އިމްރާން އަބްދުﷲ

މޭޑޭ އަނިޔާއާ ގުޅިގެން އިމްރާނާ ސުވާލުކުރަނީ

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ކުރާ ޖިންސީ ގޯނާ އާއި ދެކޮޅަށް ޒުވާނުންތަކެއް އިސްނަގައިގެން މެއި މަހުގެ ފުރަތަމަ ދުވަހު ބޭއްވި އިހުތިޖާޖުތަކުގެ ބައިވެރިންނާއި ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރި ކުރި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ މަޖިލީހުގައި ސުވާލު ކުރުމަށް ހުށައެޅި މައްސަލަ މާދަމާއަށް އެޖެންޑާ ކޮށްފި އެވެ.

މޭޑޭގެ އިހުތިޖާޖުގައި ބައިވެރިވި އަންހެނަކު ހައްޔަރުކުރަން ފުލުހުން ވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށް ލާއިންސާނީ އަމަލުތަކެއް ހިންގާފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައިވާއިރު ފުލުހުންގެ ޕްރޮފެޝަނަލް ކަމާ ދޭތެރޭ އެތައް ބަޔަކު ސުވާލު އުފައްދާ ފާޑުކިޔުން ވަނީ އަމާޒުކޮށްފައެވެ.

ފާޑުކިޔުންތައް އަމާޒުވުމުން ފުލުހުން ބުނެފައިވަނީ އިހުތިޖާޖުގައި ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ހާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން ބަލަން ފަށާފައިވާ ކަމަށެވެ. އަދި ހޯމް މިނިސްޓަރާއި ކޮމިޝަނަރު އޮފް ޕޮލިސްވެސް ވަނީ މައްސަލަ ބަލާނެ ކަމަަށް ވިދާޅުވެފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ މޭޑޭގެ އަނިޔާއާ ގުޅިގެން މިނިސްޓަރު އިމްރާނާ ލިޔުމުން ޖަވާބު ހޯދުމަށް ހުށައަޅުއްވާފައެވެ.

މީކާއީލްގެ ސުވާލުގައި ބުނެފައިވަނީ މެއި 1، 2021 ގައި މާލޭގައި ބޭއްވުނު މުޒާހަރާއެއް ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާއިރު މިހާތަނަށް އެއްވެސް ފުލުހަކަށް ފިޔަވަޅު އެޅިފައިވާނަމަ އެ ފިޔަވަޅަކީ ކޮބައިތޯ އާއި އެ ރޭ ފުލުހުންގެ ޔުނީފީޯމް އަޅައިގެން ތިބީ ފުލުހުންގެ ގާނޫނުގެ ދަށުން ސާވިސް ނަންބަރު ފެންނަ ގޮތަކަށްތޯ އަދި އެ ރޭގެ މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވީ އެކަމާ ގުޅޭ އެކަށީގެންވާ ޓްރެއިން ލިބިފައިވާ ފުލުހުންތޯ އެވެ.

މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައިވާގޮތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި ގޮތެއް ނިމެންދެން، ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތު ތަކުން އެ ފުލުހުން ދުރުކޮށްފައި ކަމަަަަށް ފުލުހުން ހާމަކުރި އެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ފަހުން ނުދެއެވެ.

މީގެ އިތުރުން ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރާއިރު ހުރިހާ ފަހަރަކު އެއް އުސޫލަކުން އަމަލު ނުކުރަނީ ކީއްވެ ތޯ އާއި މުޒާހަރާތަކާއި އެކިއެކި އެއްވުންތައް ރޫޅާލުމުގައި ދިވެހި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުން ނުކުރާތީވެސް ސުވާލުކޮށްފައިވެއެވެ.