ކުށްކުރާ މީހުންގެ ވަނަވަރު އާންމުކުރުމުގައި ތަފާތު ނުކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ލިޔުމުން ޖަވާބު ހޯއްދަވަން ބޭނުންވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ މިނިސްޓަރު ދެއްވި ޖަވާބު އިއްވާފަ އެވެ.
މީކާއީލްގެ ސުވާލުގައި ވަނީ ބޮޑެތި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުންގެ އިދާރާއިން ހާމަކުރާއިރު ހުރިހާ ފަހަރަކު އެއް އުސޫލަކުން އަމަލު ނުކުރަނީ ކީއްވެތޯ އައްސަވާފަ އެވެ.
އިމްރާން ވިދާޅުވީ ފުލުހުން ތަހުގީގުކުރާ ޖިނާއީ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ފުލުހުން އަބަދުވެސް ހާމަކުރަނީ އެއްވެސް ތަފާތުކުރުމެއް ނެތި އާންމުކޮށް އެއް އުސޫލަކުން ކަމަށެވެ.
ހާއްސަކޮށް ޖިނާއީ ބޮޑެތި ކުށްތައް ކުރާ މީހުންގެ ވަނަވަރު އާންމުކުރުމުގައި ގެންގުޅޭ އުސޫލު އިމްރާން ސާފުކޮށްދެއްވި އެވެ. އެގޮތުން ކުރި ކުށުގެ ބޮޑުމިނާއި ލިބިފައިވާ ހެއްކާއި ގަރީނާއާއި އެމީހަކީ ތަކުރާރުކޮށް ކުށުގެ އަމަލުކުރާ މީހެއްތޯ ބަލައި ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން މީހެއްގެ ވަނަވަރު އާންމުކުރާއިރު ކުރި ކުށުގެ އަމަލާއި ޖުމްލަ މަސްލަހަތު އޮތް މިންވަރަށް ބަލާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާއި އެ ކުށާއި ގުޅުން އޮތް މިންވަރު ބެލުމަށްފަހު ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށް ވަަނަވަރު އާންމުކުރަމުންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އާންމުކޮށް ކުށްކުރާ މީހުންގެ ވަނަވަރު ހާމަކުރަނީ ޖިނާއީ ބޮޑެތި މައްސަލަތަކުގަ އެވެ. މީގެތެރޭގައި ޓެރަރިޒަމުގެ އަމަލުތަކުގައި ބައިވެރިވާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރާ މީހުންނާއި މަރުގެ މައްސަލަތަކުގައި ބައިވެރިވާ މީހުން ހިމެނެ އެވެ.