މާލެ ސިޓީ ކައުންސިލަކީ ހާމަކަން ބޮޑު ގޮތަކަށް ހިންގާ ކައުންސިލަކަށް ހެދުމަށްޓަކައި ކައުންސިލްގެ ބައްދަލުވުންތައް ލައިވްކުރަން ކައުންސިލްގެ މިދައުުރުގެ ފުރަތަމަ ބައްދަލުވުމުގައި އޮތީ ނިންމާފައި ކަމަށް މާލޭގެ މެޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ކައުންސިލްގެ ޖަލްސާތައް އާންމުކޮށް ފެންނާނެހެން ސޯޝަލް މީޑިއާ މެދިވެރިކޮށް ލައިވް ކުރަން ފާސްނުވި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެކަން ދޮގުކުރައްވަމުންނެވެ.
މުއިއްޒު ވިދާޅުވީ އާ ކައުންސިލްގެ ފުރަތަމަ އާންމު ޖަލްސާގައި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކުރި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ބައްދަލުވުންތައް ލައިވްކުރުމަށް ކަނޑައަޅާފައި އޮންނާނެ ކަމަށެވެ. ކައުންސިލްގެ އެ ނިންމުން ފުރިހަމަކުރުމަށް ކައުންސިލްގެ އައިޓީ ޑިޕާޓްމަންޓުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލްގެ ކަންކަން ހާމަކަން ބޮޑު ގޮތަކަށް ކުރިއަށްދާ ކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ ކައުންސިލަރުންގެ މާލީ ބަޔާންތައް ކައުންސިލްގެ ވެބްސައިޓުގައި ކޮންމެހެން އާންމު ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ކައުންސިލް މެމްބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ކައުންސިލް ބައްދަލުވުމެއްގައި ފާސްކޮށްފައި ނުވާ ކަމަށް ބައެއް ކައުންސިލަރުން ވަނީ ބުނެފަ އެވެ.
ކައުންސިލްތަކުން އަމަލުކުރަންޖެހޭ ލާމަރުކަޒީ ގާނޫނުގައި ބައްދަލުވުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ލާޒިމް ކޮށްފައެއް ނުވެ އެވެ. އަދި ކައުންސިލަރުންގެ މާލީ ބަޔާން އާންމުކުރާކަށް ވެސް ނުޖެހެ އެވެ. ނަމަވެސް ވަކި މުއްދަތެއްގެ ތެރޭގައި އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލަކަށް މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ.