ފަހި ދިރިއުޅުން ކޯޕަރޭޝަން

މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ހޯދަން އެދިފައެއް ނުވޭ: ފަހި ދިރިއުޅުން ކޯޕަރޭޝަން

މާލޭ ސިޓީ ކައުންސިލުން އެއްވެސް މައުލޫމާތެއް ހޯދަން އެދިފައި ނުވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ބިޒްނަސް ޑިވެލްޕްމެންޓް އެންޑް ކޯޕަރޭޓް އެފެޔާޒްގެ މެނޭޖަރު އަހްމަދު ޝަމުލް އަބްދުﷲ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އެއްވެސް މައުލޫމާތަކަށް އެދިފައި ނުވާ ކަމަށާއި މާލެ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނާއި އެއްވެސް މުއާމަލާތެއް އަދި މިހާތަނަށް ކޮށްފައި ނުވާ ކަމަށެވެ.

ޝަމުލް މިހެން ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރެޝަނުން މާލޭ ސިޓީ ކައުންސިލަށް އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށާއި ޖަވާބުދާރީ ނުވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

ޑރ. މުއިއްޒު މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުން ފޯނު ކޯލެއްގެ ފުރުސަތު ވެސް ނުލިބުނު ކަމަށާއި ބައްދަލުވާން އެދުމުން އެ ފުރުސަތު ވެސް ނުލިބުނު ކަމަށެވެ. ސިޓީ ވެސް ފޮނުވި ކަމަށާއި އެ ސިޓީ އަށް ވެސް ޖަވާބު ނުލިބޭ ކަމުގައި ވިދާޅުވި އެވެ.

މުއިއްޒުގެ މިވާހަކަތަކާ ގުޅިގެން ޝަމުލް ވިދާޅުވީ މާލޭގެ މޭޔަރު ޑރ. މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު މުއިއްޒުގެ ސިޓީއެއް ކޯޕަރޭޝަނަށް ލިބުނު ކަމަށެވެ. ނަމަވެސް އެ ސިޓީގައި ވަނީ އިލްތިމާސްތަކެއް ކަމަށާއި މައުލޫމާތެއް ހޯދުމަށް އެދިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝަމުލް ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން މިހާތަނަށް އެއްވެސް ކަމަކާއި ގުޅޭގޮތުން އެ ކޯޕަރޭޝަނުން މައުލޫމާތެއް ހޯދަން އެދިފައި ނުވާ ކަމަށާއި އެ ކޯޕަރޭޝަނާއި އެއްވެސް މުއާމަލާތެއްވެސް ކޮށްފައި ނުވާ ކަމަށެވެ. މީގެ އިތުރުން މާލެ ސިޓީ ކައުންސިލުންކަމަކަށް އެދުމުން އެ ކޯޕަރޭޝަނުން އަދި މިހާތަނަށް އެއްވެސް ކަމެއްގައި އިންކާރު ކޮށްފައިވެސް ނުވާނެ ކަމަށް ޝަމުލް ވިދާޅުވި އެވެ.

އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ފަހި ދިރިއުޅުން އުފައްދާފައި ވަނީ މާޗް 12، 2019 ގަ އެވެ. އެ ކޯޕަރޭޝުން ކުރިއަށް ގެންދާ މަޝްރޫތަކަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

މާލޭގެ މޭޔަރު ޑރ. މުއިއްޒު ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ ހަގީގަތް މާލޭގެ ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކަމަށް ބުނެ އެ ކޯޕަރޭޝަނުން މިއަދު ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އަވަސްގެ މި ޚަބަރަށް ޝަމުލް ދެއްވާފައިވާ މައުލޫމާތަކީ ފަހި ދިރިއުޅުމުގެ ބަޔާނުގައި ހުރި ވާހަަކަތެކެވެ.