މިއީ މިހާރު ކުރަން ޖެހިފައި އޮތް ކަމެކެވެ. ދެ ވަނަ "ދަގަނޑޭ" އެއް މި ގައުމުގެ ފުޓްބޯޅަ ޓީމަށް އެބަ ބޭނުންވެ އެވެ. އެކަމަކު އެންމެ ބޮޑު ސުވާލަކީ މިއީ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އަލިގަދަ ތަރި އަދި ގައުމީ ޓީމުގެ މައި އިންޖީނު ކަމުގައިވާ އަލީ އަޝްފާގް (ދަގަނޑޭ) ވަރުގެ ނުވަތަ އޭނާއާ އެއް ފެންވަރަކަށް ތަރައްގީކުރެވިދާނެ އެހެން ކުޅުންތެރިޔަކު އެބަފެނޭތޯ އެވެ؟
އެ ސުވާލަކަށް ޖަވާބު ދޭން ވަރަށް ވެސް ފަސޭހަ ސުވާލެކެވެ. ހުރިހާ ދިވެހިން ވެސް އެއްއަޑަކުން ބުނާނީ ދަގަނޑޭ ވަރެއް ނެތޭ އަދި އޭނާގެ ރިޕްލޭސްމެންޓެއް ވެސް ނެތް ވާހަކަ އެވެ.
މިއީ "އެންމެ އަލިގަދަ ތަރި" އާއި "މޯލްޑިވިއަން އައިޑޮލް" ފަދަ މުބާރާތެއް ބާއްވައިގެން ނަމަވެސް "ދަގަނޑޭ ފެންވަރު" ގެ ދެ ވަނަ ކުޅުންތެރިޔާ ނުވަތަ އޭނާގެ މަގާމު ރިޕްލޭސްކުރާނެ ކުޅުންތެރިޔާ ހޯދަން ވެއްޖެ ވަރުގެ ކަމެއް ނޫން ހެއްޔެވެ؟ ގައުމީ ޓީމުގެ މިހާރުގެ ކޯޗު، ނިއު ޒިލޭންޑްގެ ރިކީ ހާބަޓް ވެސް ބުނަމުން އެ ގެންދަނީ އަޝްފާގަށް ދިވެހި ގައުމު ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ފެންވަރުގެ އެހެން ކުޅުންތެރިންތަކެއް ހޯދައި ދަނޑަށް ނެރުމުގެ ވަގުތު ޖެހިއްޖެ ކަމަށެވެ.
އެކަމަކު އޭގެ ކުރިން، ދަގަނޑޭ މިއީ ކިހާ ފެންވަރެއް ހުރި ކުޅުންތެރިއެއްތޯ އާއި އޭނާގެ އާދަޔާހިލާފު މި ކެރިއަރުގެ ކާމިޔާބީތަކާއި ފަހުރުވެރި މެޑަލްތަކަށް އެންމެ ފުރަތަމަ ބަލައިލަމާ ހިނގާށެވެ.
ދަގަނޑޭއޭ މިކިޔާ ކުޅުންތެރިޔަކު އުފެދުން
ދިވެހި ފުޓްބޯޅަ އަށް 50 އަހަރު ފުރިގެން 2000 ވަނަ އަހަރު ގަލޮޅު ދަނޑުގައި ބޭއްވި މަޝްހޫރު ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލަން 15 އަހަރުގެ އަލީ އަޝްފާގެއް ދަނޑަށް ވަދެ ގައުމީ ޓީމުގެ އެހެން ސަޕޯޓަރުންނާ އެކު އިނެވެ. އެމީހުންގެ ތެރޭގައި އޭރު އޭނާ ހުރީ ގެއްލިފަ އެވެ.
