މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުން މިމަހުގެ 21 ވަނަ ދުވަހަށް ތާވަލްކޮށްފި އެވެ.
ޑެޕިއުޓީ މޭޔަރު ހޮވުމަށް ބާއްްވަންޖެހޭ ޖަލްސާ 21 ވަނަ ދުވަހަށް ތާވަލްކޮށް މާލެ ސިޓީގެ ހުރިހާ ކައުންސިލަރުން މިހާރު ވަނީ 14 ދުވަހުގެ ނޯޓިސް ދީފަ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގެ ޖަލްސާ މިމަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމާފައިވީ ނަމަވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން މާލޭގެ ޑެޕިއުޓީ މޭޔަރާއި ރަށްރަށުގެ ކައުންސިލްގެ ނައިބު ރައީސުންގެ އިތުރުން އަންހެނުންގެ ކޮމެޓީގެ ރައީސުންނާއި ނައިބުން އިންތިހާބު ކުރުމަށް ކައުންސިލް ތަކަށް އަންގާފަ އެވެ.
އެލްޖީއޭގެ އޮފިޝަލަކު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުން މިމަހުގެ 21 އަށް ތާވަލްކޮށްފައިވަނީ އެލްޖީއޭ އަށް ލިޔުމުން ހުށަހަޅައި، އެލްޖީއޭގެ ހުއްދަ ލިބިގެން ކަމަށެވެ.
"މާލެ ސިޓީ ކައުންސިލަށް 20 ދުވަހު ކަމެއް އުޅޭތީވެ އެ ދުވަހު އެކަން ކުރަން ދަތިވާ ކަމަށް އަންގާފައި އޮތީ. އެހެންވެ އަޅުގަނޑުމެން ހާއްސަ ހުއްދައެއް ދީފައިވަނީ 21 އިގެ ކުރިން ޑެޕިއުޓީ މޭޔަރު ހޮވަން. އެހެން ކައުންސިލަކަށް އެފަދަ ހުއްްދައެއް ނުދެން،" އޮފިޝަލް ވިދާޅުވި އެވެ.
ކައުންސިލްތަކުން ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން ހޮވަނީ އެ ކައުންސިލެއްގައި ތިބޭ ހުރިހާ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އާންމުކޮށް ކައުންސިލަރުން ހުވާ ކުރެއްވުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި އެ މަގާމުތަކަށް ބޭފުޅުން ހޮވަ އެވެ.
ކޮވިޑް ހާލަތާ ގުޅިގެން ބައެއް ކައުންސިލަރުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީއާއި ދަތުރުކުރުމަށް ހުރި ދަތިތަކާއި ކަރަންޓީން އުސޫލު އޮންނަ ގޮތުންނާއި އަދި ބައެއް ރަށްތައް ބަންދުކޮށްފައިވާތީ ބައެއް ކައުންސިލަރުންނަށް ވަނީ އެ މީހުންގެ ރަށަށް ގޮސް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވުމަށް ދަތިތަކަކާ ކުރިމަތިވެފަ އެވެ.
ޑެޕިއުޓީ މޭޔަރު ނުހޮވާ އޮތް ހަމައެކަނި ކައުންސިލަކީ ވެސް މާލެ ސިޓީ ކައުންސިލް އެވެ. ނައިބް ރައީސް ނުހޮވާ ބައެއް ރަށްތައް ހުރި ނަމަވެސް ސީދާ އަދަދެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މާލޭގެ މޭޔަރާ އެކު 18 ކައުންސިލަރުން މާލެ ސިޓީ ކައުންސިލަށް އިންތިހާބު ކޮށްފައިވާއިރު އޭގެ ތެރެއިން 12 ކައުންސިލަރުންނަކީ އިދިކޮޅު ޕީޕީއެމްގެ ބޭފުޅުންނެވެ. އެހެންކަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ހޮވޭނީ ޕީޕީއެމްގެ ކައުންސިލަރެއް ކަމަށް ބެލެވެ އެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް މިހާރު ވާދަކުރައްވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ އިތުރުން މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް އެވެ. މީގެކުރިން ޕީޕީއެމްގެ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު (ހެރިންސް އައްލޯ) ވެސް އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.
އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލޭގެ ޑެޕިއުޓީ މޭޔަރުގެ ވާދަވެރިކަން ބޮޑުވެފައިވީ ނަމަވެސް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން ވަކި ބޭފުޅަކު އެ މަގާމަށް ގެނައުމަށް މަަސައްކަތް ނުކުރާނެ ކަމަށެވެ.