ވިޔަފާރި

ދިރާގުގެ މެސެޖަކީ މިއީ: ބަލައި ވިސްނާލާ!

Jun 9, 2018
2
ދިރާގުގެ ވީޑިއޯ

ކަނޑަށް ކޮތަޅެއް އެއްލާލުން އެއީ ވަރަށް ފަސޭހަ ކަމެކެވެ. ކޮތަޅު ދޫކޮށްލާއިރަށް ވައިގެ ތެރޭ އުދުހިފައި ގޮސް ވެއްޓެނީ މޫދަށެވެ؛ އަތިރިމައްޗަށް ކުނި ކޮތަޅުވެސް ދޫކޮށްލެވިދާނެ އެވެ. އޭރުން، ކުނީގެ އުނދަގޫ ގެއަކަށް ނުފޯރާނެ އެވެ. އެކަމަކު އޭގެ ފަހުން ވަނީ ކިހިނެއް ހެއްޔެވެ؟ އަނބުރާ ކުނި ބައްދަލުކުރަނީ އަަހަރެމެންނާ އެވެ. ބާނާ މަސް ވެސް ކަނީ އެ ކުންޏެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން ނެރެފައިވާ ވީޑިއޯއިން ފޯރުކޮށް ދެނީ މި މެސެޖެވެ. ކޮންމެ މީހަކު ވެސް ބަލައިލުމަށްފަހު ވިސްނާލާށެވެ.

ދަރިފުޅު މޫދަށް އެރެންދާއިރު ފެން ފުޅި ލައިގެން ދަނީ ޕްލާސްޓިކް ކޮތަޅަކަށެވެ. ފަތާ ޓްރެކް ސަރައްދަށް ގޮސް އެ ކޮތަޅު ދޫކޮށްލަނީ މޫދަށެވެ. އޭރު ދަރިފުޅު އެތަނުގައި ފަތަނީ އެވެ. އިރުކޮޅަކުން ދަރިފުޅުގެ ބޮލުގައި އެޅެނީ އެ ކޮތަޅެވެ. މިއީ ގިނަ ފަހަރުވާ ގޮތެވެ. ދިރާގުން މި ފަހަރު ނެރެނު ވީޑިއޯގައި ވަނީ ވެސް މި ފަދަ ގޮތެކެވެ. ފެން ފުޅި ހިފައިގެން އައިސް ކޮތަޅު އެއްލައިލަނީ އެވެ. އަދި އެކޮތަޅު ގޮސް ވެއްޓެނީ ކަނޑަށެވެ. ޣަރަގު ވެގެންދަނީ އެ ތަނަށެވެ. ހަމަ އެވަގުތު "ކަނޑު" ގެ މެސެޖެއް ލިބެ އެވެ. ސަލާމަތަށް އެދި އާދޭސް ކުރަނީ އެވެ.

ދިރާގުގެ މި މެސެޖަކީ 2016 ވަނަ އަހަރުގެ އެ ކުންފުނިން "ޕާލޭ މޯލްޑިވްސް" އާއި ގުޅިގެން ފެށި އިޖުތިމާއީ ޒިންމާގެ ހަރަކާތް "ފޯ ދި އޯޝަންސް" ކެމްޕެއިންގެ ބައެކެވެ. މި ކެމްޕޭންގެ މަގުސަދަކީ ޕްލާސްޓިކް މަދުކޮށް، އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިލް ކޮތަޅު ބޭނުން ނުކުރަން ގޮވާލުމާއެކު ގިނަ ފަހަރު ބޭނުން ކުރެވޭނެ ކޮތަޅު ގެންގުޅެން ބާރު އެޅުމެވެ. އެކަމަށް އެއްބާރުލުން ދޭންވެގެން ދިރާގުން ވަނީ ހާއްސަކޮށް ފަރުމާކޮށްފައިވާ ޕްލާސްޓިކް ކޮތަޅު ބަހާފަ އެވެ. އެކަމުގައި އިސް ސަފުގައިތިބީ ދިރާގުގެ މުވައްޒަފުންނެވެ.

ދިރާގުން ބުނީ ކޮތަޅުތައް މުވައްޒަފުންނަށް ހަދިޔާ ކުރުމުގެ ބޭނުމަކީ އެ މުވައްޒަފެއްގެ ފަރުދީ ޒިންމާ އަދާ ކުރަން ބާރު އަޅާ، ޕްލާސްޓިކު ކޮތަޅު ގެންގުޅުން މަދު ކުރުމަށް އެއްބާރުލުން ދިނުމެވެ. މީގެ އިތުރުން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަދި ގިނަ ފަހަރު ބޭނުން ކުރެވޭ ކޮތަޅު ބޭނުންކުރުމުގެ އާދަ މުޖުތަމަޢުގައި އަށަގެންނެވުމުގެ ގޮތުން ވަނީ ބައެއް ސުޕަމާކެޓް ތަކުން އެ ކޮތަޅުތައް ލިބޭނެ ގޮތް ހަމަ ޖައްސާފަ އެވެ. ދިރާގު ހެޑް އޮފީސް ލޮބީނާއި ދިރާގު ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުން ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވެ އެވެ.

ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ.