ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާއިން ތިންއަހަރު ކުދިންނަށް ވެކްސިންދެނީ

ޗައިނާގައި ތިން އަހަރުގެ ކުޑަކުދިންނަށް ސިނޮވެކް ކޮވިޑް ވެކްސިން ދިނުން އެންމެ ރަނގަޅު ކަމަށް ސިއްހީ އިދާރާތަކުން ބުނާ ކަމަށް ނޫސް ރިޕޯޓްތައް ބުނެފި އެވެ.

ޗައިނާގެ ގައުމީ ޓިވީން ގެނެސްދިން ރިޕޯޓެއްގައި އިދާރާތަކުން މިކަމަށް އެއްބަސްވާ ކަމަށް ވަނީ ބުނެފަ އެވެ. ސީސީޓިވީން ބުނީ ތިން އަހަރާ 17 އަހަރާ ދެމެދު އުމުރު ފުރައަށް ސިނޮވެކް ވެކްސިން ދިނުން ރަނގަޅު ކަމަށް ސިއްހީ އިދާރާތަކުން ބުނާ ކަމަށެވެ.

އޭއެފްޕީން ކުރި ސުވާލަކަށް ޖަވާބު ދެމުން ސިނޮވެކް ތަރުޖަމާނަކު ވިދާޅުވި ގޮތޮން ޗައިނާގެ ސިއްހީ އިދާރާތަކުން އެ ހުއްދަ އޮތީ ދީފަ އެވެ. އެއީ އިމަޖެންސީ ބޭނުންތަކަށް ހާއްސަ ހުއްދައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިކަމާ ގުޅުން ހުރި މަޝްވަރާތަކެއް ވެކްސިން އުފައްދާ ކުންފުނިތަކާއެކު ކުރި ނަމަވެސް އުމުރު ހަގު ކުދިންނަށް ވެކްސިން ދޭން ފެހި ސިގްނަލެއް އަދި ނުދެ އެވެ. ކުޑަކުދިންނަށް ކޮވިޑް ވެކްސިން ދޭނެ ގޮތެއް އަދި މުޅިން ނުނިންމާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ކުޑަކުދިންނަށް ކޮވިޑް ވެކްސިން ދޭން ޖެހިދާނެ ކަމަށް ބަލައި ސިނޮވެކްއިން ޓެސްޓް ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. އަޖުމަ ބެލުމަށްޓަކައި 500 ކުދިންނަށް ވެކްސިން ދީފައިވާ ކަމަށް ވެސް ބުނެވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސިނޮވެކް ވެކްސިނަށް ހުއްދަ ދީފައި ވަނީ 18 އަހަރުން މަތީ އުމުރުފުރައަށެވެ. އެހެން ނަމަވެސް ފައިޒާ-ބަޔޮންޓެކް ވެކްސިން 12 އަަހަރުން މައްޗަށް އޮތީ ހުއްދަދީފަ އެވެ.

ސިންގަޕޫރާއި އިނގިރޭސިވިލާތް އަދި ފްރާސާއި ސްޕޭނުން ވެސް މިހާރު ކުޑަކުދިންނަށް ކޮވިޑް ވެކްސިންދޭނެ ގޮތެއް އަންނަނީ އަޖުމަ ބަލަމުންނެވެ.