ކްރިޕްޓޯކަރަންސީ

އެލް ސަލްވަޑޯގައި ބިޓްކޮއިންއަށް ރަސްމީ ހައިސިއްޔަތު

އެލް ސަލްވަޑޯގައި ބިޓްކޮއިން ރަސްމީ ޑިޖިޓަލް ފައިސާއަކަށް ހަދައިފި އެވެ. މިއީ މުޅި ދުނިޔޭގައި ވެސް ބިޓްކޮއިން – ކްރިޕްޓޯ ކަރަންސީއަށް ރަސްމީ ހައިސިއްޔަތު ދިން ފުރަތަމަ ގައުމެކެވެ. އެލް ސަލްވަޑޯގައި ބިޓްކޮއިން އަކީ މިހާރު ލީގަލް ޓެންޑާ އެކެވެ.

ޒުވާން ރައީސް ނަޔީބް ބުކޭލޭ 39، ވިދާޅުވި ގޮތުން ބިޓްކޮއިން ގާނޫނަށް ކޮންގްރެސްއިން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ ގާނޫނު ފާސް ކުރަން 84 ވޯޓުން 62 ވޯޓު ލިބިވަޑައިގެންނެވި ކަމަށެވެ.

އެލް ސަލްވަޑޯގައި ބިޓްކޮއިން ގާނޫން ފާސް ވުމުން އެ ގައުމުގައި ރަސްމީ ފައިސާއެއް ގޮތުގައި މިހާރު ވެސް ބޭނުންކުރާ އެމެރިކާ ޑޮލަރާއެކު ބިޓްކޮއިން ބޭނުން ކުރެވޭނެ އެވެ.

ބިޓްކޮއިން އާއި އިތީރިއަމް ފަދަ ކްރިޕްޓޯ ކަރަންސީއަށް ފާޑުކިޔުން ހުށަހެޅިފައި ވެއެވެ. ދުނިޔޭގައި ޑިޖިޓަލް ފައިސާ މެނޭޖް ކުރަން މަރުކަޒީ ބޭންކެއް އަދި ނެތްއިރު މިކަމުން މަގުފަހި ވެގެން ދާނީ މަނީލޯންޑަރިން އަދި ގާނޫނާ ގަވައިދުތަކުން ބޭރު މާލީ މުއާމަލާތްތަކަށް ކަމަށް ބުނެވެ އެވެ. އެލް ސަލްވަޑޯއަކީ ދުނިޔޭގައި އެންމެ ކުށްގިނަ އެއް ގައުމެވެ.

އެލް ސަލްވަޑޯއިން ބިޓްކޮއިން އަށް ރަސްމީ ފައިސާއެއްގެ ހައިސިއްޔަތު ދިންއިރު މައިނިން ޕޫލްތަކާއި ޑިޖިޓަލް ވޮލެޓްތަކާބެހޭ ގޮތުން އާންމުން ހޭލުންތެރިވެފައި ތިބީ ކިހާވަރަކަށް ކަމެއް ނޭނގެ އެވެ. މިއީ ކިހިނެއް އުފައްދައި ބޭނުން ކުރެވޭ އެއްޗެއްކަން އެނގިގެން ނޫން ގޮތަކަށް ބޭނުން ކުރެވޭ ފައިސާއެއް ނޫނެވެ. ނަގުދު ފައިސާ ޖީބުން ނަގާފައި ދޭ ގޮތަށް އަތުގެ އިނގިލިތަކުން ގުނާލެވޭ ނޫޓުތަކެއް ޑިޖިޓަލް ފައިސާގައި ނުހުރެ އެވެ.

އީރާނާއި ވެނެޒުއެލާގައި ވެސް ކްރިޕްޓޯ ކަރަންސީއަށް ބާރުގަދަ ހައިސިއްޔަތެއް އޮވެ އެވެ. އެއީ އެމެރިކާއިން މި ގައުމުތަކަށް ދަތިކުރަން އަޅާފައި އޮންނަ ފިޔަވަޅުތަކުން ރެކެން އެ ގައުމުތަކުން ޖައްސާ ސްޓަންޓެކެވެ.