މަރު

ކްރީމް ޖެހި ބަނަހަކަށް އެލާޖިކްވި އަންހެން ކުއްޖާ މަރުވެއްޖެ

ކްރީމް ޖެހި ބަނަހަކަށް މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އެލާޖިކް ވެގެން، އައިޖީއެމްއެޗުން ފަރުވާ ހޯދުމުގެ ތެރޭގައި ހާލުދެރަވި މަރިޔަމް ޒައީމާ (މަރީ) މިއަދު މަރުވެއްޖެ އެވެ.

މަރިޔަމް ޒައީމާ އަކީ ކުރިން ޓީވީއެމްގެ ނޫސްވެރިއެއްގެ ގޮތުން މަސައްކަތް ކުރި މީހެކެވެ. އުމުރުން 30 އަހަރުގެ މިޒުވާން އަންހެން ކުއްޖާގެ ނުވަ އަހަރުގެ ދަރިއަކުވެސް ހުރެ އެވެ.

މަރީ އެލާޖިކްވީ، 2021 ވަނަ އަހަރުގެ މެއި މަހު، އައިޖީއެމްއެޗް ކެންޓީނުން ކްރީމް ޖެހި ބަނަހެއް ކައިގެންނެވެ.

އެ ބަނަސް ކެއިތާ މާގިނައިރުތަކެއް ނުވެ އޭނާގެ މުޅި ގައި ހިރުވައި، ނޭވާލާން އުނދަގޫ ވާން ފެށި އެވެ. ވަގުތުން އޭނާ އިމަޖެންސީ ރޫމަށް ގެންގޮސް ފަރުވާ ދެނިކޮށް، ހިތް ހުއްޓި އައިސީޔޫގައި ބާއްވަން ޖެހުނެވެ.

އޭގެ ފަހުން މިހުރިހާ ދުވަހު އޭނާ އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި އިންޑިއާގަ އެވެ. މަރީގެ އާއިލާއިން އޭނާގެ ފަރުވާ އަށް އެހީ ހޯދުމަށްޓަކާ ކެމްޕޭންތަކެއް ވެސް ހިންގި އެވެ.

މިކަމުގައި އައިޖީއެމްއެޗްގެ އިހުމާލު އޮވެދާނެ ކަމަށް އެ ހޮސްޕިޓަލުން އެއްބަސްވެ އެވެ. އެލާޖިކްވެގެން ފަރުވާދިންތާ ދެ މަސް ފަހުން އައިޖީއެމްއެޗުން އާއިލާއަށް ފޮނުވި ސިޓީއެއްގައި ވަނީ މަރީއަށް ފަރުވާ ދިން ގޮތާއި އެކަމުގައި ހޮސްޕިޓަލުގެ އިހުމާލު އޮތުން އެކަށީގެންވާ ކަމަށްވެސް ބުނެފަ އެވެ. ނަމަވެސް އަދި އެމައްސަލަ ބަލައި ފިޔަވަޅު އަޅާފައިވާ ކަމެއް އެނގޭކަށް ނެތެވެ.