އާމިނަތު ޝައުނާ

މިނިސްޓަރު ޝައުނާއަށް ރުހުން ދީފި

އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އައިމިނަތު ޝައުނާއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ކުރިން ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީގެ މަގާމުގައި ހުންނެވި ޝައުނާ މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިދިޔަ މަހު 25 ވަނަ ދުވަހު އޮތީ ފާސް ވެސް ކޮށްފަ އެވެ.

ޝައުނާއަށް ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 57 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އަށް މެމްބަރަކު ވޯޓު ދެއްވި އެވެ.

ޝައުނާ އެންވަޔަމަންޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އިރު ކުރިން ހިންގަމުން އައި ސައިންސް މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މެންޑޭޓް ޝައުނާއާ މިހާރު ވަނީ ހަވާލު ކޮށްފަ އެވެ. އެ ބަދަލާއެކު އެންވަޔަރަންމަންޓް މިނިސްޓްރީގެ ނަން، މިނިިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީއަށް ވަނީ ބަދަލުކޮށްފަ އެވެ. އެ ވުޒާރާއަށް ގެނައި ބަދަލަށް ވެސް މިއަދު މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.

ޝައުނާ އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވި އިރު އެ މަގާމުގައި ކުރިން ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރު ކަމަށް ވަނީ އައްޔަނު ކުރައްވައިފަ އެވެ. ޝައުނާއަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅި އިރު ހުސެއިން އަށް ވެސް ރުހުން ހޯދަން އޮތީ ފޮނުވައިފަ އެވެ.

ނަމަވެސް ހުސެއިންގެ ހިއްސާއެއް ކުންފުންޏެއްގައި އޮތުމުން އޭނާގެ ހުވަޔާމެދު މެމްބަރު ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި އެކަމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަަފަޔަކަށް އެދިފައި އޮތުމުން ހުސެއިންއަށް ރުހުން ދިނުން ކޮމެޓީން ވަނީ މަޑުޖައްސައިލައިފަ އެވެ.