ދިވެހި ކުޅިވަރުގެ ދާއިރާގެ ހިދުމަތްތެރިއެއް ކަމަށްވާ މާދިހު އިސްމާއީލް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. ނިޔާވިއިރު އުމުރަކީ 52 އަހަރެވެ.
މާދިހު އިސްމާއީލް ނިޔާވީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. އާއިލާގެ ބޭފުޅަކު ވިދާޅުވީ ރޭގެ ވަގުތެއްގައި ހޮޑުލެވި ހޭނެތުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ކަމަށެވެ. އަދި މި ވަގުތު ހޮސްޕިޓަލްގައި ކޮވިޑަށް ޓެސްޓް ކުރަމުން ގެންދާ ކަމަަށެވެ.
މާދިހު އިސްމާއީލް އަކީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެންބަރުކަން ދެ ފަހަރަށް ކުރެއްވެވި އަދި ސަރުކާރުގެ އިސް ބައެއް މަގާމުތައް ފުރުއްވަވައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އިސްމާއީލް ޒަކަރިއްޔާގެ ބޭފުޅެކެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު 14 ވަނަ ދުވަހު ކޮވިޑް އާލާސްކަންފުޅުގައި އިސްމާއީލް ވަނީ އަވަހާރަވެފައެވެ.
މާދިހު އިސްމާއީލް އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލްގެ ބޭބެއެވެ. އަދި އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމްގެ ކޮއްކޮ އެވެ.
މާދިހު ވަނީ ކުޅިވަރު މުދައްރިސެއްގެ ގޮތުގައި ސުކޫލުތަކުގައި ހިދުމަތް ކުރައްވާފައެވެ. އަދި އެފްއޭއެމްގެ ބައެއް މަގާމުތަކާއި ކުޅިވަރު އެހެން ބައެއް އެސޯސިއޭޝަންގެ އެކި މަގާމުތައްވެސް ފުރުއްވާފައިވެއެވެ. އަދި ފުޓްބޯޅަ ކުލަބުތަކާއި ކްރިކެޓް ކްލަބުތަކަށްވެސް ހިދުމަތް ކުރައްވާފައިވެއެވެ. ބައިބަލާ ކުރިއަރާ އެ ކުޅިވަރުގެ ފޯރި އިތުރުކުރުމަށް ކުރެވުނު މަސައްކަތުގައިވެސް މާދިހުގެ ދައުރު ބޮޑެވެ.