އަދި އެ ދުވަހު ގައުމީ ޓީމަށް ފޯރި ނަގައިދޭން ދަނޑަށް ދިޔަ ނުވަތަ ދިވެހި ފުޓްބޯޅަ ބެލުމަށް ގަވާއިދުން ގަލޮޅު ދަނޑަށް ގޮސް އުޅުނު އަޝްފާގެއް ފުޓްބޯޅަ ކުޅޭ މަންޒަރު ބަލަން ދަނޑަށް ވަންނަން ގައުމުގެ އެންމެން ކިޔޫއެއްގައި ޖެހިދާނެ ކަމަކަށް އޭރަކު އެއްވެސް މީހެއްގެ ހިތަކަށް ނާރަ އެވެ. އެކަމަކު ކަންތައްވެގެން ދިޔަ ގޮތަކީ އެވެ.
އަޝްފާގުގެ ފުޓްބޯޅައިގެ އާދަޔާހިލާފު ހުނަރާއި ދަނޑުމަތީގައި އޭނާ ދެއްކި ގަދަފަދަކަމަށް އަނގަހުޅުވި "ދަގަނޑޭ" ވަނަން އޭނާ އަށް ދީ ގައުމު ވެސް ތަބަކަށް ލައި އޭނާއާ ހަވާލުކޮށް އެންމެން ކުޅިބަލަން ޖައްސާލީ އެވެ.
ޖެހިގެން އައި އަހަރު އޭނާ އަކީ ދިވެހި ފުޓްބޯޅައިގެ ސުޕަސްޓާރެކެވެ. ތަރިއެއްހެން އަރައިގެން ގޮސް ވިދައި ބަބުޅައިގަތީ 2001 ވަނަ އަހަރުގެ ޕޮމިސްކަޕުގައި ވެލެންސިއާ އާއި ވިކްޓަރީ ބައްދަލުކުރި މެޗެއްގައި ވިކްޓަރީ ކޮޅަށް ލަނޑުޖަހައި ކްލަބް ވެލެންސިއާ އަށް ހޯދައިދިން މޮޅާ އެކުގަ އެވެ. އެ މެޗަށް އަޝްފާގު އެރުވީ ވެލެންސިއާގެ އޭރުގެ އެއް ނަމްބަރު ފޯވާޑް އަލީ އުމަރު ސަސްޕެންޝަންގައި ހުރުމުންނެވެ.
އެ އާދަޔާހިލާފު އަދި ތާރީޚީ ފެނިލުމަށް ފަހު އަޝްފާގުގެ ވާހަކަ ދިވެހި ފުޓްބޯޅައިގެ ފޮތުގައި ލިޔެވިގެން ގޮސްފައިވާ ގޮތް އެއްވެސް ދިވެއްސަކަށް ކިޔައިދޭން ޖެހޭނެހެނެއް ހީއެއް ނުވެ އެވެ. އޭނާގެ ވާހަކަ އެންމެންގެ ފެވަރިޓަކަށް އަދި މުޅި ގައުމު ވެސް ހިތުދަސްކޮށްފައިވީމަ އެވެ.
- ޕްރޮފެޝަނަލް ކެރިއަރު ފެށީ ކްލަބް ވެލެންސިއާ އިން
- ގައުމީ ޓީމުގެ ސީނިއާ ސްކޮޑުން 2003 ވަނަ އަހަރު ޖާގަ ހޯދިއިރު 18 އަހަރު
- މިހާތަނަށް ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެ 40 އަށް ވުރެ ގޯލު ޖަހައިދީފައިވޭ
- ނިއު ރޭޑިއަންޓް، ބްރޫނާއީގެ ޑީޕީއެމްއެމް އަދި ވީބީ އަށް ކުޅުމަށް ފަހު މިހާރު ކުޅެމުން ދަނީ މެލޭޝިއާގެ ޕީޑީއާރްއެމް އަށް
- އެ ކްލަބާ އެކު މެލޭޝިއާގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާއިރު މިއީ ދިވެހި ކުޅުންތެރިޔަކު ބޭރު ލީގެއްގެ ތަށި އުފުލާލި ފުރަތަމަ ފަހަރު
- މެލޭޝިއާގެ ނެޝެނަލް ފުޓްބޯލް އެވޯޑްސްގެ އެންމެ މުހިންމު ކުޅުންތެރިޔާގެ އެވޯޑް މިދިޔަ އަހަރު ލިބިފައިވޭ
- ރާއްޖެ އިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަން ޝިޕްގެ ތަށި އުފުލާލި މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ ވެސް އަޝްފާގް
