ކެފޭ ރެސްޓޯރެންޓް ތަކުން ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ވިޔަފާރި ކުރަން އަނެއްކާ ވެސް ހުއްދަ ދޭން މަޝްވަރާ ކޮށްފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ތަމްސީލް ކުރައްވާ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ބީޗް ސަރަހައްދު އަލުން ހުޅުވާލުމަށް އެޗްޑީސީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ބީޗް ސަރަހައްދު ވިޔަފާރިތަކަށް ހުޅުވާލުމާ ގުޅޭގޮތުން ގެސްޓް ހައުސްތަކާއި ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށާއި ގޮތްތަކެއް ނިންމުމުގެ ކުރިން އާންމު ރައްޔިތުންގެ ހިޔާލުވެސް ފުޅާދާއިރާއެއްގައި ހޯއްދަވާނެ ކަމުގައިވެސް ޝުޖާއު ވަނީ މައުލޫމާތު ދެއްވާފަ އެވެ.
"ހުޅުމާލެ އޮންނަނީ އެޗްޑީސީގެ އިހުތިސޯސްގެ ތެރޭގައި. އެހެންކަމުން އަޅުގަނޑުމެން ހުޅުމާލޭގައި ކޮންމެ ކަމެއް ކުރަން ބޭނުންވިޔަސް މިވަގުތު އެބަހުރި ދަތިތައް. އަޅުގަނޑުމެން ހުޅުމާލޭގެ ރައްޔިތުންނަށްޓަކައި ކިތަންމެ ރަނގަޅު ކަމެއް ކުރަން ބޭނުންވިޔަސް އެކަމެއް ކުރެވެން މި އޮންނަނީ އެޗްޑީސީ އާއި މަޝްވަރާކޮށްގެން. އެހެންވެ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއްވެސް ސިޓީ ކައުންސިލްގެ ދަށަށް ގެނެވޭތޯ ވެސް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން" ސުޖާއު ވިދާޅުވި އެވެ.
ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހިންގަމުން ދިޔަ ކެފޭ ތަކާއި ރެސްޓޯރަންޓްތައް އަދި އެ ސަރަހައްދުގައި ހަދާފައި ހުރި ހަޓުތައް އެޗްޑީސީން ނަގާފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
އެޗްޑީސީން އޭރު އެ ސަރަހައްދު ހުސްކުރީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތަށް އެ ސަރަހައްދުގައި ހޮޅިތަކެއް ވަޅުލުމަށް ބިންގަނޑު ކޮންނަން ޖެހުމާ ގުޅިގެންނެވެ. އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަސައްކަތް މިހާރު ވަނީ ނިންމާލާފަ އެވެ.
މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ވިޔަފާރީގެ މަސައްކަތްތަކެއް ފެށުމަށް ބޭނުންވި ނަމަވެސް އެޗްޑީސީގެ ޕްލޭނަކީ ރެކްރިއޭޝަނަލް ބޭނުންތަކެއް ކުރެވޭ ގޮތަށް އެ ސަރަހައްދު ތަރައްގީ ކުރުމެވެ. އެގޮތުން އެސަރަހައްދު ވައިފައިގެ ޒަރީއާއިން ގުޅާލުމާއި، ދުވާ ޓްރެކެއް ތަރައްގީކުރަން އެޗްޑީސީ އިން ވަނީ ނިންމާފަ އެވެ. އަދި މުނިފޫހިފިލުމަށް ބައެެއް ކަހަލަ ކުޅިވަރުތައް ކުޅެވޭނެ ގޮތް ހެދުމާއި މޫދަށް އެރެން ބޭނުންވާ މީހުންނަށް ބައެއް ކަހަލަ ވަސީލަތްތައް ގާއިމުކުރުންވެސް ހިމެނެ އެވެ. އެކި މަރުހަލާ ތަކަށް ބަހާލައިގެން ޒަމާނީ ފެންވަރަކަށް ބީޗް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.
ހުޅުމާލޭގައި ކެފޭ ރެސްޓޯރަސްޓްތަކަށް ހާއްސަކޮށްގެން ފުޑް ކޯޓުތަކެއް އެޅުމަށް އެޗްޑީސީން ނިންމާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދު ތަރައްގީކޮށް އެ ސަރަހައްދުގަ އެވެ.