.
***
ރޭގަނޑުގެ އަނދިރިކަމުން މުޅި ދުނިޔެ ވަނީ ބައްދައިލައިފައެވެ. ޖަންނަތުގެ ގާތުގައި އައިޝާ އާއި ރަޝީދާ ވެސް އިނެވެ. ޖަންނަތާ އެންމެ ގާތުގައި، އޭނާގެ އަތުގައި ފިރުމަމުން ލަބީބު ގެންދިޔަ އިރު، ލަބީބާ ޖެހިގެން އިނީ ނާއިކެވެ.
"ލަބީބު.." ޖަންނަތުގެ އަޑުގައި ވަނީ ރާޅުކަމެވެ.
"އަހަރެންނަށް މާފު ކުރޭ! އަހަރެން މިކަން ކުރީ އެއްވެސް މީހަކަށް އެނގޭނެ ކަމަށް ބަލާފަ އެއް ނޫން. އަހަރެން މިކަން ސިއްރު ކުރީ މުޅީ އުމުރަށް. އަހަރެންގެ އަމިއްލަ ނަފުސުން ބޭރަށް މި ސިއްރު ނުދާނެ ކަމަށް ބަލާފަ.." ޖަންނަތުގެ ވާހަކަ މިހާ ހިސާބަށް ދިޔައިރު، އޭނާއަށް ވަނީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ.
"ކީކޭ ބުނަން ތި އުޅެނީ؟" ޖަންނަތުގެ އަތުގައި ލަބީބު ވަރަށް ލޯބިން ހިފައި ފިއްތައިލަމުން އަހައިލިއެވެ. ޖަންނަތުގެ ވާހަކަ އަޑު އަހަމުން އެތަނުގައި ތިބި އެހެން މީހުން ގެންދިޔައެވެ.
"ލަބީބު... އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ސިއްރު ކުރާކަށް.. މިއަދު އަހަރެން ހުރިހާ ވާހަކައެއް ކިޔާދޭނަން. އެއީ އަހަރެންގެ ހިތް ބޭނުންވާ ގޮތް. އަހަރެންނަށް މާފު ކުރޭ.." ޖަންނަތު ފެށީ ރޯންށެވެ. ޖަންނަތު ނިންމައިގެން ހުރީ ކަމުގެ ފޮރުވިފައިވާ ސިއްރު އެންމެންގެ ތެރޭގައި ފައުޅު ކުރާށެވެ. މުޅި ޢާއިލާ ދެރަވާނެ ވަރު އެނގޭ ޙާލުގައެވެ. (ނުނިމޭ)