އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މިއަދު މައްސަލަ ފޮނުވައިފި އެވެ.
މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މަހްލޫފްގެ މައްސަލާގައި ތަހުގީގަށް ފާހަގަކުރެވުނު ކަންކަން ހާމަކޮށްފަ އެވެ. އެގޮތުން ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަން އެނގޭ ކަމަށެވެ.
ބިލް ފާސްކުރަން ވޯޓު ދެއްވުމަށްޓަކައި އޮގަސްޓް 27، 2014ގައި މަހްލޫފް މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވީ މެލޭޝިޔާގައި ހުންނެވުމަށް ސީދާ ވޯޓަށް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ބިލް ފާސްކުރަން މަހްލޫފް ވޯޓު ދީފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.
"އެ ވޯޓަށް ފަހު އަހްމަދު އަދީބު އަބްދުލްޣަފޫރު (ހ.ސާމަރާ / މާލެ) އާއި އަހްމަދު މަހްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ." ބަޔާނުގައިވެ އެވެ.
އޭސީސީ ބުނީ މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އަކީ، ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެ އެސްއޯއެފް ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމެއް މަހްލޫފް ފަރާތުން އޭސީސީ އަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ތަހުގީގުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގެން ނެތް ކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެ ފައިސާ އަކީ އަދީބުގެ ކިބައިން ރިޝްވަތުގެ ގޮތުގައި މަހްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހްގީގަށް ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގޭ ކަންވެސް ފާހަގަކޮށްފައިވެ އެވެ. އެހެންވެ މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.
މަހްލޫފަށް ލިބުނު ޑޮލަރަކީ ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއް ކަން ދެއްކުމަށްޓަކައި އޭސީސީއަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އެގޮތުން މަހްލޫފް އޭސީސީ އަށް ހުށަހަޅާފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމާއި، ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސްއޯއެފްއާ ހަވާލުކޮށްފައިވާނެ ކަމަށް ވިދާޅުވެ މަހްލޫފް އޭސީސީއަށް ފޮނުވާފައިވާ ސިޓީއާއި ދެއްވާފައިވާ ބަޔާނަކީ ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށް ދެއްވާފައިވާ ބަޔާނެއް ކަން ފާހަގަކޮށްފައިވެ އެވެ. އެހެންވެ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ތަހުގީގަށް އެނގެން އޮތް ކަމަށް ނިންމާ، ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން މަހްލޫފްގެ މައްޗަށް ދެވަނަ ދައުވާ ދައުވާއެއް ކޮށްދިނުމަށްވެސް އެދިފައިވެ އެވެ.
މަހްލޫފްގެ ދިފާއުގައި އޭސީސީއަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ މަހްލޫފްގެ ކޮއްކޮ އަލީ މުބީން އަށް ދައުވާ ކޮށްދިނުމަށްވެސް އޭސީސީން ޕީޖީގައި ވަނީ އެދިފަ އެވެ.
މިނިސްޓަރު މަހްލޫފް މީގެކުރިން ވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރާ ހިސާބުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.