- ދިވެހި ލީގު 10 ފަހަރެއްގެ މަތިން އެކި ކްލަބްތަކާ އެކު ކާމިޔާބުކޮށްފައިވޭ
- އެފްއޭއެމް އިން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ތިން އަހަރު
- ހަވީރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު
- ހަވީރުގެ ރަން ބޫޓް ހަތް ފަހަރު
- ހަތް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސްމެ
މިހެން ގޮސް އަޝްފާގުގެ ކާމިޔާބީގެ މި ލިސްޓެއް ކިތަންމެ ދިގުކޮށް ވެސް ލިޔެވިދާނެ އެވެ. އޭނާ އަކީ ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއޭ ބުނުމަކުން ގޯހެއް ނެތެވެ. އެހެންވީމަ އެންމެނަށް އެނގޭ މި ވާހަކައެއް ބާއްވާފައި އާންމުންނާއި ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ހިޔާލު ހުރިގޮތް ވެސް ބަލައިލަމާ ހިނގާށެވެ.
އެމީހުން ބުނަނީ ކީކޭ؟
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރުގެ އެސިސްޓަން ކޯޗު، އައްސަދު އަބްދުލް ޣަނީގެ ހިޔާލުގައި ވަކި ކުޅުންތެރިޔަކަށް ގައުމީ ޓީމު ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ ނުވަތަ އެ މައްސަލަ އަށް ހައްލެއް ހޯދޭނީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކަތިގަނޑަށް ހަދައިގެންނެވެ. އޭނާ ބުނަނީ އޭރުން "ދަގަނޑޭއެއް" ކޮންމެހެން ބޭނުމެއް ވެސް ނުވާނެ ކަމަށާއި ޓީމު، ޓީމެއްގެ ގޮތުގައި ނުކުތުމަކީ ގައުމީ ޓީމަށް މިހާރު ދިމާވެފައިވާ މައްސަލަ އަށް ހައްލުލިބިގެންދާނެ ކަމެއް ކަމަށެވެ.
"ރާއްޖެ އަންނަ ހުރިހާ ކޯޗުން ވެސް ބުނަނީ ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުއްޓޭ. އެހެންވީމަ އެ ހުނަރު ބޭނުންކޮށް ކުޅުންތެރިން ތައްޔާރުކުރެއްވިއްޖެއްޔާ މީހަކު ރިޕްލޭސްކުރަން ބޭނުންވީމަ އެކަން ކުރެވިދާނެއޭ ކޮންމެހެން އެންމެ މޮޅު ކުޅުންތެރިޔާގެ ފެންވަރު ނެތް ކުޅުންތެރިޔަކު ބޭނުންކޮށްގެންވެސް،" އައްސަދު ބުންޏެވެ.
"ކޮށްޓުމާއި ނެއްޓުމުގެ ހުނަރު އެބަހުރި މި ކުޅުންތެރިންގެ މެދުގައި. އެކަމަކު ގައުމީ ޓީމަށް އަރައި މި ކުޅެން ޖެހެނީ އެކި ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް. އެހެންވީމަ ފުރަތަމަ ކަމަކަށް ކުރަން ޖެހޭ ކަމަކީ ހުނަރުގެ ގޮތުން މޮޅު ވަކިވަކި ކުޅުންތެރިންތަކެއް ތިއްބަސް ޓީމެއްގެ ގޮތުގައި ތައްޔާރުކުރަންވީ."
