ތިމާވެށި

ހަކަތައިގެ އިންވެސްޓަރުން ހޯދަން ކޮންފަރެންސެއް

ހަކަތައިގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓް ކުރާނެ ފަރާތްތައް ހޯދަން ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.

ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް ސޯލާ އެލަޔަންސް އާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ވާޗުއަލްކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ކޮންފްރެންސްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ކޮންފަރެންސް ބޭއްވުމަށް ތާވަލް ކޮށްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

މިއީ 2030 ވަނަ އަހަރު އަންނަ އިރު ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގާ ހަރަކާތެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ރާއްޖޭގައި ހަކަތައިގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނަށް އެ ކޮންފަރެންސްގައި ދޭނެ އެވެ.

މި ކޮންފަރެންސްއާ އެކު ވޯލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނަރޖީ – އެސްޕަޔަރ ޕްރޮޖެކްޓް އަދި އެކްސަލަރޭޓިންގް ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ - އެރައިސް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރާ ސޯލަރ ހަކަތައިގެ ނިޒާމުތަކަށް އެންމެ ރަނގަޅު އިންވެސްޓްމަންޓް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މި ކޮންފެރެންސް ފެށުމުގެ ގޮތުން ދެއްވާ ހާއްސަ ތަގުރީރުގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ސަރުކާރުންގެ ގެންގުޅުއްވާ ތަސައްވުރު ހުށަހަޅުއްވައި ދެއްވާނެއެވެ.

ކޮންފަރެންސްގައި ތަގުރީރުކުރައްވާ އެހެން ބޭފުޅުންގެ ތެރޭގައި އިންޓަރނެޝަނަލް ސޯލާ އެލަޔަންސް ގެ ރައީސް އަދި އިންޑިއާގެ ނިއު އެންޑް ރިނިއުވަބަލް އެނާރޖީ މިނިސްޓަރު ރާޖް ކުމާރު ސިންގް ވެސް ހިމެނެއެވެ.

މިކޮންފަރެންސްގައި ކުދި ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީގައި ހަކަތައިގެ އިންފްރާސްޓަރަކްޗަރގެ ދައުރާއި ބެހޭގޮތުން ވާހަކަދެއްކެވުމަށް ހާއްސަ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ. އެ ޕެނަލް ޑިސްކަޝަންގައި ސީޝެލްސްގެ ތިމާވެށީގެ ވަޒީރު ފްލެވިއަން ޖޯބާރޓް އާއި ސްރިލަންކާގެ ހަކަތައިގެ ވަޒީރު ދުއްލަސް އަލަހައްޕެރުމާ އާއި މޮރިޝަސްގެ ހަކަތައިގެ ވަޒީރު ޖޯޖް ޕިއަރޭ ލެސްޖޮންގާޑްގެ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.