ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮންސިއުލޭޓް އަޅަން ހުއްދަދޭނެ ކަމުގެ އިޝާރާތެއް ކުރައްވައިފި

ބޭރުގެ ދެ ގައުމެއްގައި ރާއްޖެއިންވެސް ކޮންސިއުލޭޓް ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވެ އެ ވިސްނުމުގައި އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް އިންޑިއާ ސަރުކާރުން ހުށައަޅާފަައިވާ ހުށައެޅުމާ ދޭތެރޭ ވިސްނާ ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރުމަށް އެ ގައުމުގެ ކެބިނެޓުން ވަނީ ނިންމާފަ އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އެޅުމުގެ މައްސަލައިގައި ރައީސް ސޯލިހް އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެދުވަހު ރައީސް ވިދާޅުވީ އައްޑޫގައި ކޮންސިއުލޭޓެއް ހެދުމަށް އިންޑިއާ ސަރުކާރުން އެހާތަނަށް ދިވެހި ސަރުކާރާ އެކު މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. ގައުމު ތަކުގެ މެދުގައި ހުންނަ ޑިޕްލޮމެޓިކް ގުޅުންތަކުގެ ތެރެއިން އެއް ގައުމުން އަނެއް ގައުމަށް ހުށަހަޅާ ކަންތައްތަކެއް ފުރިހަމަކުރުމަށްޓަކައި ދެކެވެންޖެހޭ ވާހަކަތަކެއް ދެކެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހެދުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް އެ ދުވަހު ރައީސް ދެއްވި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އިންޑިއާގެ ކޮންސިއުލޭޓާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ ކޮންސިއުލޭޓް ހުޅުވުމާ މެދު އަދި ގޮތް ނުނިންމަވާ ކަމަށެވެ. އިންޑިއާގެ ހުށަހެޅުއްވުމާމެދު ވިސްނަވާނެ ކަމަށް ވިދާޅުވެ މިއަދުވެސް ރައީސް ވަނީ އިންޑިއާގެ އެ ނިންމުމަށް ސަރުކާރުން ހުއްދަ ދޭނެ ކަަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.

"އަދި މިހާތަނަށް އެކަމާ ގުޅޭގޮތުން [ކޮންސިއުލޭޓް ހުޅުވުން] ގޮތެއް ނުނިންމަން. އެހެން ނަމަވެސް އަޅުގަނޑު މި ދެންނެވިހެން އެހެނިހެން ދޭދޭ ގައުމުތަކުގެ ތެރޭގައި އުފެދިފައި އޮތް ގުޅުމުގެ ތެރޭގައި މިކަހަލަ ކަންތައްތައް ކޮށްފައި އެބަހުރި. އަޅުގަނޑުމެންވެސް މި ތިބީ ބޭރުގެ ދެ ގައުމެއްގައި އެގޮތަށް ކޮންސިއުލޭޓް ހުޅުވައިގެން. އިންޑިއާގެ އިތުރުން ސައުދީއަރަބިއްޔާގެ ރިޔާދުގައި އެމްބަސީ ހުންނައިރުގައި ޖިއްދާގައި ހުންނާނެ އަޅުގަނޑުމެންގެ ކޮންސިއުލޭޓެއް. އެހެންވީމަ އެ ވިސްނުމުގައި އިންޑިއާގެ އެ ހުށައެޅުމާ ދޭތެރޭގައި ވިސްނާނަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ އެ ގައުމުގެ ކެބިނެޓުން އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ނިންމީ އިންޑިއާގެ ސަރުކާރުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް ޕޮލިސީ" އާއި "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން"ގެ އަމާޒުގައި ރާއްޖެ އަކީ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވުމުން ކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނީ އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ބޭނުންވި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފަށާނީ އެ މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ހުއްދަ ދިނުމުން ކަމަށެވެ. ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހުޅުވުމުން އިންޑިއާ އަށް ދަތުރުކުރަން ބޭނުންވާ އައްޑޫގެ ރައްޔިތުންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށްވެސް އިންޑިއާ ސަރުކާރުން ބުނެފައިވެ އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމްކުރަން ކުރާ މަަސައްކަތަކީ ރާއްޖޭގައި އިންޑިއާގެ ނުފޫޒު އިތުރުކުރުމަށް ކުރާ ކަމެއް ކަމަށް އެތައް ބަޔަކު ދެކެ އެވެ. އެ ސިޓީއަށް ނިސްބަތްވާ ތައުލީމީ އަދި ފާހަގަކޮށްލެވޭ ވަރަށް ގިނަ ބޭފުޅުންވެސް އެ ނަޒަރުން ވާހަކަ ދައްކަވާފައިވެ އެވެ. ނަމަވެސް މަޖިލީހުގައި އައްޑޫ ތަމްސީލު ކުރައްވާ ހުރިހާ މެންބަރުންވެސް ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަށް ތާއީދު ކުރައްވާފަ އެވެ. އަދި އެކަން އަވަސް ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހުޅުވަން ނިންމާފައި މިވަނީ 200 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް އިންޑިއާގެ އެހީގައި އައްޑޫގައި ފަށާފައި ވަނިކޮށެވެ.