ވިޔަފާރި

ސަލާމަތީ ކަންކަން ރަނގަޅު ނޫން އެއާލައިންތަކުގެ ތެރޭ މޯލްޑިވިއަން އާއި މެގަ މޯލްޑިވްސް

Jan 15, 2015
1

އެއާލައިންތަކުގެ ކަންތައްތައް ދިރާސާ ކުރާ، އޮސްޓްރޭލިޔާގެ "އެއާލައިންސް ރޭޓިން ވެބްސައިޓް"ގައި ސަލާމަތީ ކަންތައްތައް އެހާ ރަނގަޅު ނޫން އެއާލައިންތަކުގެ ތެރޭގައި މެގަ މޯލްޑިވްސް އާއި މޯލްޑިވިއަން އަދި މޯލްޑިވިއަން އެއާޓެކްސީ ހިމެނިއްޖެ އެވެ. މޯލްޑިވިއަން އެއާޓެކްސީ އަކީ މިހާރުގެ ޓީއެމްއޭ އެވެ.

އެ ވެބްސައިޓްގައިވާ ގޮތުގައި އެ ތިން އެއާލައިނަށް ލިބިފައި ވަނީ ހަތް ތަރީގެ ތެރެއިން ދެ ތަރި އާއި ތިން ތަރި އެވެ. އެ ރޭންކްތަކުގައިވާ އެއާލައިންތަކުގެ ސަލާމަތީ ކަންކަން ހުރީ އެންމެ އެކަށީގެންވާ ގޮތުގައި ނޫން ކަމަށް އެ ވެބްސައިޓްގައިވެ އެވެ. ހަތް ތަރި ލިބިފައި ވަނީ ސަލާމަތީ ގޮތުން އެންމެ މަތީ ފަންތީގެ އެއާލައިންތަކަށެވެ. އަދި އެއާލައިންތައް ރޭންކް ކުރުމުގައި ބަލާފައި ވަނީ އެ އެއާލައިނެއް ނިސްބަތްވާ ގައުމެއްގެ އިދާރާތަކުގެ ރިޕޯޓްތަކަށާއި އިންޓަނޭޝަނަލް ފާމްތަކުން ހަދާފައިވާ އޮޑިޓްތަކަށެވެ.

ސަލާމަތީ ކަންކަން ރަނގަޅު ނޫން އެއާލައިންތަކުގެ ލިސްޓްގައި އެންމެ ގިނައިން ހިމެނެނީ ކުދި އަދި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އެއާލައިންތަކެވެ. އެގޮތުން 18 އެއާލައިނެއް އެ ލިސްޓްގައިވެ އެވެ. އެންމެ ތަރިއެއް ލިބިގެން ސަލާމަތީ ކަންކަން އެންމެ ގޯސް އެއާލައިންތަކުގެ ލިސްޓްގެ ކުރީގައި އުޅެނީ ޓަރާ އެއާ އާއި ނޭޕާލް އެއާލައިންސް އާއި އަފްޣާނިސްތާންގެ ކަމް އެއާ އާއި ކަޒަކިސްތާންގެ ސްކާޓް އެއާ އަދި އިންޑޮނޭޝިއާގެ ލަޔަން އެއާ އެވެ.

ހަތް ތަރި ހޯދައިގެން ލިސްޓްގެ އެންމެ ކުރީގައި 149 އެއާލައިނެއް ހިމެނެ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ވައިގެ އެންމެ ބޮޑު އެކްސިޑެންޓް ކުރިމަތިވި މެލޭޝިޔަން އެއާލައިންސް ހިމެނެ އެވެ. އެ އެއާލައިނަށް ލިސްޓްގެ މަތިން ޖާގަ ލިބުނީ އެ އެއާލައިންގެ ސަލާމަތީ ކަންކަމުގެ ޓްރެކް ރެކޯޑްތައް ޖުމްލަކޮށް ރަނގަޅު ކަމަށް ރިޕޯޓްތަކުން ދައްކާފައި ވާތީ ކަމަށް އެއާލައިންސް ރޭޓިން ވެބްސައިޓްގައިވެ އެވެ.