ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭކަމަށް ބަޔާންކުރާ ކަރުދާސްތައް އަތުލާފައިވަނީ އެމަނިކުފާނުގެ ސަރުކާރުން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނޭކުރެންދޫ ޖަލުގެ ފުރަތަމަ ފޭސް ކުރިއަށްގެން ދިއުމަށް މިއަހަރު ހަމަޖެހިފައިވާތީ، އެ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކުރަން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަން އިމްރާން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފަ އެވެ.
އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި، ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު ވިދާޅުވީ، 2015 ވަނަ އަހަރު އޭރުގެ އިދިކޮޅުން ސަރުކާރާ ދެކޮޅަށް ބޭއްވި "މޭޑޭ މުޒާހަރާ" ގެ ތެރެއިން ރިލްވާންގެ މައްސަލަ ރައީސް ޔާމީން އާ ގުޅޭކަމަށް ތުހުމަތުކޮށް ކަރުދާސްތަކެއް އިމްރާން ދެއްކެވި ކަމަށެވެ.
ޝިޔާމް ވަނީ އެ ކަރުދާސްތައް މިހާރު ކޮބައިތޯ އިމްރާންގެ ކިބައިން އައްސަވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރައިގެ ތެރެއިން އޭނާ ހައްޔަރުކުރިއިރު، އެ ލިޔުންތައް ފުލުހުން އަތުލާފައިވާ ކަމަށެވެ.
މޭޑޭ މުޒާހަރާގައި ތި ބޭފުޅުން އަޅުގަނޑު ބަންދުކުރި. އޭރު ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިއަ ބައެއްގެ އަތުގައި ވާންޖެހޭނެ. ދެން އަޅުގަނޑު އަނެއްކާވެސް ޖެހޭނީ ތަހުގީގެއް ފަށަން،" ޝިޔާމަށް ރައްދު ދެއްވައި އިމްރާން ވިދާޅުވި އެވެ.
މިހާރު އެމްއެމްޕީއާރުސީ ހިޔާނާތްފަދަ އިތުރު އެހެން ތަހުގީގުތައް ކުރެވެމުންދާތީ، އެ ކަރުދާސްތައް ގެންދިއަ ބަޔަކު ހޯދުމުގެ ތަހުގީގާ ހަމައަށް އަދި ނުދެވޭކަމަށް އިމްރާން ވިދާޅުވި އެވެ.
މެއި 1، 2015 ގައި ބޭއްވި މުޒާހަރާތަގެ ތެރެއިން، މިއަދުުވެސް ހަގީގަތާއި ހަމައަށް ވާސިލްނުވެވިވާ ރިލްވާންގެ އިތުރުން ޑރ. އަފްރަޝީމް އަލީގެ މަރުގެ އިލްޒާމް އޭރުގެ ސަރުކާރުގެ ވެރިންގެ ބޮލުގައި އަޅުވާ އެކަމުގެ ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން ވަނީ ދައްކަވާފަ އެވެ.
އެ ރޭ އިމްރާން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައި، 12 އަހަރަށް ޖަލަށްލާން ހުކުމްކުރި އެވެ. ގިނަ ދުވަސްތަަކަކު ޖަލުގައި ހުންނެވުމަށްފަހު، އިމްރާންގެ ހުކުމް ބާތިލުކޮށްފައިވަނީ މި ސަރުކާރު އައި ފަހުންނެވެ.