ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެސްޓްރާޒެނިކާގެ ފަސްލައްކަ ޑޯޒް ޖުލައިގައި ލިބޭނެ: ރައީސް

Jun 8, 2021

އެކްސްޓްރާޒެނިކާގެ ފަސްލައްކަ ޑޯޒް ޖުލައި މަހުގެ ތެރޭގައި ލިބޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ސަރުކާރުން ގަންނަން ހުށަހަޅާފައިވާ އެސްޓްރާޒެނިކާ ވެކްސިން ޑޯޒު ތަކުގެ ތެރެއިން ފަސް ލައްކަ ޑޯޒް ޖުލައިގައި ލިބޭނެ ކަމަށެވެ. އަދި ރަޝިއާއިން އުފައްދާފައިވާ ސްޕަޓްނިކް ވެކްސިން ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި އެއްބަސްވުމުގައިވާ ގޮތުން ހަތަރު ހަފްތާގެ ތެރޭގައި އެ ވެކްސިން ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ ހަތްލައްކަ ޑޯޒް ގަންނަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުއްދަ ދެއްވީ މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހު އެވެ. މިނިސްޓަރުގެ ހުއްދައިގެ ދަށުން އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިންގެ ހަތް ލައްކަ ޑޯޒް ގަތުމަށް އެ ކުންފުންޏާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

ރައީސް ވިދާޅުވީ އެމެރިކާ ސަރުކާރުން ވެސް ރާއްޖެއަށް ވެކްސިން ހަދިޔާކުރާނެ ކަމަށް ބުނެފައިވާތީ މިމަސް ނިމުމުގެ ކުރިން އެމެރިކާ އިން ހަދިޔާކުރާ ވެކްސިން ލިބޭނެ ކަމަށެވެ.

އެމެރިކާ ސަރުކާރުން ވަނީ ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާގެ ގައުމުތަކަށް ހަތް މިލިއަން ވެކްސިން ޑޯޒް ހަދިޔާކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާ އިން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އެކަމަކު އެމެރިކާ އިން ހަދިޔާކުރަނީ ވެކްސިންގެ ކޮން ބްރޭންޑެއް ކަމެއް އަދި ހަދިޔާކުރާ ވެކްސިންގެ ޑޯޒްގެ އަދަދެއް ވެސް އެ ގައުމުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް މިއަދު ވަނީ އެއްވެސް ގޮތަކަށް ވެކްސިން ނުޖަހާ ތިބި މީހުންނާއި، ދެވަނަ ޑޯޒް ނުޖަހާ ތިބި މީހުން އަވަހަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށްވެސް އެދިވަޑައިގެންފަ އެވެ.

ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުންކުރަނީ ތިން ވެކްސިނެކެވެ. އެގޮތުން އެންމެ ފުރަތަމަ ދޭން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. ދެވަނައަށް ދޭން ފެށީ ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އެ ވެކްސިން ދޭން ފެށީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ. ތިންވަނަ އަށް ދޭން ފެށީ ފައިޒާ-ބަޔޯންޓެކް ވެކްސިނެވެ. އެ ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އެވެ. ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ރަސްމީކޮށް ދޭން ފެށީ މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އެވެ.

ރާއްޖޭގެ އާބާދީގައި ހިމެނޭ 312،133 މީހުން ކޮވިޑް 19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 173،291 މީހުން ވަނީ ވެކްސިން ދެވަނަ ޑޯޒް ޖަހާފަ އެވެ.