އެމްއޭސީއެލް

އެއާޕޯޓުގައި މަސައްކަތް ކުރަން ދިވެހިން ހޯދަނީ

Jun 9, 2021
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މަސައްކަތް ކުރާނެ ދިވެހި މުވައްޒަފުން ހޯދަން ފަށައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް)ގެ ވަޒީފާތަކަށް މީހުން ހޯދާކަން އަންގާ މީޑިއާ ތަކަށް އެ ކުންފުނިން ފޮނުވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވީއައިއޭ އަކީ ރާއްޖޭގެ އިގްތިސޯދުގައި ހިއްސާވާ އެންމެ ބޮޑު ބައިވެރިޔާ ކަމަށެވެ.

ވީއައިއޭގައި އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށްދާއިރު މި މަޝްރޫއަށް ބޭނުންވާ ދިވެހިން ތަމްރީން ކުރަންވެސް ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ އަހަރަކު 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރާ އެއާޕޯޓަށް ގާބިލް ދިވެހިންގެ ޓީމެއް އެކުލަވާލުމަށްޓަކައި ދިވެހިން ބޭނުންވާ ކަމަށެވެ.

އެމްއޭސީއެލް އިން ދާދިފަހުން ވަނީ ސީނިއަ ޑިވްލޮޕްމަންޓް މެނޭޖަރަކާއި ފަސް ޑިވެލޮޕްމަންޓް މެނޭޖަރުން އަދި ދެ ޕްރޮޖެކްޓް މެނޭޖަރުންނާއި ދެ ޕްރޮޖެކްޓް އޮފިސަރުން ހޯދަން ވެސް އިއުލާންކޮށްފަ އެވެ.

އެ ކުންފުނިން ބުނީ އަލަށް މަގާމަށް އައްޔަން ކުރާ މުވައްޒަފުން ތަޖުރިބާ ހުރި މުވައްޒަފުންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

ވީއައިއޭގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އިއުލާން ކުރި އިރު އެ ކުންފުނީގެ ސީނިއާ މަގާމުތަކަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އައްޔަން ކޮށްފަ އެވެ. މީގެތެރޭގައި އެމްޑީއަކަށް އިނގިރޭސިވިލާތުގެ ބޭފުޅަކު އައްޔަންކޮށްފައިވެ އެވެ.