ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް، ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ކޯސް ޑިރެކްޓަރު ޒޫނާ ނަސީމް ހަމަޖައްސައިފި އެވެ.
މި އަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ހާއްސަކޮށް ވާޗުއަލްކޮށް ބޭއްވި ހަފުލާއެއްއެއްގައި ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސި ޒޫނާ ނުވަތަ ޒޫންޓިއަކީ ކަނޑުތަކާ ބެހޭ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ އަހަރު ހިދުމަތް ކޮށްދެއްވާ އަދި ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން "ޕަޑި" ކޯސް ޑިރެކްޓަރެކެވެ. މީގެ އިތުރުން ޒޫނާ އަކީ މި ދާއިރާގައި ކުޑަކުދިންނާއި އަންހެނުން ބާރުވެރިކުރުވުމުގައި ބުރަކޮށް މަސައްކަތްކުރައްވާ ހިދުމަތްތެރި އެކެވެ.
މި ހަފުލާގައި ވާހަކަ ދައްކަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ "ކެއާ ފޯ ދި އޯޝަންސް" އަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ މުހިންމު އެއް ތަނބު ކަމަށާ މި ހާއްސަ ދުވަހު ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ޒޫނާ ފަދަ މި ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވާ އިންސްޕިރޭޝަނަލް ލީޑަރެއް އައްޔަން ކުރުމަކީ އުފަލެއް ކަމަށެވެ. އަދި ޒޫނާއާ ގުޅިގެން ކަނޑުތަކާއި ފަރުތައް ހިމާޔަތްކޮށް، މި ކަމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލަން ކުރާ މަސައްކަތުގައި ކުރިއަށް ވުރެ ބާރަށް ކުރިއަށް ދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ޒޫނާ ވިދާޅުވީ ދިރާގުގެ ބްރޭންޑް އެމްބެސެޑަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެއްޓަށް މިވަނީ އެތަކެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އަޅުގަނޑުމެންގެ ފަރުތަކާއި ކަނޑުތަކުގައިވާ ދިރުންތަކަށް ދަނީ އޭގެ ނުހަނު ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.
ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ އެއް ކަމެވެ. އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށި "ކެއާ ފޯ ދި އޯޝަންސް" ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފަ އެވެ. މީގެ އިތުރުން މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފައިއެވެ.
އެގޮތުން ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފަ އެވެ. އަދި ހަމައެއާއެކު ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ އެވެ. އަދި މިދިޔަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަ ކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.
މީގެ އިތުރުން، ދިރާގުގެ ހުރިހާ އޮފީހެއްގައި އެއް ފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅުއަޅާ މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޔަކީ ވެސް ދިރާގެވެ. އަދި މިދިޔަ އަހަރު ރައްކާތެރި ގޮތުގައި ޕީޕީއީ އާއި މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނައްތާލުމުގެ މުހިންމު ކަމާ ބެހޭގޮތުން ހޭލުންތެރި ކުރުވާފައިވެ އެވެ.