މި މޭރުމުން ވާހަކަ ދައްކަމުން އައްސަދު ބުނީ ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށާއި އެހެން ނަމަވެސް ތަޖުރިބާ ނުލިބި އެމީހުން ދަނޑުމައްޗަށް ކުއްލިއަކަށް ނެރެގެން ބޭނުންވާ ނަތީޖާ މި ވަގުތަށް ނުހޯދިދާނެ ކަމަށެވެ. އަދި އައްސަދުގެ ހިޔާލުގައި ދެ ވަނަ ދަގަނޑޭއެއް ހޯދަން އުނދަގޫވާނެ އިރު ގޯލުކީޕަރު އިމްރާން މުހައްމަދުގެ ރިޕްލޭސްމެންޓެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.
"ގަބޫލުކުރެވޭ ގޮތުގައި ގޯލްކީޕަރު އިމްރާން އާއި ދަގަނޑޭ އަކީީ ރާއްޖޭގެ އެންމެ ތަފާތު ދެ ކުޅުންތެރިން. އެންމެ މޮޅު އެކަކު ދަގަނޑޭ އަކީ. އެހެން ކުޅުންތެރިޔަކު އެ ފެންވަރަށް މޮޅު ވެދާނެއޭ ބުނަން އަދި އުނދަގޫ،" އައްސަދު ބުންޏެވެ.
"ކުއްލިއަކަށް ޒުވާން ކުޅުންތެރިން ނެރުނީމަ އެމީހުންގެ ޕޮޓެންޝިއަލް ނުދެއްކިދާނެ. އެހެންވީމަ ޓީމަށް ހާނުވަން އެމީހުންނަށް އެ ފުރުސަތު ކުރިންސުރެން ފެށިގެން ދޭން އެބަޖެހޭ. އޭރުން އެމީހުން ތައްޔާރުވާނީ."
ގައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑް އަދި މިހާރު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީއެއްގެ މަގާމުގައި ހުންނެވި ޝާހް އިސްމާއީލް ވެސް ވިދާޅުވީ އަލީ އަޝްފާގް ރިޕްލޭސްކުރެވޭ ފެންވަރުގެ ކުޅުންތެރިޔަކު ނުވަތަ އެފަދަ ކުޅުންތެރިންތަކެއް ވެސް ނުފެންނަ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކުއްލިއަކަށް އަޝްފާގުމެން ފަދަ ކުޅުންތެރިން ގައުމީ ޓީމުން އުނިކޮށް އެހެން ކުޅުންތެރިން ބޭނުންކޮށްގެން ޖާދޫ ދެއްކޭވަރުގެ ކޯޗެއް ހުރި ކަަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޝްފާގަކާ ކޮމްޕެއާކުރެވޭނެ ކުޅުންތެރިއެއް ނެތް. ބައެއް ކުޅުންތެރިން އެބަތިބި ލޯކަލް ލެވެލްގައި ރަނގަޅު ކުޅުމެއް ދައްކާ. އެކަމަކު އަޝްފާގު ފެންވަރުގެ ކުޅުންތެރިޔަކު ހޯދަން އަދި ވަގުުތު ނަގާނެ. އުނދަގޫ ވެސްވާނެ،" ޝާހު ވިދާޅުވި އެވެ.
"އަޝްފާގް އަކީ ހުރިހާ ގޮތަކުން ބެލިޔަސް ފުރިހަމަ ކުޅުންތެރިއެއް. ރިޕްލޭސްކުރަން ބޭނުން ނަމަ ޕޮޓެންޝިއަލް ހޯދައިގެން ތަމްރީން ދީގެން އަޝްފާގުމެން ފަދަ ކުޅުންތެރިޔަކު ހޯދޭނީ."
ގައުމީ ޓީމުގެ އާންމު ސަޕޯޓަރުންގެ މީހަކު ބުނީ ދެ ވަނަ އަޝްފާގެއް ހޯދަން ބަލާއިރު އެންމެ ބޮޑު ދެރައަކީ އެ ފެންވަރުގެ ހުނަރުވެރިއަކު ދެން ނެތް ކަމެވެ.
