މަރު

ބަދަލު ހޯދަން ދައުވާކުރަން މަރީގެ އާއިލާއަށް އެޗްއާރްސީއެމުން ލަފާ ދިފި

ކްރީމް ޖެހި ބަނަހަކަށް އެލާޖިކްވެގެން މަރުވި މަރިޔަމް ޒައީމާގެ އާއިލާއިން ބަދަލު ހޯދަން ދައުވާ ކުރުމަށް އެޗްއާރްސީއެމުން ލަފާ ދިން ކަމަށް އާއިލާއިން ބުނެފި އެވެ.

މަރީގެ ކޮއްކޮ އަވަސްއަށް ބުނީ އެޗްއާރްސީއެމުން އެގޮތަށް ލަފާ ދިން ނަމަވެސް މައްސަލަ ކޯޓަށް ހުށަނާޅާ ކަމަށެވެ. އެ މައްސަލަ ކޯޓަށް ހުށަނާޅަނީ މިވަގުތު އާއިލާ ފުން ހިތާމައެއްގައި ތިބުމުން ކަމަށް އޭނާ ބުންޏެވެ.

މަރީ އެލާޖިކްވީ 2021 ވަނަ އަހަރުގެ މެއި މަހު، އައިޖީއެމްއެޗް ކެންޓީނުން ކްރީމް ޖެހި ބަނަހެއް ކައިގެންނެވެ.

އެ ބަނަސް ކެއިތާ މާގިނައިރުތަކެއް ނުވެ އޭނާގެ މުޅި ގައި ހިރުވައި، ނޭވާލާން އުނދަގޫ ވާން ފެށި އެވެ. ވަގުތުން އޭނާ އިމަޖެންސީ ރޫމަށް ގެންގޮސް ފަރުވާ ދެނިކޮށް، ހިތް ހުއްޓި އައިސީޔޫގައި ބާއްވަން ޖެހުނެވެ.

މަރީ މަރުވީ ރާއްޖެއިން ފަރުވާ ދިނުމަށްފަހު އިންޑިއާއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެޗްއާރުސީއެމުން މިދިޔަ މަހު އާންމުކުރި ރިޕޯޓެއްގައިވަނީ އައިޖީއެމްއެޗުގެ އިމަޖެންސީގައި ފަރުވާދިނުމުން މަރީގެ ސިއްހީ ހާލަތަށް ދިމާވި މައްސަލަތަކަކީ އެ ހޮސްޕިޓަލުގެ އިހުމާލުން ވީކަމެއްކަން އެނގޭކަމުގައެވެ. އެ މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުން ވެސް ވަނީ އެކަމަށް އެއްބަސްވެފައެވެ.