މާލޭގައި ބުޅާ ގިނަވެ އެކަމުގެ އުނދަގޫ ބޮޑުވެފައިވާތީ އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ހާއްސަ މަަސައްކަތްތަކެއް ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެތެރޭގައި ބުޅާ ގިނަވެ އެކަމުގެ ސަބަބުން އެތައް ބަޔަކަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާ އެއީ ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ މާލެތެރޭގައި އުޅޭ ބުޅާތަކަށް ވެސް އަޅާލުމާއި ރައްކާތެރިކަން ދޭން ޖެހޭ ކަމަށާ އެހެން ކަމުން ބުޅަލުގެ މައްސަލަ ހައްލު ކުރަން ހާއްސަ މަސައްކަތްތަކެއް މިއަދު ފަށާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެ މައްސަަލަ ހައްލު ކުރަން ކުރެވޭ މަސައްކަތުގައި ތަަޖުރިބާކާރުން އެހީތެރިކަން ހޯދާނެ ކަމަށާ އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ ގާނޫނީ އިމުގެ ތެެރެއިން ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލުން ދެކެނީ އެއީ ވެސް އަޅައިލަން ޖެހޭ ރައްކާތެރިކަން ލިބެންޖެހޭ ޖަނަވާރެއް ކަމަށް. އެހެންވީމަ ބުޅާތަކާމެދު އިންސާނިއްޔަތު ކަމާއެކު ކަންތައްތައް ކުރެވޭނެ ގޮތްތައް ހޯދާ ކަމާބެހޭ މާހިރުންގެ ލަފަޔާއެކުގައި ހެދިފައި ހުރި ގާނޫނުތަކުގެ އިމުގެ ތެރެއިން މާލެ ސިޓީގެ ތެރޭގައި އާންމުންނަށް މިހާރު މި އުނދަގޫވާ ގޮތަށް އޮތް މައްސަލައަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަަސައްކަތެއް ކުރަން ވަނީ ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ބުޅާ ދެކެ ލޯބިވާ ބުޅަލަށް ޝައުގުވެރިވާ މީހުންގެ ހިތްތައް މަރާ ނުލާ އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ. އެ ގޮތުން އެޗްޑީސީއާ މަޝްވަރާކޮށް ބުޅާތަކަށް ހާއްސަ ފެސިލިޓީއެއް ގާއިމު ކުރަން މަަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މުއިއްޒު ވަނީ ނިމިގެންދިޔަ ކައުންސިލުން ވެސް ބުޅަލުގެ މަސައްކަތް ހައްލު ކުރަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
މާލޭގައި ބުޅަލުގެ ބޮޑު އާބާދީއެއް އެބައޮތެވެ. މާލޭގެ މަގުމައްޗަށް ކޮންމެ ވަގުތެއްގައި ނުކުތަސް ކޮންމެވެސް އެއް ދިމާއަކުން ބުޅަލެއް ނޫނީ ބުޅާތަކެއް ފެންނާނެ އެވެ. ވިލިމާލޭގައި ވެސް ހުޅުމާލޭގައި ވެސް ބުޅާ ގިނަ އެވެ. މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ފަދަ ހުސް ބިންތަކުގައި ވަރަށް ގިނައިން ބުޅާ އުޅެއެވެ.