"އަޝްފާގު އަކީ ދިވެހިން ތަމްރީނު ދީގެން މޮޅުކޮށްފައި ހުރި ކުޅުންތެރިއެއް ނޫން. އެއީ އުފެދުމުގައި ވެސް ހުނަރުވެރި ނަސީބުގަދަ ކުޅުންތެރިއެއް. ދެން މީގައި ބަލަން ޖެހެނީ ކޯޗު އެ ދައްކާ ވާހަކަ އަށް. ކޯޗު ނުބުނޭ ސީދާ އަޝްފާގްގެ ފެންވަރުގެ ކުޅުންތެރިޔަކު ހޯދާށޭ. ކޯޗު އެ ބުނަނީ ކަލެކްޓިވްކޮށް އަޝްފާގު އެ އުޅޭހެން ޓީމު ގޮވައިގެން އެ ބާރު މިނުގައި ދުއްވައިގަނެވޭ ފެންވަރުގެ ކުޅުންތެރިން ހޯދުން މުހިންމޭ،" ނަމެއްގެ ގޮތުގައި ހަމައެކަނި އަހުމަދު ބޭނުންކޮށްލުމަށް އެެދި ހިޔާލެއް ފާޅުކުރި އާންމުންގެ މީހަކު ބުނީ މިހެންނެވެ.
ޓީމުގެ އެންމެ އުއްމީދީ ޒުވާން ކުޅުންތެރިންނަކީ ކޮބާ؟
އަޝްފާގުގެ ރިޕްލޭސްމެންޓެއް ހޯދާ ނަމަ ނުވަތަ އެ ފެންވަރުގެ ކުޅުންތެރިންތަކެއް ޓީމަށް އިތުރުކުރަން ވިސްނާ ނަމަ ޒުވާން ކުޅުންތެރިންނަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ކުޅުންތެރިންގެ ހުނަރު އިތުރަށް މުއްސަނދިކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އަދި ދުރާލާ ރާވައިގެން "ދަގަނޑޭއެއް" އުފެއްދުމުގެ މަސައްކަތް ނުކުރާ ނަމަ އެ ފެންވަރުގެ ކުޅުންތެރިން ޓީމުން ފެނުމުގެ ފުރުސަތު ދިގު މުއްދަތަކަށް ނެތް ކަމަށެވެ.
ފަހަރެއްގައި ދަގަނޑޭއާ އަޅާކިޔާލެވޭ ފެންވަރުގެ ކުޅުންތެރިންތަކެއް ސީނިއާ ޓީމުން ނުވަތަ ސީނިއާ ޓީމުން ފުރުސަތު ހޯދަމުން އަންނަ އުއްމީދީ ޒުވާން ކުޅުންތެރިންގެ ތެރޭގައި ވެސް ނެތީ މި ސަބަބާ ހެދި އެވެ. އެހެން ނަމަވެސް، އެކަށީގެންވާ ތަމްރީނު ނުލިބި ވެސް ދަގަނޑޭ ހުރި ހިސާބަށް އެރުމަށް މަސައްކަތްކުރާ ބައެއް ކުޅުންތެރިން އެބަ ފެނެ އެވެ.
ދެބަސް ވެވެން ނެތް ހަގީގަތަކީ ގަލޮޅު ދަނޑުގައި "ދަގަނޑޭ" އެއްގެ މަގާމު މިހާރު އަދާކުރަމުން އަންނަ ކުޅުންތެރިޔަކީ މިއީ ކަމެވެ. އެކަމަކު އަދި އެހެން ހަގީގަތެއް ވެސް އެބައޮތެވެ. އަޝްފާގުގެ ފެންވަރާ އަޅާ ބަލާއިރު މިއީ ވަރަށް ވެސް ޒުވާން އަދި ތަޖުރިބާވެސް އެހާމެ މަދު ކުޅުންތެރިއެކެވެ.
މިއީ ވެސް ދެ ވަނަ އަޝްފާގެއް ފެނުމަށް އަދި 10 ވަރަކަށް އަހަރު ނަގާނެ ކަމުގެ ސިގްނަލެކެވެ.
