ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޕޮލިސް ޓޭބަލުގެ ކުރީގައި ހަމަޖެހިލައިފި އެވެ.
ހަތް ޓީމު ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ އަށް ހޮވޭ މުބާރާތުގައި ރޭ ޕޮލިސް މޮޅުވީ ގުޑީސްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ޕޮލިހުގެ އައިޝަތު ޝައްފަ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެޗުގެ ތިން ސެޓް އެ ޓީމު ގެންދިޔައީ ގުޑީސް އަށް 15 ޕޮއިންޓް ދީފަ އެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗު ކާމިޔާބު ކުރީ އިހަވަންދޫ ޕޯލް ސްޓާ އެވެ. އެ ޓީމު މޮޅުވީ ދިއްދޫ ޓީނޭޖް ބޯއީސްއާ ވާދަކޮށް 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް އިހަވަންދޫ ހޯދީ 19-25 އިންނެވެ. ޖެހިގެން އައި ސެޓް ދިއްދޫ ކާމިޔާބު ކުރީ 25-20 އިންނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓް 16-25 އަދި 17-25 އިން އިހަވަންދޫ ކާމިޔާބުކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އިހަވަންދޫގެ ބުއާލީ އެވެ.
މި މުބާރާތުގައި މިއަދު މެންދުރު ކުޅޭނީ ޕޯލް ސްޓާ އާއި ޕޮލިހެވެ. ހަވީރު ކުޅޭނީ ދިއްދޫ އާއި ގުޑީސް އެވެ. މިރޭ ކުޅޭނީ ނައިފަރު ޖުވެނައިލް އާއި ފޮނަދޫ ޒުވާނުންގެ ރޫހެވެ.