މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ކ. ފަރުކޮޅުފުށި ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ ސަރުކާރާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ފަރުކޮޅުފުށި ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ނިންމީ ސަރުކާރާ މަޝްވަރާ ކުރުމަށްފަހުތޯ ނޫސްވެރިޔަކު މިއަދު ރައީސް ސޯލިހާ ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ ހުޅުމާލޭގެ ބައެއް ކަމަށެވެ.
"އެކަމާ ގުޅިގެން ސިޓީ ކައުންސިލުން އެއްވެސް މަޝްވަރާއެއް ނުކުރައްވާ. އަޅުގަނޑާ ހިސާބަށް އަދި ސަރުކާރުގެ އެއްވެސް ހިސާބަކަށް ވެސް އެ މައްސަލަ އައިސްފައެއް ނުވޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއްވެސް ފަރާތަކުން ހުޅުމާލޭގެ ޕްލޭނަށް ބަދަލެއް ގެންނަ ކަމަށްވާނަމަ ސަރުކާރާއި އަދި އެޗްޑީސީއާ އެކަމުގައި މަޝްވަރާ ކުރަންޖެހޭނެ ކަމަށެވެ. ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތަކީ އެޗްޑީސީ ކަމުގައިވެސް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދާނެ ރަށެއް ކަނޑައެޅުމަކީ ރައީސް ސޯލިހް ރިޔާސީ ވައުދެކެވެ.
ވައުދު ފުއްދުމުގެ ގޮތުން އެނބޫދޫފަޅާއި ދިޔަނެރުފަޅުގައި ދަތުރުދާނެ ރަށްތަކެއް ހަދަމުންދާ ކަމަށް ސަރުކާރުން ކުރިން ހާމަކޮށްފައިވެ އެވެ.
އެނބޫދޫފަޅު ހިއްކާ އެތަނުގައި ދަތުރު ދާން ރަށެއް ހަދާ އެ ރަށް މިދިޔަ އަހަރު ކުރީކޮޅު ހުޅުވާނެ ކަމަށް ސޯލިހް އޭޕްރީލް 2، 2019 ގައި ވިދާޅުވެފައިވެ އެވެ. އެއީ ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވާނެ ކަމަށް ވިދާޅުވި ވައުދެކެވެ. ނަމަވެސް އެ މަސައްކަތް ނިމި ރަށް އަދިވެސް ހުޅުވޭ ގޮތް ވަނީ ނުވެފަ އެވެ.
ދިޔަނެރު ފަޅުގައި ވެސް ދަތުރު ދާން ރަށެއް ހަދާނެ ކަމަށް މިސަރުކާރުން އިއުލާންކުރީ މިއަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެކަމަކު ދިޔަނެރު ފަޅުގެ ބައެއް ސަފާރީތަކަށް ހާއްސަ ބަނދަރެއް ހަދަން ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާއަށް ދީފައި ކަމަށްވެސް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. މީގެ ދެ އަހަރު ކުރިން ސަރުކާރުން އެހެން ބުނި ނަަމަވެސް ބަނދަރު ހެދުމުގެ ގޮތުން އަމަލީ އެއްވެސް މަސައްކަތެއް އެތަނުގައި ކޮށްފައެއް ނުވެ އެވެ.