އެހެން ނަމަވެސް އދ. މަހިބަދޫ އަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަސަދުﷲ އަކީ މި ވަގުތަށް ލިބެން ހުރި އަޝްފާގުގެ އެންމެ ރަނގަޅު ރިޕްލޭސްމެންޓެވެ. އެކަން އޭނާ ގެންދަނީ ސާބިތުވެސް ކޮށްދެމުންނެވެ.
މިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑުޖަަހައިގެން ހަވީރުގެ ރަންބޫޓު ވެސް ގެންދިޔައީ އޭނާ އެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ލިބުނީ އޭނާ އަށެވެ. މީގެ އިތުރުން އެހެން ކުޅުންތެރިޔަކަށް ލިބިފައި ނުވާ ޝަރަފެއް ވެސް އެބައޮތެވެ. އޭނާ އަށް މޮޅު ކުޅުންތެރިޔާގެ ހަވީރު އެވޯޑް ލިބުނުއިރު 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފް ވެސް ކުރިން ހޯދި އެވެ.
މި ކާމިޔާބީތަކަކީ ދަގަނޑޭގެ ތަހުތު މިވަގުތަށް އެންމެ ހައްގުކަން ބޮޑީ އަސަދުﷲ އަށް ކަމަށް ނިންމަން ފަސޭހަކޮށްދޭ ކަންކަމެވެ. އެހެން ނަމަވެސް ފުޓްބޯޅަ ދަނޑުގައި ހޭދަކޮށްފައިވާ މުއްދަތަކާއި ލިބިފައިވާ ތަޖުރިބާ އާއި ހޯދުނު ކާމިޔާބީތަކަށް ބަލާއިރު އަސަދުﷲގެ ކެރިއަރުގެ މިއިން އެއްވެސް ކަމެއް ދަގަނޑޭގެ ކާމިޔާބީ އާއި ހުނަރުވެރިކަމާ ބައްދަލެއް ނުވެ އެވެ.
މިއީ ބ. އޭދަފުށްޓަށް އުފަން ވަރަށް ޒުވާން ކުޅުންތެރިއެކެވެ. އޭނާ ނިއު ރޭޑިއަންޓަށް ގެންދިއުމަށް ފަހު އެ ޓީމުން ބުނެފައި ވަނީ އެއީ ދިގު މުއްދަތަކަށް ވިސްނައިގެން އެ ޓީމުންކޮށްފައިވާ އިންވެސްޓްމަންޓެއް ކަމަށެވެ. ނިއުގެ ކުރީގެ ކޯޗެއް ކަމުގައިވާ މިކާ ލޮމްސްޓްރޯމް ބުނެފައި ވަނީ ހަމްޕު އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށްވާނެ ކަމަށް ގަބޫލުކުރެވޭ ފެންވަރުގެ ހުނަރުވެރިއެއް ކަމަށެވެ.
އުމުރުން 19 އަހަރުގެ ކުޅުންތެރިއެކެވެ. ކޮށްޓުމާއި ނެއްޓުމުގެ ހުނަރުވެރިކަމުގައި އެފަދަ ދެ ވަނައެއް ނެތް ކުޅުންތެރިއްގެ ގޮތުގައި މަޝްހޫރުކަން ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. ޓީސީއާ އެކު ދެ ވަނަ ޑިވިޝަނުން ފެނިލުމަށް އެ ޓީމާ މިހާރު ކުޅެމުން ދަނީ އެއް ވަނަ ޑިވިޝަންގެ ފުޓްބޯޅަ އެވެ.
އަދި މިފަހުން އޭނާ ދަނީ ގައުމީ ޓީމުން ވެސް ފުރުސަތު ހޯދަމުންނެވެ. ގައުމީ ޓީމު އިހަކަށް ދުވަހު ވޯލްޑް ކަޕްގެ ކޮލިފައިންގައި ހޮންގް ކޮންގާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި ދަގަނޑޭ ބޭލުމަށް ފަހު ކުޅެން ނުކުތް ކުޅުންތެރިޔަކީ ވެސް މިއީ އެވެ.
