ކްރިމިނަލް ކޯޓް

މޭރީ ގަޔަށް އިންޖެކްޝަން ޖަހާއިރު ސަމާލުވާން ލަމްހާ އެދުނު

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ މޭރީގެ ފިރިމީހާ މާވިން އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އާ ދެމެދު ކޮށްފައިވާ މެސެޖެއްގައި، މޭރީގެ ގަޔަށް އިންޖެކްޝަން ޖަހާއިރު ސަމާލުވުމަށް ލަމްހާ އެދިފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ. މާވިން އަދި ލަމްހާގެ ބައި ގެންދިޔައީ ވަކިންނެވެ.

މޭރީ މަރައިލުމަށް ރާވާއި އެކަން މާވިންއަށް މަގުފަހިކޮށްދިނީ ލަމްހާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. ހާދިސާ ހިނގި ވަގުތު މޭރީ އާއި މާވިންގެ ކުޑަ ދަރިފުޅު ބެހެއްޓީ ލަމްހާ ކައިރީ ކަމަށާއި، އޭގެ ފަހުން ލަމްހާ އެގެއަށް އައިސް 20 މިނެޓު ފަހުން ނިކުމެގެން ދިޔަ ކަމަށެވެ. އޭގެ އެއް މިނެޓް ފަހުން މޭރީ ދަންޖެހުނީ ކަމަށް ބުނެ އެމްބިއުލާންސަށް މާވިން ގުޅި ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

އެކަމާ ގުޅޭ ސީސީޓީވީ ފުޓޭޖާއި މޯބައިލް ފޮރެންސިކް ރިޕޯޓު ހެކީގެ ގޮތުގައި ހުށަހަޅާނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ލަމްހާގެ ފަރާތުން ދިފާއީ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވެފައި ވަނީ މި މައްސަލައިގައި ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅާފައި ވަނީ މޭރީ މަރުވީ ދަންޖެހިގެން ކަން ސާބިތުކުރަން ކަމަށެވެ. އެކަން ލަމްހާ އާ ގުޅުވައި ނުލެވޭނެ ކަމަށާއި، ދައުލަތުން ސާބިތުކޮށްދޭން ޖެހޭނީ ލަމްހާ މޭރީއަށް އިންޒާރު ދިން ކަމާއި އަދި މޭރީ މަރައިލަން މާވިންއަށް މަގުފަހިކޮށްދިން ކަން ކަމަށެވެ. އެކަންކަން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ.

އަދި މީހަކާ އިނދެގެން އުޅޭ މީހަކާ އަންހެނަކު ރައްޓެހި ވެގެން އުޅޭނަމަ އަނބިމީހާއާއި ރުޅިވެރިން އުފެދޭނެ ކަމަށާއި އެއީ އާންމު ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ދައުލަތުން ބުނެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އިންޖެކްޝަން ޖަހާނެ ގޮތުގެ އިރުޝާދު ދިނުމަށް ލަމްހާ، މާވިންއަށް މެސެޖެއް ފޮނުވި ކަމަށެވެ. އެ މެސެޖުގައި، އެކަން ކުރާއިރު ސަމާލުވުމަށް އެދިފައި ވެއެވެ. އަދި މާވިން ވެސް ވަނީ ފަސޭހަކަމާއެކު މީހަކު މަރައިލާނެ ގޮތްތައް ހޯދަން އޭނާގެ ފޯނުން ގޫގުލް ސާޗުކޮށްފަ އެވެ.

ދެ މީހުންގެ ބަންދަށް އިތުރު 30 ދުވަސް

ދައުލަތުގެ ފަރާތުން ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދުނު ނަމަވެސް ދެ މީހުން ވެސް އިތުރު 30 ދުވަހަށް ބަންދުކުރަން ގާޒީ ހުސެއިން ފާއިޒް ރަޝާދު ނިންމެވި އެވެ.

މާވިން މިއަދު ކޯޓަށް ހާޒިރުވިއިރު ވަކީލަކު އައްޔަނުކުރި ކަމުގެ ލިޔުން ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ. އެހެންކަމުން އޭނާ އަށް ވަކީލަކު އައްޔަނުކުރަން 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އޭނާ ހަމަޖައްސާފައިވާ ވަކީލަށް ގުޅޭތޯ ކޯޓުން މަސައްކަތްކުރި ނަމަވެސް ގުޅޭ ގޮތެއް ނުވި އެވެ.

ލަމްހާގެ ބައިގައި، ދައުލަތުން އިތުރު ހެކިތައް ހުށަހަޅަން ހުރުމުން، އިތުރު 30 ދުވަސް ދިނެވެ. އޭގެ ފަހުން އަނެއްކާވެސް ބަންދު މުރާޖައާ ކުރާނީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އުމުރުން 30 އަހަރުގެ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ.

މާވިންގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، ފިލިޕީންސަށް ނިސްބަތްވާ އެ ދެމަފިރިން ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ މަރާލުމާ ގުޅިގެންނެވެ. ދައުވާގައިވާ ގޮތުން މޭރީ މަރާލާފައިވަނީ އޭނާގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްލައިގެންނެވެ.

އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

ދައުވާތަކުގައިވާ ގޮތުން ލަމްހާ ވަނީ މޭރީ މަރާލުމުގެ ރޭވުމުގައި ބައިވެރިވެ، މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީ އެހީތެރިވެ ދީފަ އެވެ.

މޭރީގެ މަރާ ގުޅިގެން މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅުނު ގެ ބަލައި ފާސްކުރިއިރު ލަމްހާގެ ކޮޓަރިން ފެނުނު ސިޓީ އުރައެއްގައި އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާ ކަމަށްވެސް ދައުވާގައިވެ އެވެ. ލަމްހާގެ ކޮޓަރި ތެރެއިން، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާ ކަމަށްވެސް ދައުވާގައިވެ އެވެ.