އިންޑިއަން އައިޑޮލް

އިންޑިއަން އައިޑަލް: އަންޖަލީ ބޭރުކޮށްލުން ހައިރާންކަން

ސޮނީ ޓީވީގެ މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް"ގެ މިހާރު ދައްކަމުންދާ 12 ވަނަ ސީޒަނުގެ ބައިވެރިންގެ ތެރެއިން އެންމެ ފަހުން ޝޯއަށް އަލްވަދާއު ކިޔާފައިވަނީ އަންޖަލީ ގައިކްވަދް އެވެ. އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ޝޯގެ ހޯސްޓް އަދިތުޔާ ނާރަޔަން ބުނި ގޮތުގައި ހަތް ހަފުތާގެ ވޯޓު ގުނުމުން އެންމެ މަދުން ވޯޓު ލިބުނީ އަންޖަލީ އަށެވެ. އޭނާ ޝޯއިން ބޭރުވާން ޖެހުނީ އެހެންވެ އެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އަންޖަލީ ބޭރުކޮށްލުމުން އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. ޚާއްސަކޮށް އަންޖަލީގެ ފޭނުންނަށް މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ވަރުގެ ކަމަކަށް ނުވި އެވެ.

އަންޖަލީ އަކީ ތަމްރީނު ހޯދާފައިވާ ކްލެސިކަލް ލަވަކިޔުންތެރިއެކެވެ. އަދި މިފަހަރުގެ ސީޒަނުގައި ބައިވެރިވާ އެންމެ ހަގު ލަވަކިޔުންތެރިޔާ ވެސް މެއެވެ.

ޝޯ އާ ވަކިވުމަށްފަހު އިންޑިޔާގެ އޮންލައިން ނޫހަކަށް ވީޑީއޯ މެދުވެރިކޮށް ދިން އިންޓަވިއު އެއްގައި އަންޖަލީ ބުނީ އޭނާ ޝޯއާ ވަކިވުން ޝޮކަކަށް ވީ ހަމައެކަނި އޭނާއަކަށް ނޫނެވެ. އެ ޝޯގެ ކުރޫންނަށް ވެސް ވަރަށް ބޮޑު ޝޮކެއް އޭނާގެ ވަކިވުމުން ލިބުނެވެ.

"އަހަރެން ހިޔެއް ނުކުރަން އަހަރެންނަށް ޝޯ އާ މިހާ އަވަހަށް ވަކިވާންޖެހިދާނެ ކަމަކަށް. ޓޮޕް 5 ގައި ހިމެނޭނެ ކަމަށް ވަރަށް އުންމީދުކުރިން. ސަބަބަކީ އަހަރެންގެ ލަވަކިޔުމުގެ ފެންވަރު ދުވަހެއް ދުވަހަށް ރަނގަޅުވަމުން އައިމަ. ނަމަވެސް ޝޯގެ ފޯމެޓް އޮންނަ ގޮތުން ޖަޖުންގެ ވޯޓާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން ވޯޓު ލިބޭ މީހަކު ޝޯއިން ވަކިވާން ޖެހޭތީ މިފަހަރު އަހަރެންނަށް ވަކިވާން ޖެހުނީ. އަހަރެންގެ އެއްވެސް ހިތްހަމަނުޖެހުމެއް އެކަމަކާ ނެތް،" އަންޖަލީ ބުންޏެވެ.

އަންޖަލީ އަށް އޯކޭ ވިޔަސް އޭނާގެ ފޭނުންނަކަށް މިކަން އެއްގޮތަކަށް ވެސް އޯކޭއެއް ނޫނެވެ. އެމީހުން ދަނީ ސޯޝަލް މީޑިއާގައި މިކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ. އަދި އަންޖަލީ އަނބުރާ ޝޯ އަށް ގެންނަން ގިނަ ބަޔަކު ދަނީ ޑިމާންޑް ވެސް ކުރަމުންނެވެ.

ފޭނުންގެ ލޯތްބާއި އެހީތެރިކަމަށް އަންޖަލީ ޝުކުރު އަދާކުރި އެވެ. އަންޖަލީ ސިފަ ކުރި ގޮތުގައި މިއީ އަދި އޭނާގެ ލަވަކިއުމުގެ ދަތުރުގެ ފެށުމެވެ. އެންމެ ޝޯއަކުން އެހެން ދިމާވިޔަސް އޭނާގެ ހިތެއް މަރެއް ނުވެ އެވެ.
"އަދި ކްލެސިކަލް ސިގިންގެ ރޮނގުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. މި ޝޯއިން އެކަން ކުރެވުނު ކަމުގެ އިހްސާސެސް ނުވޭ،" އަންޖަލީ ބުންޏެވެ.

ޝަންމުކާ ޕްރިޔާ އަށް ވުރެ އަންޖަލީގެ ލަވަކިޔުމުގެ ފެންވަރު މާ ރަނގަޅުކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް ޝޯ އިންތިޒާމްކުރާ ފަރާތުން ޝަންމުކާ ކޮޅަށް ޖެހިފައިވަނީކަމަށް އެމީހުން ތުހުމަތުކުރެ އެވެ. ނަމަވެސް އަންޖަލީ ބުނަނީ އިންޑިއަން އައިޑަލްގެ ޓީމުން ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެއީ ޝޯގެ ފޯމެޓް އޮތް ގޮތުން ވީ ކަމެއް ކަމަށް އަންޖަލީ ގަބޫލުކުރެ އެވެ.

އަންޖަލީ ޝޯގައި ބައިވެރިވީ އޭނާގެ ބައްޕަގެ މާލީ ހާލަތު ވަރަށް ގޯސްވެގެން އެކަމަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ކަމަށް އޭނާ ވަރަށް ގިނަ ފަހަރު ބުނެފައި ވެއެވެ. އެހެންވެ ޝޯއިން ވަކިވާން ޖެހުމުން ބައްޕައަށް އިތުރަށް އެހީތެރި ނުވެވޭނެތީ ދެރަވާ ކަމަށް އަންޖަލީ ބުންޏެވެ. ނަމަވެސް ދައްތަ ނަންދިނީ އާއެކު ލަވަކިޔުމުގެ ރޮނގުން ކުރިއަރަން އިތުރަށް މަސައްކަތްކުރާނެކަމަށް އަންޖަލީ ބުންޏެވެ.

ޝޯއިން ވަކިވެގެންދާއިރު ކޮންމެ ބައެއްގެ މަތިންތޯ އެންމެ ހަނދާން ވާނީ ސުވާލުކުރުމުން އަންޖަލީ ބުނީ ސަޔާލީ އާއި ޝަންމުކާ ކަމަށެވެ.

"ސަޔާލީ އާއި ޝަންމުކާ އާ އެންމެ ގާތް ގުޅުމެއް އޮތީ. އެހެންވެ އެމީހުން މަތިން ވަރަށް ހަނދާން ވާނެ،" އަންޖަލީ ބުންޏެވެ.