"އަރަމުން އަންނަ ކުޅުންތެރިންގެ ތެރެއިން ނާއިޒް ފާހަގަކޮށްލެވޭ. އޭނާ ވެސް ވަރަށް މޮޅު ކުޅުންތެރިޔަކަށް ވެދާނެ ޑިސިޕްލިން އާއި ހަމަ ހިފަހައްޓައިގެ އެކަމަށް މަސައްކަތްކުރާ ނަމަ،" އައްސަދު އަބްދުލް ޣަނީ ބުންޏެވެ.
މީގެ އިތުރުން:
ކްލަބް އީގަލްސްގެ ޒުވާން ކުޅުންތެރިޔާ އަންސަރު އިބްރާހިމް (އަންކޮ) އަކީ ވެސް ގައުމީ ޓީމުގެ ސްޓްރައިކިން ފޯސް އަށް އިތުރުވަމުން އަންނަ ޒުވާން އުއްމީދީ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ މޫނެކެވެ.
ވިކްޓަރީގެ ފޯވާޑްލައިނުން ފާހަގަކޮށްލެވޭ މުހައްމަދު ތަސްމީން (ތައްތި) އަކީ ވެސް އުއްމީދީ ސްޓްރައިކަރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ކުޅުންތެރިއެކެވެ.
މި ސީޒަނަށް މާޒިޔާ އަށް ބަދަލުވެފައިވާ އަހުމަދު އިމާޒް (އާއްކޮ) އަކީ ވެސް ޒުވާން ފޯވާޑްލައިނުން ފާހަގަކޮށްލެވޭ މޫނެކެވެ.
ބޭރުގެ އެކަޑެމީތަކުގައި ވެސް ދިވެހި ކުޅުންތެރިން އެބަތިބި
އެގޮތުން އެންމެ ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިޔަކީ ސްޕެއިންގެ ކެޕްޓީވާ އެކަޑެމީގައި ތަމްރީން ހަދަމުން އަންނަ މުހައްމަދު މިރާޝް އިސްމާއީލް އެވެ. އޭނާ ކުޅެމުން ދަނީ ޔޫތު ޓީމުތަކުގެ ފުރަތަމަ ޑިވިޝަނުގަ އެވެ.
މިރާޝް އަކީ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލްގެ ޓީމުން ވިދާލި ކުޅުންތެރިއެކެވެ. ތިރީގައި މި އޮތް ވީޑިއޯ އަކީ މިރާޝްގެ މިހާރުގެ ފެންވަރު ނިކަން ރަނގަޅަށް ދައްކުވައިދޭ ވީޑިއޯ އެކެވެ.
ނަމަވެސް ހިތާމަ އަކީ ރާއްޖޭގެ ގައުމީ ޓީމަށް ފުޓްބޯޅަ ކުޅުމުގެ ޝައުގުވެރިކަމެއް މިހާރު އޭނާގެ ކިބައިގައި ނެތް ކަމެވެ. އޭނާގެ އުއްމީދަކީ ސްޕެއިންގެ ޓީމުން ފުރުސަތު ހޯދުން ކަމަށް ބުނެވެ އެވެ. މިފަހުން ގައުމީ ޓީމުގެ ފަރިތަކުރުންތަކަކަށް ގެންނަން މަސައްކަތްކުރުމުން ވެސް އޭނާ ވަނީ ރާއްޖެ އައިސް ފަރިތަކުރުންތަކުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.
މިރާޝް އަށް ފަހު އިސްމާއިލް ޒާން އާމިރު އަކީ ވެސް ބޭރުގެ އެކަޑެމީއެއްގައި ތަމްރީންވަމުން އަންނަ ދިވެހި ޒުވާން ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އޭނާ ތަމްރީން ހަދަމުން އަންނަނީ މެންޗެސްޓާގެ އެޑުކިކް އެކަޑެމީގަ އެވެ.
އެންމެފަހުން 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަނަކީ އޭނާ އެވެ.