ބޭރު ކުޅިވަރު

ބްރެޒިލާއި އާޖެންޓީނާ އެއްވަރު

ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އާއި އާޖެންޓީނާ ރޭ ކުޅުނު މެޗު 1-1އިން އެއްވަރުވެއްޖެ އެވެ.

ދަނޑުން ފެންބޮޑުވުމުގެ ސަބަބުން އިއްޔެރޭ ކުޅެން މެޗު ރެއަށް ފަސްކޮށް ކުޅުނު މެޗުގައި މޮޅަށް ކުޅުނީ އަމިއްލަ ގައުމުގައި ކުޅުނު އާޖެންޓީނާ އެވެ.

އަނިޔާގެ ސަބަބުން މުހިންމު ތިން ފޯވަޑުން ކަމަށްވާ ކެޕްޓަން ލަޔޮނަލް މެސީ އާއި ސާޖިއޯ އަގުއެރޯ އަދި ކާލޮސް ޓެވޭޒް ނެތި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީ 34 ވަނަ މިނިޓްގައި ލަވޭޒީ އެވެ.

މެޗު ނިމެން ހަތަރު މިނިޓަށްވީ ފަހުން ދެ ވަނަ ރީނދޫކާޑާއެކު ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އަށް ރަތްކާޑު ދެއްކި މެޗުގައި ބްރެޒިލަށް ނަތީޖާ ހަމަހަމަކޮށްދިނީ 58 ވަނަ މިނިޓްގައި ލޫކަސް ލިމާ އެވެ.

މި ނަތީޖާއާއެކު ބްރެޒިލް އޮތީ ދެކުނު އެމެރިކާ ކޮލިފައިން ގްރޫޕުގެ ފަސް ވަނާގަ އެވެ. އާޖެންޓީނާ އޮތީ އަށް ވަނާގަ އެވެ. ބްރެޒިލަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އާޖެންޓީނާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އެއްވަނާގައިވަނީ ނުވަ ޕޮއިންޓާއެކު އިކުއެޑޯ އެވެ. ހަތް ޕޮއިންޓާއެކު ދެ ވަނާގައިވަނީ ޗިލީ އެވެ.