ދުނިޔެ

ނައިޖީރިއާއަކީ ގަދަ ގައުމެއް: ޓްރަމްޕް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނައިޖީރިއާއަށް ތައުރީފު ކުރައްވައި އެއީ ހިތްވަރުގަދަ ގައުމެއް ކަމަށް ވިދާޅު ވެއްޖެ އެވެ. ނައިޖީރިއާގައި ޓްވިޓާ ބޭނުން ކުރުން މަނާކޮށް ކުށަކަށް އޮތީ ހަދާފަ އެވެ. ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ނައިޖީރިއާ ނަމޫނާއަކަށް ބަލަންޖެހޭ ކަމަށާއި ހުރިހާ ގައުމެއްގައި ޓްވިޓާ މަނާ ކުރަންވީ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ޓްވިޓާއަށް ގޯސްވީ ރައީސް ބުހާރީ ކަަށާއި އެއީ ގައުމެއްގެ ރައީސްކަން ޓްވީޓާއަށް ނޭނގުނު ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ނައިޖީރިއާއިން ގޯހެއް ނުހަދައޭ" ޓްރަމްޕް ވިދާޅުވި އެވެ. "ޓްވީޓާއަށް ގައުމެއްގެ ރައީސް ބަންދު ކުރެވެންޏާ، ގައުމެއް ރައީސަކަށް ޓްވިޓާ ބަންދު ނުކުރެވެންވީ ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ވައިޓް ހައުސްގައި ހުންނެވިއިރު ފޭސްބުކާ ޓްވިޓާއިން މިކުޅޭ ކުޅިގަނޑާ ދޭތެރޭ އެއްގޮތަކަށް ވެސް ވިސްނިވަޑައިގެންފައި ނެތް ކަމަށެވެ.

"އެހެންތާ ވާނީ، މިއުޅޭ މާކް ޒުކަބާގް އިރުކޮޅަކާ ގުޅާނެ، ޑިނާއެއް އޮތްތޯ ބަލަން،" ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވީ މާކް ޒުކަބާގަށް ވައިޓް ހައުސްއިން ކާން ބޯން ދިން ކަމަށާއި ޒުކަބާގް އޭރު އުޅުއްވީ އެމަނިކުފާނުގެ ކޮނޑަށް އަތްއެއްލަވައިގެން ކަމަށެވެ. އެމަނިކުފާން އަދި ވިދާޅުވީ 2024 ގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށާއި ރައީސް ކަމަށް ވަޑައިގެންނެވިއްޖެ ނަމަ މާކް ޒުކަބާގަށް ފެންތިއްކެއް ވެސް ނުދެއްވާނެ ކަމަށެވެ.

ފޭސްބުކް މެނޭޖްމަންޓުން ޓްރަމްޕްގެ އެކައުންޓް ބަންދުކޮށް ދެއަހަރު ދުވަހުގެ ހުކުމެއް ވަނީ އިއްވާފަ އެވެ. އެއީ އެންމެ ފުރަތަ އެކައުންޓް ބަންދުކުރި ތާރީހުން ފެށިގެން ޖެނުއަރީ 7، 2023 ގެ ނިޔަލަށެވެ. އެމަނިކުފާނަށް ފޭސްބުކް ދެން އެންމެ އަވަހަށް ވެސް ބޭނުން ކުރެއްވޭނީ މިތާރީހަށް ފަހު އެވެ.